Roadha Mihaaru
މީހުން ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ބޮޑު ނެޓްވޯކެއް

ގެސްޓްހައުސްތަކަށް ގެންގޮސް ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ބޮޑު ނެޓްވޯކެއް

09 ޑިސެމްބަރ 2021

މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ބަރަހަނާކޮށް، ކިޑްނެޕްކޮށްގެން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ހިމެނެނީ އެއް ނެޓްވޯކެއްގެ މީހުން ކަމަށާއި، ކުށްކުރުމުގައި އެ މީހުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ވެސް ބައިވެރިކޮށްފައިވާ ކަަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މީހުންނަށް އޮޅުވާލައިގެން ގެސްޓްހައުސްތަކަށް ގެންގޮސް ބަރަހަނާކޮށް، ކިޑްނެޕްކޮށްގެން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ހިމެނެނީ އެއް ނެޓްވޯކެއްގެ މީހުން ކަމަށާއި، ކުށްކުރުމުގައި އެ މީހުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ވެސް ބައިވެރިކޮށްފައިވާ ކަަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންއެއްގައި އިންސްޕެކްޓަރް އޮޕް ޕޮލިސް މުހައްމަދު ލަތީފު ވިދާޅުވީ ބޮޑެތި އަދަދުތަކުން ފައިސާ ފޭރެމުންދާ ނެޓްވޯކްގެ މީހުން މިހާތަނަށް ތިން މީހެއްގެ އަތުން ފައިސާ ފޭރިގެންފައިވާ ކަމަށެވެ. އެ ނެޓްވޯކްގެ މީހުން ކުށްކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ހުންނަ "މެލައިމާ" ނަމަކަށް ކިޔާ ގެސްޓްހައުސްއެކެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު (ވ) އާއި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ޕޮލިސް

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު (ވ) އާއި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ޕޮލިސް

"މި ނެޓްވޯކްގައި ފިރިހެނުންނާއި އަންހެނުން ހަރަކާތްތެރިވަމުންދާކަން ފާހަގަވޭ. އެގޮތުން 18 އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކު ވެސް މި ކުށުގެ އަމަލު ހިންގުމުގައި މި ނެޓްވޯކުން ބައިވެރިކުރުވާކަން ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ނެޓްވޯކުން އެ މީހުން ބޭނުންވާ ތަންތަނަށް މީހުން ގެންދަނީ ސްނެޕްޗެޓް މެދުވެރިކޮށް، ވާހަކަ ދައްކައި ބައްދަލުކުރަން އެދޭ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. އެގޮތަށް ގެންދާ މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނެގުމަށް ފަހު، އެކި ފަހަރުމަތިން، ފައިސާ ހޯދަނީ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެންނެވެ.

ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާާއިލާއަށް ފޮނުވާނެ ކަމަށް ބުނޭ

މާލޭގައި މިދިޔަ އޮކްޓޯބަރު މަހު މީހަކު ބަރަހަނާކޮށް، އަނިޔާކޮށްގެން ފައިސާ ހޯދި މައްސަލައިގެ ތަފްސީލު ދެއްވަމުން ލަތީފު ވިދާޅުވީ، އެކަން ހިނގީ އޮކްޓޯބަރު 21 ވަނަ ދުވަހު ކަމަށް ވިޔަސް، މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެމަހުގެ 26 ވަަނަ ދުވަހު ކަމަށެވެ.

އެ މައްސަލައިގެ ވިކްޓިމް ވެސް ކުށުގެ ތުހުމަތުވާ މީހުންނާ ދިމާވެފައި ވަނީ ސޯޝަަލް މީޑިއާގެ ވަސީލަތަކުންނެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ފޭރުނު މީހުންނާ އޭނާއާ ދެމެދު ގާތް ގުޅުމެއް އުފެއްދީ ޗެޓްކޮށްްގެން ކަމަށް ލަތީފު ވިދާޅުވި އެވެ. އެ މީހުން ބުނި ގެސްޓްހައުސްއަކަށް ވިކްޓިމް ދިޔައީ އަމިއްލަ އަށެވެ.

"އެވަގުތު ބައްދަލުކުރަން ހަމަޖެހިފައިވާ ތަނުގައި، މައްސަލައިގެ ތުހުމަތުކުރެވޭ އިތުރު މީހުން ގޮސްތިބޭކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ލަތީފު ދެއްވި ތަފްސީލުތަކުން އެނގޭ ގޮތުގައި ފޭރޭ ނެޓްވޯކްގެ މީހުން ތިބެނީ ވިކްޓިމް ގެސްޓްހައުސްއަށް ވަންނަންދެން ބޭރުގަ އެވެ. އެއަށް ފަހު އެތެރެއަށް ވަދެ، ވިކްޓިމްއަށް އަނިޔާކޮށް ބިރު ދައްކައި ކޭޝްކާޑް ހޯދައިގެން އޭޓީއޭމްތަކަށް ގޮސް ފައިސާ ނެގީ އެވެ.

"މިއަމަލުގައި ވިކްޓިމައިޒްވާ ފަރާތަށް އެކި ދުވަސްމަތިން ފޯނުކޮށް، ބިރުދައްކައި، އެފަރާތުގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯތައް އެމީހުންގެ އަތުގައި ހުރިކަމަށާއި އެފަރާތްތަކުން އެދޭ މިންވަރަކަށް ފައިސާ ނުދީފި ނަމަ އެފޮޓޯތަކާއި ވީޑިއޯތައް ވިކްޓިމްގެ އާއިލާގެ މެމްބަރުންނަށް ފޮނުވާނެ ކަމަށް ބުނެ ބިރުދައްކައި، ބްލެކްމެއިލްކޮށްްގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސަައްކަތްކޮށްފައިވާކަން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވޭ،" ލަތީފު ވިދާޅުވި އެވެ

އެ މައްސަލައިގެ ތުހުމަތަށް 31 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެމީހުންނަކީ ވެސް މީގެ ކުރިން ތަފާތު ކުށްތަކުގެ ތުހުމަތަށް އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވާ ދެމީހުންނެވެ.