Roadha Mihaaru
މާލޭ ގެއެއްގައި ތިން މީހަކު ރަހީނުކޮށް އަނިޔާކޮށްފި

މާލޭ ގެއެއްގައި ތިން މީހަކު ރަހީނުކޮށް އަނިޔާކޮށްފި

17 ޖޫން 2023

މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށް، އެ މީހުންނަށް އަނިޔާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށް، އެ މީހުންނަށް އަނިޔާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ. އަދި ފުލުހުން އެ ގެއަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ސަލާމަތްކޮށް ފަރުވާ އަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

"އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

އަނިޔާ ލިބުނު މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު ތިން ފިރިހެނަކު ރަހީނުކުރީ ކޮންކަމާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.