09 ޑިސެމްބަރ 2021
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓަށް ފަހު ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓަށް ފަހު ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި ސަރުކާރުގައި އޭސީސީއަށް އައްޔަންކުރި މެމްބަރުން ވަކިކުރަން މި ނިންމީ، ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ ވެސް އަޣުލަބިއްޔަތާ އެކުގަ އެވެ. އެންމެ މެމްބަރަކު ފިޔަވައި ކޮމިޓީގެ އެންމެން ވެސް ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވަނީ ވިލިމާލޭގެ މެންބަރު އަހްމަދު އުޝާމެވެ.
މި ނިންމުން މިއައީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާ އެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ. އޭގެ ކުރިން ވެސް އެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް މަޖިލީހުގެ މެމްބަރުން ދެއްވި އެވެ.
މެމްބަރުންގެ އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
- މަރިޔަމް ޝިއުނާ
- ފާތުމަތު އަނޫލާ
- އަލީ އަޝްރަފް (މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދެއްވާފައި)
- އިބްރާހިމް ޝަކީލް
- އައިޝަތު އަބްދުﷲ
އޮޑިޓުގައި ވަނީ އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަނުގެ ބާރު ވެސް ބޭނުން ނުކުރާ ކަން ފާހަގަކޮށްފަ އެވެ. ބައެއް މައްސަލަތައް ތިން އަހަރުވެފައިވާ އިރު އެ އަދަދު 300 އަށް އަރާ ކަމަށް އޮޑިޓުގައި ބުންޏެވެ.
މި އޮޑިޓަށް ކޮމިޓީގެ މެމްބަރުންނާ ހިއްސާކުރުމުން މެމްބަރުން ވަކިކުރުމަށް ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދެވެ. އެކަމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގަމު ދާއިރާގެ މެމްބަރު، މުހައްމަދު ވިސާމް ވިދާޅުވީ އޮޑިޓު ހުށަހެޅިިއިރު އޭސީސީއަށް 1600 އަށް ވުރެން މައްސަލަ ނުބެލި ހުރި ކަން އެނގުނު ކަމަށެވެ. މި މައްސަލަތަކާ މެދު ގޮތެއް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އޮޑިޓުން ވެސް ފާހަގަވި ކަމަށް ވިދާޅުވި އެވެ.
"އޭސީސީއަށް ލިބިފައި އޮތް ބާރު އެންމެ އެދެވޭ ގޮތެއްގައި ބޭނުންކޮށް ފިޔަވަޅު އަޅާފައި ނުވާ ކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވޭ،" ވިސާމް ވިދާޅުވި އެވެ.ން
"2019 ވަނަ އަހަރު އޭސީސީން މައްސަލަތައް ބަލައިގެ ދައުލަތަށް ހޯދިފައި މިވަނީ ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ. މައްސަލައަކަށް ފަހު މައްސަލައެއް ފުނިޖެހިފައި ހުރީ. މި ހުރިހާ ސަބަބުތަކާ ހެދި ވަކިކުރަން ނިންމީ."
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ ހިޔާނާތް ފަދަ ބޮޑެތި މައްސަލަތައް ބަލަން ހުރިއިރު ކޮމިޝަނަށް އެންމެ އެދެވޭ ގޮތެއްގައި އެކަން ކުރެވިދާނެ ކަމާ މެދު ކޮމިޓީގެ މެމްބަރުންނަށް ޔަގީންކަމެއް ނެތެވެ. މިއީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި ބޭނުންވީ އޭސީސީން އެދެވޭ ސްޕީޑުގައި މައްސަލަތައް ބަލައި ނަތީޖާ ނެރެން ކަަމަށާއި ތަކުރާރުކޮށް ކޮމިޓީއަށް ހާޒިރުކޮށް ޒިންމާދާރުކުރުވައި އެ ފުރުސަތު ވެސް ދިން ކަމަށް ވިދާޅުވި އެވެ.
ކޮމިޓީގެ މި ނިންމުން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެއަށް ފަހު އަލުން ކޮމިޓީން ވަކިވަކިން މެމްބަރުން ހާޒިރުކޮށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭނެ އެވެ.
މިނިވަން މުއައްސަސާތަކުގެ ބައެއް މެމްބަރުން ބޭނުންވީ މަޖިލީހުގެ ރިސެސްތެރޭގައި ނަމަވެސް ޖަލްސާއެއް ބާއްވައި މެމްބަރުން ވަކިކުރުމަށެވެ. އެކަމަކު އެކަމާ މެދު ގޮތެއް ނުނިމެ އެވެ.
ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އޭސީސީން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައިދެއްވައިފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑު އަވަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ މައްސަލަތައް އަވަސް ނުކުރެވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ. އެއާއެކު 2020 ވަނަ އަހަރު ތަހުގީގު ހިންގަން އުނދަގޫވީ ކަމަށާއި އެ އަހަރުގެ ބޮޑު ބައި ލޮކްޑައުންއާ ހެދި މީހުން ހާޒިރު ނުކުރެވުމުން ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން ލަސްވަނީ މުވައްޒަފުން މަދުވެ ކޮންމެ އިންވެސްޓިގޭޓަރަކަށް އެކަށީގެންވާ މިންވަރަށް ވުރެން ގިނަ މައްސަލަތައް ބަލަން ޖެހޭތީ ކަަމަށް އޭސީސީން ބުނެފައިވެ އެވެ. މިކަން ހައްލުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިދޭން އެދި އެކަން ބަޖެޓު ކޮމިޓީން ވަނީ ހަމަޖައްސައިދީފަ އެވެ.
މި ވެރިިކަމުގައި އޭސީސީއަށް އައްޔަންކުރި މެމްބަރުންނަށް މައްސަލަތައް ނުބެލޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮތް އިރު ކުރީގެ ސަރުކާރުގައި އެެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އޭސީސީ ނުފޫޒެއްގެ ދަށުވެފައި އޮތުމެވެ. މިހާރު ކޮމިޝަންގައި ތިއްބެވި މެމްބަރުން ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ މަސައްކަތް ކުރައްވާނީ ނުފޫޒުން އެއްކިބާވެ ތިބެގެން ކަމެވެ.
މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމިއިރު، މައްސަލަތައް ބެލުމުގައި ނުފޫޒު ފޯރުވަން ޖާގަ ދޭ ކަމުގެ ތުހުމަތެއް ނެތެވެ.
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
އޭސީސީއެއް ނެތް، ކަންބޮޑުވާ މީހަކު ވެސް ނެތް؟
އިތުބާރު ނެތް ކަމުގެ ވޯޓަށް ދިޔައީ ނުފޫޒު ނުފޯރުވޭތީ
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!
ރައީސްގެ ލިސްޓުގައި މެމްބަރު ޔަޒްމީދާއި ސަފްވަތު ނެތް!