Roadha Mihaaru

ޑްރަގު ނެޓްވޯކެއް ކަމަށް ބުނާ މީހުން ދޫވި މައްސަލަ ހައި ކޯޓަށް

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ޑްރަގު ނެޓްވޯކެއް ކަމަށް ބުނާ އަށް މީހުންގެ ތެރެއިން ހަ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޑްރަގްގެ ނެޓްވޯކެއްގެ ބަޔަކު ދޫވުމުން ހައި ކޯޓަށް
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

07 ޑިސެމްބަރ 2021

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ޑްރަގު ނެޓްވޯކެއް ކަމަށް ބުނާ އަށް މީހުންގެ ތެރެއިން ހަ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މި އަހަރުގެ ޖެނުއަރީ 30ގައި މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް ގާތްގަނޑަކަށް ނުވަ ކިލޯގެ ޑްރަގު އަތުލައިގަތެވެ. މި މައްސަލައިގައި ޑްރަގް ޓްރެފިކިންގެ ދައުވާ ކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު އާއި ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހްމަދު ސުނައިނު އާއި މއ. ވައިލެޓްމާގެ އަސްލަމް ނާޒިމް އާއި، ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު އާއި ލ. ކަލައިދޫ މަތަރަސްމާގެ ހުސައިން ޒަހީންގެ މައްޗަށެވެ. އެކަމުގައި ބައިވެރިވި ކަމުގެ ދައުވާ ކުރީ ގދ. ހޯނޑެއްދޫ މެޑްރިޓްހައުސް، އަހްމަދު ގިޔާސް އާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލްގެ އިތުރުން ޅ. ނައިފަރު މިސްކިތްދޮށުގެ އަހްމަދު އިމްސާހުގެ މައްޗަށެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރާ ސާމާނާއި، ފައިސާ ގުނާ މެޝިނު ފަދަ އެއްޗެހީގެ އިތުރުން ޑްރަގު ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބުނާ 4.6 މިލިއަން ރުފިޔާ ހޯދި އެވެ. އެކަމަކު، އެ ތަކެއްޗާ، ދައުވާ ލިބޭ ހަ މީހަކާ ގުޅުވާނެލުވޭ ކަމަށް ނިންމައި، އެ ހަ މީހުން ދޫކޮށްލަން ސެޕްޓެމްބަރު 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު "މިހާރު"އަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އެ އޮފީހުން މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ފެނުނު މަސްތުވާތަކެތި ދައުވާ ލިބޭ އެންމެންނާ ވެސް ގުޅުވާލެވޭ ކަމަށް،" ޝަފީއު ވިދާޅުވި އެވެ.

ދައުވާ ލިބުނު މީހުންގެ ތެރެއިން އެންމެ އިސް މީހަކީ އަރުޝަދު ކަމަށް ދައުލަތުން ބުނެ އެވެ. އޭނާ އަތުން އެއްވެސް ޑްރަގެއް ނުފެންނަ ނަމަވެސް ބަލައި ފާސްކުރި ތަންތަނުގައި ހުރި ބައެއް ތިޖޫރީތައް އޭނާގެ އަތުން ފެނުނު ތަޅުދަނޑިން ހުޅުވުނެވެ. އަދި އޭނާގެ ފޯނުން ޑްރަގް ވިޔަފާރީގެ ހިސާބުތަކާއި ނޯޓުތައް ފެނުނު ކަމަށް ވެސް ދައުލަތުން ބުނެ އެވެ.

އަރުޝަދު ކޯޓުގައި ބުނެފައި ވަނީ އޭނާ އަކީ ހުއިފިލަނޑާގެ ވިޔަފާރީގެ އިތުރުން މަސް ވިއްކައިގެން ވެސް ފައިސާ ހޯދާ ވިޔަފާރިވެރިއެއް ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރި ޒުބެއިރުގެ މައްޗަށް ކުށް ސާބިތު ނުވީ އޭނާގެ ގެ ބަލައި ފާސްކުރަން ފުލުހުން ވަން ގޮތް ގޯސްވެގެންނެވެ. އެ ގެއަށް ވަނީ އޭނާގެ އަތުން ފެނުނު ތަޅުދަނޑި ބޭނުންކޮށްގެން އޭނާގެ ހާޒިރުގައި ކަމަށް ދައުލަތުގެ ދައުވާގައި އޮތަސް، އޭގެ ކުރިން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެ ގޭގެ ދޮރު ހުޅުވައިފަ އެވެ. ގޭގައި މީހަކު ނެތުމުން ނުވަދެ މަޑުކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ސަބަބާ ހެދި ފެނުނު ތަކެއްޗާ މެދު ޒުބައިރުގެ ފަރާތުން ޝައްކު އުފެއްދި އިރު ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެސް ބުނެފައި ވަނީ އެއީ ހޯދި ހެކިތަކާ މެދު ޝައްކު އުފެދޭ ކަމެއް ކަމަށެވެ.

ދައުވާ ލިބުނު އެންމެން ފޯނުތަކުގައި އެކަކު އަނެކަކުގެ ނަމްބަރު ސޭވްކޮށް، ގިނަ ކޯލްތައް ބަދަލުކޮށްފައިވާއިރު، އެކަކު އަނެކަކަށް ކޮށްފައިވާ މެސެޖުތަކާއި ޑްރަގް ޕެކްކޮށްފައިވާ ގޮތަށް ބަލާއިރު ވެސް މިއީ ގުޅިގެން އެއް ނެޓްވޯކެއްގެ ގޮތުގައި މަސައްކަތް ކުރި ބައެއް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، މިކަން ވެސް ސާބިތެއް ނުވި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވީ ޒަހީން އާއި އަސްލަމްގެ މައްޗަށެވެ. އެ ދެ މީހުން ވެސް އުމުރަށް ޖަލަށްލައި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. އަދި ޒަހީންގެ ގޭގެ އެކި ތަންތަނުން ފެނުނު 19،500ރ. އާއި، 10،500ރ. އާއި 44،300ރ. އާ އެކު ޖުމްލަ 74،300ރ. ދައުލަތަށް ނަގަން ވެސް ހުކުމް ކުރި އެވެ.