Roadha Mihaaru
ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާ އަށް

ރަޝިޔާގެ ރައީސް ޕުޓިން އިންޑިއާ އަށް

06 ޑިސެމްބަރ 2021

އިންޑިއަ އާއި އެމެރިކާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވަނިކޮށް، އެމެރިކާގެ އެންމެ ޒަމާންވީ ވާދަވެރިޔާ ކަމަށްވާ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، މިއަދު އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާ ބައްދަލުކުރައްވާނެ އެވެ.

އިންޑިއަ އާއި އެމެރިކާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައިވަނިކޮށް، އެމެރިކާގެ އެންމެ ޒަމާންވީ ވާދަވެރިޔާ ކަމަށްވާ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، މިއަދު އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާ ބައްދަލުކުރައްވާނެ އެވެ.

ޕުޓިންގެ މި ދަތުރުފުޅުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އިންޑިއާ އާއި ރަޝިޔާއާ ދެމެދު އަސްކަރީ ވިޔަފާރި ފުޅާކުރުމުގެ މަޝްވަރާތަކެވެ. އޭގެ އިތުރުން ސަރަހައްދީ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިޔާ އިން ބުނާ ގޮތުގައި ޕުޓިންގެ މިދަތުރުފުޅަކީ ވަރަށް ޒަމާންވީ ދެ ރަހްމަތްތެރިންގެ ދެމެދުގައި އޮތް އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ޕުޓިންގެ މި ދަތުރުފުޅުގައި، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަށް ގަޑިއިރު ހޭދަކުރައްވައި އިންޑިއާގެ އިސް ވެރިންނާ އެކުގައި މަޝްވަރާ ކުރައްވާނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރަޝިޔާގެ ރައީސް ޕުޓިން. --ފޮޓޯ:ގެޓީ އިމޭޖަސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރަޝިޔާގެ ރައީސް ޕުޓިން. --ފޮޓޯ:ގެޓީ އިމޭޖަސް

މިއީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާ އިން އުފެދުނު ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރެން ފެށިފަހުން، ޕުޓިން ގައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން އިޓަލީގައި އޮތް ޖީ-8ގެ ބައްދަލުވުމަށާއި އިނގިރޭސި ވިލާތުގެ ގްލާސްގޯގައި އޮތް ކޮޕް-26 މަހާސިންތާއަށް ވެސް ވަޑައިނުގެން ހުންނެވި ޕުޓިން، މި ދަނޑިވަޅުގައި އިންޑިއާ އަށް ވަޑައިގަތުމަކީ، ވިލާތުގެ ގައުމުތަކަށް ދެއްވި ވަރަށް ވަރުގަދަ މެސެޖެއް ކަމަށް، ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ޕުޓިންގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް، އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާ އެކުގައި މަޝްވަރާ ކުރައްވާނެ އެވެ. އަދި ރަޝިޔާގެ ދިފާއީ ވަޒީރު ޖެނެރަލް ސަރްގޭ ޝުއިގޫ، އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގްއާ އެކުގައި މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާނު ޔޫރީ ޔުޝަކޯވް ވިދާޅުވި ގޮތުގައި، ޕުޓިންގެ މިދަތުރުފުޅުގައި އިންޑިއާއާ އެކުގައި 10 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ. އަދި އިންޑިއާ އާއި ރަޝިޔާގެ 21 ވަނަ އަހަރީ މަހާސިންތާގައި، ރައީސް ޕުޓިން އާއި ބޮޑުވަޒީރު މޯޑީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. ދެ ގައުމުގެ 20 ވަނަ މަހާސިންތާ 2019 ވަނަ އަހަރު ރަޝިޔާގެ މޮސްކޯގައި ކުރިއަށް ދިޔައީ، ބޮޑުވަޒީރު މޯޑީގެ ބައިވެރިވަޑައިގަތުމާ އެކުގަ އެވެ.

ހުސްވި އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް މަހާސިންތާ އެންމެ ފަހު ވަގުތު ރަޝިޔާ އިން ކެންސަލް ކުރީ، ކޮވިޑްގެ ސަބަބުންނާއި، އޭޝިޔާ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފެތުރުމާ ދެކޮޅަށް، އެމެރިކާ އާއި ޖަޕާނާއި އޮސްޓްރޭލިޔާ ގުޅިގެން އުފައްދާފައިވާ ކޯލިޝަންގައި އިންޑިއާ ބައިވެރިވުމާ ގުޅިގެންނެވެ.