Roadha Mihaaru
ރަޝިޔާ ސިފައިންގެއަށް ވެއްދި އިންޑިއާ މީހުން ދޫކޮށްލަނީ

އޮޅުވާލައިގެން ރަޝިޔާ ސިފައިންގެ ވަޒީފާއަށް ވެއްދި އިންޑިއާ މީހުން ދޫކޮށްލަނީ

10 ޖުލައި 2024

ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ބައިވެރިކުރުމަށް، އޮޅުވާލައިގެން ރަޝިޔާ ސިފައިންގެ ތެރެއަށް ވައްދާފައި ތިބި އިންޑިއާ މީހުން އަވަހަށް ދޫކޮށްލާނެ ކަމުގެ ޔަގީންކަން ރަޝިޔާއިން ދީފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިނާއީ ކުވަޓްރާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ބައިވެރިކުރުމަށް، އޮޅުވާލައިގެން ރަޝިޔާ ސިފައިންގެ ތެރެއަށް ވައްދާފައި ތިބި އިންޑިއާ މީހުން އަވަހަށް ދޫކޮށްލާނެ ކަމުގެ ޔަގީންކަން ރަޝިޔާއިން ދީފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިނާއީ ކުވަޓްރާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުވަޓްރާ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާއަށް ކުރެއްވި ދަތުރުގައި ރައީސް ލަޑިމިއާ ޕުޓިންއާ އެކު ބޭއްވި މަޝްވަރާގައި "ރަޝިޔާ ސިފައިންގެ ޚިދުމަތަށް، އޮޅުވާލައިގެން ވެއްދި" އިންޑިއާ މީހުންގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެއްވި ކަމަށެވެ.

"މި މައްސަލަ ބޮޑުވަޒީރު ވަނީ ވަރަށް ހަރުކަށިކަމާ އެކު ނަންގަވާފައި. އަދި ރަޝިޔާގެ ފަރާތުން ވަނީ އެ މީހުން އަވަހަށް ދޫކޮށްލުމަށް ވައުދުވެފައި،" އިންޑިއާގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވި އެވެ.

ރަޝިޔާގެ ހަނގުރާމާގައި އުޅެނީ އިންޑިއާގެ ކިތައް މީހުން ކަމެއް ޔަގީންކަމާ އެކު ނޭނގޭ ކަމަށް ކުވަޓްރާ ވިދާޅުވި ނަމަވެސް 35-50 އާ ދެމެދުގެ އަދަދެއްގެ މީހުން އުޅޭނެ ކަމަށް ލަފާކުރެއްވި އެވެ.

އޭނާ ވިދާޅުވީ މި މީހުންގެ ތެރެއިން މިހާރު ވެސް 10 މީހަކު އަނބުރާ ގައުމަށް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރަޝިޔާއިން ދެން މަސައްކަތްކުރާނީ ބާކީ ތިބި މީހުން އަވަހަށް ގެނެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށެވެ.

މީގެ ކުރިން އޭއެފްޕީއާ ވާހަކަ ދެއްކި އެތައް ބަޔަކު ބުނެފައިވާ ގޮތުގައި އެ މީހުން ރަޝިޔާގެ އަސްކަރިއްޔާގެ ތެރެއަށް ވައްދައި ހަނގުރާމައަށް ނެރުނީ، ހަނގުރާމައިގެ މައިދާނަށް ނުގޮސް ސަޕޯޓިން މަސައްކަތްކުރާ ވަޒީފާއެއް ކަމަށް ބުނެ އޮޅުވާލައިގެންނެވެ.

އިންޑިއާގެ އިތުރުން ސްރީ ލަންކާ އާއި ނޭޕާލް މީހުން ވެސް ރަޝިޔާއިން ވަނީ އަސްކަރިއްޔާގެ ތެރެއަށް ވައްދައި ހަނގުރާމައަށް ނެރެފަ އެވެ. ލަންކާއިން ވެސް ވަނީ އެ ގައުމުގެ މީހުން ރަޝިޔާގެ އަސްކަރިއްޔާއިން ވަކިކޮށް އަނބުރާ ފޮނުވައިދޭން އެދިފަ އެވެ. -- އޭއެފްޕީ