Roadha Mihaaru

އިންޖީނުގެ އަޑުފަށްގަނޑުން ހަމަ ނިދި ނުލިބޭތާ އެތައް އަހަރެއް

04 ޑިސެމްބަރ 2021

ލ. މާބައިދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ފެނަކައިގެ މި އިންޖީނުގޭގެ ޖަނަރޭޓަރުގެ ގަދަ އަޑުފަށްގަނޑު އޮންނަނީ މުޅި ސަރަހައްދަށް ފަތުރާލައިފަ އެވެ. ގާނޫނުއަސާސީން ފަހިކޮށްދީފައިވާ ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގު، އެތައް ބަޔަކަށް ނިގުޅައިގެންދެ އެވެ.

އާސިމާ ނިޒާރު ލ. މާބައިދޫން އާސިމާ ނިޒާރު

ލ. މާބައިދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ފެނަކައިގެ މި އިންޖީނުގޭގެ ޖަނަރޭޓަރުގެ ގަދަ އަޑުފަށްގަނޑު އޮންނަނީ މުޅި ސަރަހައްދަށް ފަތުރާލައިފަ އެވެ. ގާނޫނުއަސާސީން ފަހިކޮށްދީފައިވާ ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގު، އެތައް ބަޔަކަށް ނިގުޅައިގެންދެ އެވެ.

ރަށުގެ ކައުންސިލް އިދާރާ ހިންގާ އިމާރާތާ ވެސް ވަރަށް ކައިރީގައި ހުންނަ އިންޖީނުގޭގެ އުނދަގޫތައް އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ އެއް ބަޔަކީ، އިންޖީނުގެއާ ޖެހިގެން ހުރި ކަންމަތީގޭގައި ދިރިއުޅޭ އާއިލާ އެވެ.

ހަމަޖެހުމުގެ ނޭވާއެއް ނުލެވި، އެ ބޮލުގެ ރިހުމުގެ ތެރޭގައި ދިރިއުޅޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށް އެ ގޭގައި ދިރިއުޅޭ 70 އަހަރުގެ ފާތިމަތު ގާސިމް ބުންޏެވެ.

އޭނާ ބުނިގޮތުގައި އިންޖީނުގޭގެ ތެލުގެ އަސަރު ފެނަށް ކޮށްފައި ހުންނާތީ ގައިން ތާހިރުވުމަށް ވެސް އުނދަގޫވެ އެވެ. ގައިގައި ފެން ޖައްސައިފިނަމަ ހަންގަނޑު ހިރުވާ ކަމަށް، ކެހުމުގެ ސަބަބުން ވާއަތުގައި ނަގާފައި ހުރި ބިހިތައް ދައްކާލަމުން އޭނާ ބުންޏެވެ.

"އެފަދަ ހާލެއްގައި މި އުޅެނީ. ބޮލަށް ފެން އެޅީމަ ވެސް ބޮލުތެރެ ވެސް ކަހާ އެވަރަށް،" ފާތިމަތު ބުންޏެވެ.

މާބައިދޫ އިންޖީނުގެ: އާ އިންޖީނުގެ އިމާރާތް ކުރަމުން އަންނަކަމަށް ފެނަކައިން ބުނޭ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

މާބައިދޫ އިންޖީނުގެ: އާ އިންޖީނުގެ އިމާރާތް ކުރަމުން އަންނަކަމަށް ފެނަކައިން ބުނޭ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

އެ އަޑުފަށްގަނޑުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ތުއްތު ކުއްޖަކު ރޮއެރޮއެ ހަނާވިއިރު ވެސް އެ ކުއްޖާ ހޭލިކަމެއް ނޭނގުމެވެ. ފާތިމަތު ބުނީ ޖަނަރޭޓަރުގެ އަޑު ގަދަވުމުން އެ ކުއްޖާ ރޯ އަޑެއް ނީވުނު ކަމަށެވެ. އެކަމަކު ކޮޓަރިއެއް ވަތް ވަގުތު ފެނުނީ އެނދާއި ފާރާ ދޭތެރެއަށް ކުއްޖާ ވެއްޓިފައި އޮއްވަ އެވެ.

"އެހާ ވެސް ދަތި ހާލުގައި މި އުޅެނީ،" 80 ފޫޓުގެ އެ ގޭގެ ފެންޑާގައި ހުރި އުނދޯއްޔެއްގައި އިނދެ "މިހާރު" އަށް ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

މަންމައާއެކު އެ ގޭގައި މި ވަގުތު ދިރިއުޅެމުން އަންނަ މަރިޔަމް ހަސަން ވެސް ބުނީ އަންނައުނުތައް ދޮވެ، ގޯތިތެރޭގައި ހިއްކަން ބެހެއްޓުމުން އެ އެއްޗެހީގައި ދުމުގެ ވަސް ހިފާ ކަމަށެވެ. ވަޅުދިޔަ ހިއްކިއަސް ވަޅުން ތެޔޮ އަރަ އެވެ. ގަހެއް އިންދައި، ރަނގަޅަށް ނުފޯދެނީސް އެ ގަހެއް މަރުވެ އެވެ.

އެ އުނދަގޫތަކުގެ އިތުރަށް، ޖަނަރޭޓަރުތައް ސާފުކުރާ ދުވަސް ދުވަހު ތެޔޮ ވަސް ގަދަވެ، ކެތްނުކުރެވިގެން ގެއިން ނުކުމެގެންދާންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޖަނަރޭޓަރުތަކުގެ ސަބަބުން ކަންފަތް ހުންނަނީ އަބަދު ބައްވެފަ އެވެ. އެހެންވެ، މަރިޔަމް ބުނީ އޭގެ އަޑު ނީވޭ ތަނަކަށް ދިއުމުން ވަރަށް އަމާންވެއްޖެ ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

ކަންމަތީގޭގައި ދިރިއުޅޭ ފާތިމަތު ގާސިމް (ކ) އަދި މަރިޔަމް ހަސަން "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ކަންމަތީގޭގައި ދިރިއުޅޭ ފާތިމަތު ގާސިމް (ކ) އަދި މަރިޔަމް ހަސަން "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

"ޖަނަރޭޓަރުތައް މިތާ ހުރުމުގެ ސަބަބުން ދައްތަމެންނަށް ވަރަށް އުނދަގޫވޭ. ގަސްތައް ވެސް މި ހުރީ އެއްކޮށް މަރުވެފައޭ. ތެޔޮ ވެސް އެ ވަރަށް ފައިބަނީ. ވަޅުގަނޑެއް ކޮނުނަސް ތެޔޮ އަރަނީ. ވަޅުދިޔަ ހިއްކިއަސް ތެޔޮ އަރަނީ. މި ހުރިހާ ކަމަކުން ދައްތަމެންނަށް އުނދަގޫ... މިރުސް ގަހެއް އިންދިއަސް ދެ ދުވަސް ވާނީ. ވަރަށް ރީތިކޮށް ހެދިލާފައި މަރުވެދާނެ،" މަރިޔަމް ބުންޏެވެ.

އިންޖީނުގެ ވަރަށް އަވަހަށް އެހެން ސަރަހައްދަކަށް ބަދަލުކުރެވޭނެ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 68 އަށްވުރެ ގިނަ ރަށުގެ އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގެ ތެރޭގަ އެވެ.

އެހެންވެ، އެ ކުންފުނިން އެންމެ އިސްކަމެއްގެ ގޮތުގައި ދެކުނީ ވެސް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް އެ އިންޖީނުގެތައް ބަދަލުކުރުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.

މާބައިދޫ ހިމެނޭހެން 67 އިންޖީނުގެއެއްގެ މަސައްކަތް ފާއިތުވި ތިން އަހަރުގެ ތެރޭގައި ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް އިންޖީނުގެތައް ވަނީ ބަދަލުކޮށްފަ އެވެ.

އެ މުހިއްމު މަޝްރޫއު އެއްކޮށް ނިމުމުން ކަންމަތީގޭގެ މީހުންނޭ އެއްގޮތަށް އެ ޝަކުވާގައި ތިބި އެތައް އާއިލާއަކަށް ލުއި ލިބިގެންދާނެ އެވެ. އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ފެނަކައިން ދެ އެވެ.