Roadha Mihaaru
ސުމިތުގެ ދެމަފިރިންނާ އިންޓަވިއުނުކުރަން ޕެޓިޝަނެއް

ސުމިތުގެ ދެމަފިރިންނާ މީޑިއާތަކުން އިންޓަވިއު ނުކުރަން ގޮވާލައި ޕެޓިޝަނެއް

03 ޑިސެމްބަރ 2021

ހޮލީވުޑްގެ ތަރި ވިލް ސުމިތާއި އަންހެނުން ޖޭޑާ ޕިންކެޑް ސުމިތާ މީޑިއާތަކުން އިންޓަވިއު ނުކުރަން ގޮވާލައި ކުރިއަށް ގެންދާ އޮންލައިން ޕެޓިޝަނެއްގައި ގިނަ ބަޔަކު ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ތަރި ވިލް ސުމިތާއި އަންހެނުން ޖޭޑާ ޕިންކެޑް ސުމިތާ މީޑިއާތަކުން އިންޓަވިއު ނުކުރަން ގޮވާލައި ކުރިއަށް ގެންދާ އޮންލައިން ޕެޓިޝަނެއްގައި ގިނަ ބަޔަކު ސޮއިކުރަން ފަށައިފި އެވެ.

މިދިޔަ މަހުގެ 26 ގައި ޗޭންޖް.އޯގްގައި "ސްޓޮޕް އިންޓަވިއުއިން ވިލް އެންޑް ޖަޑާ ސުމިތު" ގެ ނަމުގައި މި ޕެޓިޝަން ކުރިއަށް ގެންދަނީ ޑެކްސްޓާ މޯރޭލްސް ކިޔާ މީހަކު އިސްކޮށް ހުރެގެންނެވެ. އޭގައި މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އަމާޒަކީ މަދުވެގެން 10،000 ސޮއި ހޯދުމެވެ.

ސުމިތުގެ ދެމަފިރިންނާ އިންޓަވިއު ނުކުރަން ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ނިންމި ސަބަބެއް ޑެކްސްޓާ ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ސޮއިކޮށްފައިވާ ބައެއް މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާ އިރު، އެ މީހުން ޕެޓިޝަނުގައި ސޮއިކުރީ ސުމިތުގެ ދެމަފިރިން އާންމުކޮށް އިންޓަވިއުތަކުގައި މީހުންގެ ޒާތީ ގުޅުންތަކާ ބެހޭ ވާހަކަތައް ހިއްސާކުރުމެވެ. އެގޮތުން ޖިންސީ އެދުން ފުއްދަން ދެމަފިރިން ގެންގުޅޭ އުސޫލުތަކާއި ކައިވެނީގެ ބޭރުގެ ގުޅުންތަކާ ބެހޭ ވާހަކަތައް އާންމުކޮށް އިންޓަވިއުތަކުގައި ދެމަފިރިން ކިޔައިދެ އެވެ.

މި ހަފުތާގެ ތެރޭގައި ވެސް ސުމިތު ދީފައިވާ އިންޓަވިއުއެއްގައި ފުރާވަރު އުމުރުން ފެށިގެން ވަރަށް ގިނަ ބަޔަކާ ގުޅުން ހިންގަމުން ދިޔަ ކަމަށާއި އެކަމާ ހުރެ، ދިމާވި ބައެއް ކަންކަން ވެސް ކިޔައި ދީފައިވެ އެވެ.

ހޮލީވުޑްގެ ކާމިޔާބު ތަރިންގެ ތެރޭގައި ހިމެނޭ ސުމިތު، 53، އާއި ޖަޑާ، 50، ކައިވެނިކުރީ 1997 ގަ އެެވެ.

އެ ކައިވެންޏަށް ދެ ކުދިން ތިބި އިރު، ސުމިތުގެ އަލަތު ކައިވެންޏަށް ވެސް ދަރިޔަކު ލިބިފައިވެ އެވެ. އޭނާ އާއި ޝެރީ ޒަމްޕީނޯގެ ކައިވެނި 1995 ގައި ރޫޅުނު އިރު، ލިބިފައިވާ ދަރިޔަކީ މިހާރު އުމުރުން 29 އަހަރުގެ ޓްރޭ ސުމިތެވެ. ސުމިތާއި ޖޭޑާގެ ދެ ދަރިންނަކީ ޖޭޑެން ސުމިތު، 23، އާއި ވިލޯ ސުމިތު، 21، އެވެ.