Roadha Mihaaru
ނުބައި ފައެއް ބުރިކޮށްލުމުން ޖޫރިމަނާއެއް

ނުބައި ފައެއް ބުރިކޮށްލި ޑޮކްޓަރަކަށް އޮސްޓްރިއާގައި 3،000 ޑޮލަރުގެ ޖޫރިމަނާއެއް

03 ޑިސެމްބަރ 2021

އެއް ފައި ބުރިކޮށްލަން ޖެހުނު ޕޭޝަންޓެއްގެ ބުރިކޮށްލަން ޖެހޭ ފައި ނޫން، އަނެއް ފައި ބުރިކޮށްލި ޑޮކްޓަރަކު އޮސްޓްރިއާގައި ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއް ފައި ބުރިކޮށްލަން ޖެހުނު ޕޭޝަންޓެއްގެ ބުރިކޮށްލަން ޖެހޭ ފައި ނޫން، އަނެއް ފައި ބުރިކޮށްލި ޑޮކްޓަރަކު އޮސްޓްރިއާގައި ޖޫރިމަނާކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާއާ ގުޅިގެން ބުދަ ދުވަހު އެ ގައުމުގެ ލިންޒް ސިޓީގެ ކޯޓަކުން 43 އަހަރުގެ ޑޮކްޓަރު ޖޫރިމަނާކުރީ 2،700 ޔޫރޯ (3,057 ޑޮލަރު) އިންނެވެ. އޭނާ އަށް އިހުމާލުގެ މިފަދަ އަދަބެއް އައީ 82 އަހަރުގެ ފިރިހެނެއްގެ ވާތު ފައިގެ ބަދަލުގައި ކަނާތު ފައި ބުރިކޮށްލުމާ ގުޅިގެންނެވެ. އަދި އެކަން ފާހަގަ ކުރެވުނީ ފައި ބުރި ކުރިތާ ދެ ދުވަސް ފަހުންނެވެ. އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ފައި ބުރިކުރި ތަނުން ފަހުން މައާފަށް ވެސް އެދުނެވެ.

ނުބައި ފައި ބިރުކޮށްލި މީހާ މިހާރު މަރުވެފައިވާ އިރު، އެ މައްސަލާގައި އޭނާގެ އަންހެނުން ކުރި ދައުވާއާ ގުޅިގެން ބަދަލެއްގެ ގޮތުގައި ކޯޓުން 5،000 ޔޫރޯ (5,660 ޑޮލަރު) ވެސް ނަގައި ދީފައިވެ އެވެ.

އޭއެފްޕީން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޮސްޓްރިއާގެ އަވަށެއް ކަމަށްވާ ފްރީސްޓާޑްގެ ހޮސްޕިޓަލެއްގައި މިދިޔަ އަހަރުގެ މެއި މަހު ހިނގި ހާދިސާއާ ގުޅިގެން ހިންގި ޝަރީއަތުގައި އަންހެން ޑޮކްޓަރު ކޯޓްގައި ބުނީ ނުބައި ފައި ބުރިކުރެވުނީ އޮޕަރޭޝަން ތިއޭޓަރު "ޗެއިން އޮފް ކޮމާންޑް އޮޅުންބޮޅުންވެގެން" ކަމަށެވެ. އަދި ބުރިކޮށްލެވުނީ ނުބައި ފައިކަން ނޭނގޭ ކަމަށާއި އެކަން ހިނގި ގޮތް އަމިއްލަ އަށް ވެސް ނޭނގޭ ކަމަށް ބުންޏެވެ.

އަންހެން ޑޮކްޓަރު ޖޫރިމަނާކުރި އިރު، އޭނާ މިހާރު މަސައްކަތްކުރައްވަނީ އެހެން ތަނެއްގަ އެވެ.