Roadha Mihaaru
ޗެލްސީ އަތުން ޕޮއިންޓް އުނިކުރުމުގެ ބިރާ ކުރިމަތިވެއްޖެ

ޗެލްސީ އަތުން ޕޮއިންޓް އުނިކުރުމުގެ ބިރާ ކުރިމަތިވެއްޖެ

11 ޑިސެމްބަރ 2016

ލަންޑަން (ޑިސެމްބަރު 11) - ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީ އަތުން 3-1 އިން ޗެލްސީ މޮޅުވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ޗެލްސީ އަތުން ޕޮއިންޓް އުނިކޮށްފާނެ ކަމަށް ބެލެވިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 11) - ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީ އަތުން 3-1 އިން ޗެލްސީ މޮޅުވި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ޗެލްސީ އަތުން ޕޮއިންޓް އުނިކޮށްފާނެ ކަމަށް ބެލެވިއްޖެ އެވެ.

އެގޮތަށް ބެލެވުނީ އެ ޓީމުގެ ޑިސިޕްލިނަރީ ހަތަރު މައްސަލައެއް ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި ބަލާފައިވާތީ، ފަސް ވަނަ މައްސަލައެއް ދިމާވެއްޖެ ނަމަ ޕޮއިންޓް އުނިކުރުމުގެ އިހުތިޔާރު އެފްއޭ އަށް ލިބިފައިވާތީ އެވެ.

ޗެލްސީ މޮޅުވި މެޗުގެ ފަހު ވަގުތު ސިޓީގެ ސާޖިއޯ އަގުއޭރޯ ޗެލްސީގެ ޑޭވިޑް ލުއިޒަށް ހަމަލާ ދިނުމުން ދެ ޓީމުގެ މެދުގައި ހަމަނުޖެހުން ވަނީ ހިނގައިފަ އެވެ. އެ މެޗުގެ ރެފްރީ ވަނީ އެ ވަގުތު އަގުއޭރޯ އާއި ފެނާންޑީނިއޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި ޗެލްސީގެ ނެތަނިއަލް ޗަލޮބާ އާއި ފަބްރެގަސް އަށް ރީނދޫ ކާޑު ދެއްކި އެވެ. މި މައްސަލައިގައި އަގުއޭރޯ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަދި ފެނާންޑީނިއޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އެފްއޭ އިން ވަނީ ދީފަ އެވެ.

އިނގިރޭސި އެފްއޭގެ ގަވާއިދުގައިވާ ގޮތުން ދެ އަހަރު ތެރޭގައި އެ ކްލަބަކަށް ނޫނީ އެ ކްލަބެއްގެ ކުޅުންތެރިންނަށް އަހުލާގީ ފަސް މައްސަލައެއްގައި އަދަބުދީފި ނަމަ އެ ޓީމެއްގެ އަތުން ޕޮއިންޓު އުނިކުރުމުގެ އިހުތިޔާރު ލިބިދެ އެވެ.

މިދިޔަ ސީޒަނުގައި ޓޮޓެންހަމާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއިން ވަނީ ޗެލްސީ ޖޫރިމަނާކޮށް އިތުރު މައްސަލައެއް ކައިރި މުސްތަގުބަލެއްގައި ކުރިމަތިވެއްޖެނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ވެސް އެހެން އަދަބެއް ދޭނެ ކަމަށް ބުނެ އިންޒާރުދީފަ އެވެ.

މި މައްސަަލައިގައި އެފްއޭއިން ނިންމާ ގޮތެއް މި ހަފްތާތެރޭގައި އިއުލާން ކުރާއިރު ބޮޑަށް ބެލެވިފައިވަނީ ޗެލްސީ އަތުން ދޭއް ނޫނީ ތިން ޕޮއިންޓް އުނިކުރާނެ ކަމަށެވެ.

އިނގިރޭސި ލީގުގައި އެންމެ ފަހުން ޓީމެއްގެ އަތުން ޕޮއިންޓް އުނިކުރީ 1990 ވަަނަ އަހަރު އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. އާސެނަލާއި ޔުނައިޓެޑް އަތުން ޕޮއިންޓް އުނިކުރީ އެ ދެ ޓީމު ކުޅުނު މެޗެއްގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ރޭ އާސެނަލް މޮޅުވުމުން ޗެލްސީ އަތުން ވަނީ ލީގުގެ އެއް ވަނަ ގެއްލިފަ އެވެ. ދެ ޓީމަށް ވެސް 34 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ޖެހި ގޯލުން ކުރީގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލީގުގެ އެއް ވަނަ އަށް އަރަން މިއަދު ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ އަށް ބޭނުންވަނީ މަދުވެގެން އެއް ޕޮއިންޓެވެ.

އެހެން ނަމަވެސް އެފްއޭއިން ޕޮއިންޓް އުނިކުރަން ނިންމައިފިނަމަ ޗެލްސީ އަތުން އެއް ވަނަ ގެއްލުމުގެ ފުރުސަތު ބޮޑެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ޗެލްސީ އަކީ ލީގު ފޭވަރިޓުން ކަމަށް ބުނާތީ އެއީ އުފުލަން ޖެހިފައިވާ އިތުރު ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"ގިނަ ބަޔެއްގެ ނަޒަރުގައި ޗެލްސީ އަކީ ލީގު ފޭވަރިޓް. އެއާ އެކު އެބަ ކުރިމަތިވޭ އިތުރު ޒިންމާއެއް. ލީގުގެ ވާހަކަ ދައްކަން އަދި އަވަސް. އަހަރެންގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއް. މި ލީގުގެ ވާދަވެރިކަން ބޮޑުވާއިރު ފޭވަރިޓެއް އޮތް ކަމަށް ނުދެކެން،" ކޮންޓޭ ބުންޏެވެ.

ޗެލްސީ އާއި ވެސްޓް ބްރޮމް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5 ޖަހާއިރު އެވެ.