Roadha Mihaaru
"ސިންގަމް 3" ގެ ކުރިން "ގޯލްމާލް 5" ހަދާނެ

"ސިންގަމް 3" ގެ ކުރިން "ގޯލްމާލް 5" ހަދާނެ

30 ނޮވެމްބަރ 2021

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ އަޖޭ ދޭވްގަނާ އެކު ހަދަން ނިންމާފައިވާ "ސިންގަމް 3" ގެ ކުރިން އެ ދެ މީހުން އެކީގައި ގެނެސްދެމުން ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ އަޖޭ ދޭވްގަނާ އެކު ހަދަން ނިންމާފައިވާ "ސިންގަމް 3" ގެ ކުރިން އެ ދެ މީހުން އެކީގައި ގެނެސްދެމުން ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފި އެވެ.

ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުނީ އޭނާ މިދިޔަ އަހަރުގެ ތެރޭގައި ހަދަން ފަށައި، މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމުމަކަށް އައިސްފައިވާ ކޮމެޑީ ފިލްމު "ސާކަސް" ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު، ހަދާނެ ފިލްމަކީ "ގޯލްމާލް 5" އެވެ. މި ސީރީޒްގެ އެންމެ ފަހުގެ ފިލްމަކީ ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި 2017 ގައި ގެނެސްދިން "ގޯލްމާލް އެގެއިން" އެވެ.

"ގޯލްމާލް" އަކީ 2006 އިން ފެށިގެން ގެނެސްދެމުން އަންނަ އެއްޗެކެވެ. މީގެ ދެވަނަ ބައި "ގޯލްމާލް ރިޓާންސް" 2008 ގައި ގެނެސްދިނުމަށް ފަހު، "ގޯލްމާލް 3" ގެނެސްދިނީ 2010 ގަ އެވެ. ހަތަރު ވަނަ ފިލްމު 2017 ގައި ގެނެސްދިނުމަށް ފަހު، ފަސް ވަނަ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އަންނަ އަހަރުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ ކަމަށް ރޯހިތު ބުންޏެވެ.

މި ސީރީޒް ގެނެސްދޭން ފެށި ފަހުން މައިގަނޑު ތަރިންގެ ގޮތުގައި ހިމެނެނީ އަޖޭ އާއި އަރުޝަދު ވަރުސީގެ އިތުރުން ތުޝާރު ކަޕޫރެވެ. ދެން ކޮންމެ ފަހަރަކު ވެސް ފިލްމުގެ ކާސްޓަށް ބަދަލުތަކެއް އާދެ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ފިލްމުގެ ބަތަލާއިން ބަދަލުވެ އެވެ.

"ސާކަސް" އަށް ފަހު ދެން ހަދާނީ "ގޯލްމާލް 5" ކަން ރޯހިތު ކަށަވަރުކޮށް ދީފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު "ސިންގަމް 3" ގެ ޝޫޓިން ފަށަން ނިންމާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

"ސިންގަމް" އަކީ އަޖޭއާ އެކު 2011 ގައި ރޯހިތު ގެނެސްދޭން ފެށި އެއްޗެކެވެ. އަޖޭ ފުލުހެއްގެ ރޯލު ކުޅޭ ސީރީޒްގެ ދެވަނަ ބައި "ސިންގަމް ރިޓާންސް" ރިލީޒްކުރީ 2014 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސިމްގަމް 3" ރިލީޒްކުރާނީ 2023 ގަ އެވެ.

ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 5 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އެވެ. އަންނަ އަހަރުގެ ޖުލައި 15 އަށް ތާވަލުކޮށްފައިވާ "ސާކަސް" އަކީ ރަންވީރު ސިންގް އާއި ވަރުން ޝަރުމާ އާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޕޫޖާ ހެގްޅޭ މައިގަނޑު ރޯލުތަކުން ފެންނާނެ ފިލްމެކެވެ.