Roadha Mihaaru
ހިޔާގައި ފެނުގެ މެއިންޓަނަންސް އުނދަގޫވާނެ: ޝާހް

ހިޔާގައި ފެނުގެ މެއިންޓަނަންސް މަސައްކަތެއް ކުރެވޭނީ ފްލޯއިން އެއްކޮށް ފެން ކަނޑާލައިގެން

27 ނޮވެމްބަރ 2021

ހިޔާ ފެލްޓުތަކުގައި ބޭނުން ކޮށްފައިހުރި ފެން ހޮޅިތަކުގެ ސަބަބުން، އޭގެ މެއިންޓެނެންސް މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ މުޅި ފްލޯއިން އެއްކޮށް ފެން ކަނޑާލައިގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ފެލްޓުތަކުގައި ބޭނުން ކޮށްފައިހުރި ފެން ހޮޅިތަކުގެ ސަބަބުން، އޭގެ މެއިންޓެނެންސް މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ މުޅި ފްލޯއިން އެއްކޮށް ފެން ކަނޑާލައިގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހު ވިދާޅުވީ ހިޔާ ފެލެޓުތައް ހެދި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ) ކުންފުނިން އެތަނުގައި ބޭނުން ކޮށްފައިވަނީ އެމްޑަބްލިއުއެސްސީން ބޭނުންކުރާ ބާވަތުގެ ހޮޅި ނޫން ކަމަށެވެ. މި ހޮޅިތަކުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ހޮޅިތައް މަރާމާތުކުރާނެ ސާމާނު ވެސް އެ ކުންފުނީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގައި ބޭނުން ކޮށްފައި ހުރީ ޕީޕީއާރު ހޮޅި. އެ ހޮޅި މަރާމާތުކުރަން ޖެހިއްޖެއްޔާ ބޭނުންކުރާނެ ޓޫލެއް އެމްޑަބްލިއުއެސްސީއަކު ނެތް. ދެން މެއިންޓެނެސް މަސައްކަތް ކުރާއިރު އަޅުގަނޑުމެންނަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކޮންމެ ޓަވަރެއްގެ އެ ފްލޯއަކުން އެއްކޮށް ފެން ކަނޑާލަން ޖެހުން. ގިނަ ތަންތަނުގައި ވޭލް ލާފައި ހުރި ނަމަ މުޅި ފްލޯއިން ފެން ކަނޑާލަން ނުޖެހޭނެ،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ދިނުމުގައި ބޭނުންކުރާ ވައްތަރުގެ ހޮޅި ހިޔާގައި ބޭނުންކޮށްފައި ހުރި ނަމަ މި މައްސަލަ ދިމާ ނުވާނެ ކަމަށެވެ.

ފެން ހޮޅީގެ އިތުރުން މި ފެލްޓުތަކުގައި ހަރުކޮށްފައިވާ މީޓަރުތަކަކީ ވެސް ޗައިނާ ކުންފުނީގެ މީޓަރުތަކެކެވެ. އެ މީޓަރުތަކުގެ ތެރެއިން ބައެއް މީޓަރުތަކުގައި މައްސަލަ ހުރިކަން އެމްޑަބްލިއުއެސްސީއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.

ހިޔާ ފްލެޓްގައި ފެން ވަޔަރިންގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ޗައިނާގެ ކުންފުނިންނެވެ. މި މަސައްކަތުގައި އެމްޑަބްލިިއުއެސްސީގެ ލަފައެއް އަދި ބަހެއް ހޯދާފައި ނުވާ ކަމަށްވެ އެވެ. ފެނާ ގުޅުން ހުރި މަސައްކަތްތައް ނިންމައި އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ވަރަށް ފަހުންނެވެ.