Roadha Mihaaru
"ބަރެސްދޫ މައްސަލާގައި ބަލާނީ ވަކި ހިސާބަކަށް"

ބަރެސްދޫ މައްސަލައިގައި އެމްއައިޓީޑީސީ އަށް ބަލާނީ ވަކި ވަރަކަށް: މިނިސްޓަރު

26 ނޮވެމްބަރ 2021

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލުކޮށްފައިވާ ލ. ބަރެސްދޫ މަޝްރޫއު ކުރިއަށްގެންދޭތޯ ބަލާނީ ވަކި މުއްދަތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ލ. ދަނބިދޫއިން އާސިމާ ނިޒާރު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލުކޮށްފައިވާ ލ. ބަރެސްދޫ މަޝްރޫއު ކުރިއަށްގެންދޭތޯ ބަލާނީ ވަކި މުއްދަތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެ އަތޮޅަށް ހާއްސަކޮށްގެން ފެށި ޓޫރިޒަމް ރީ-އިމޭޖިނިން ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރާ ދަތުރެއް މިދިޔަ އަންގާރަ ދުވަހު ފަށައިފަ އެވެ. އޭގެ ތެރެއިން، މިނިސްޓަރު އިސްވެ ހުންނަވައި އިއްޔެ ދަނބިދުއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވި އެވެ.

އޭގެ ކުރިން ބައްދަލުކުރެއްވި އެހެން ރަށްރަށުގެ ކައުންސިލްތަކުން ވެސް ވަނީ ބަރެސްދޫ މަޝްރޫއު ކުރިއަށްނުގޮސް، ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ދަނބިދޫ ކައުންސިލާއެކު އިއްޔެ ބޭއްވި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބަރެސްދޫއަކީ ސަރުކާރުގެ ވައުދުގައި ހިމެނޭ އިންޓަގްރޭޓެޑް ޓޫރިޒަމް ކަމަށާއި އެކަން ކާމިޔާބު ނުވަންޏާ އިންޓަގްރޭޓެޑް ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދެން އެމްއައިޓީޑީސީއަށް ބަލާނީ ވަކި ވަރަކަށް. އެމްއައިޓީޑީސީ އަށް ވެސް އެ ވާހަކަ ދަންނަވައިފިން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކްރޮސްރޯޑު މަޝްރޫއުން އިންޓަގްރޭޓެޑް މޮޑެލް ކާމިޔާބުކަން އެނގިގެންދާ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދަށް ވާތީ ފަސޭހަތަކެެއް ހުންނާނެ ކަން ޑރ. މައުސޫމް ވެސް ފާހަގަކުރެއްވި އެވެ. ބައިވަރު މައްސަލަތަކާ ހެދި ބަރެސްދޫ ނުހެދި އޮތުމުން އެތަން އަވަހަށް ހަދަން ނުވަތަ އެ ތަން ދޫކޮށްލަން އަންގާފައިވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމަށް ހާއްސަ މަޝްރޫއުތައް ކުރިއަށްނުދާތީ ބަނޑިދޫގެ ރައްޔިތުންނަށް ލިބިފައިވާ ނާއުއްމީދަށް، އުއްމީދެއް ގެނެވޭނީ ވަރަށް ވަރުގަދަ ބަދަލެއް ގެނެސްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޓަގްރޭޓެޑް މޮޑެލް ކާމިޔާބުކުރަން މަސައްކަތްކުރާނަން،" މައުސޫމް ވިދާޅުވި އެވެ.

ދަނބިދޫ ކައުންސިލްގެ ރައީސް އިބްރާހިމް މިމްރާހު ވިދާޅުވި ގޮތުގައި އެ ރަށާ ކައިރި އެހެން ރަށްރަށަށް އާމްދަނީގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ލިބޭއިރު، އެ ރަށަށް ލިބެނީ 85،000ރ. އެވެ. ސުނާމީ ކާރިސާއަށްފަހު 2005 ވަނަ އަހަރު އެޅި ނަރުދަމާގައި މައްސަލަތައް ދިމާވުމުން ރަށުގައި މަސައްކަތްތައް ކުރިއަށްގެންދަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި 136 ގޯތި ރަޖިސްޓްރީކޮށްފައިވާއިރު މިހާރު ވެސް 154 ގޯއްޗެއް ހުސްކޮށް އެބައޮތެވެ. އެ ތަންތަން ހުސްކޮށް އޮތް މައިގަނޑު ސަބަބަކީ ވެސް ނަރުދަމާ އެޅިފައި ނެތުމެވެ.

ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ކުރީގެ ސަރުކާރުން ނިންމާފައި އޮތީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓް ހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ. މިރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް 2016 ގައި ފެށި އެ މަޝްރޫގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.