Roadha Mihaaru
ތުރުކީގެ އިގްތިސާދު ރިބާއިން ސަލާމަތް ކުރަނީ

ތުރުކީގެ އިގްތިސާދު ރިބާއިން ސަލާމަތް ކުރަނީ

22 ނޮވެމްބަރ 2021

ތުރުކީ ވިލާތުގެ ވިޔަފާރީގެ ދާއިރާގައި ހިނގާ ރިބާ އެކުލެވޭ ހުރިހާ މުއާމަލާތްތަކެއް ހުއްޓުމަކަށް ގެނެސް، ގައުމުގެ އިގްތިސާދު ރިބާއިން ސަލާމަތް ކުރައްވަން ގަސްދުކުރައްވާ ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީ ވިލާތުގެ ވިޔަފާރީގެ ދާއިރާގައި ހިނގާ ރިބާ އެކުލެވޭ ހުރިހާ މުއާމަލާތްތަކެއް ހުއްޓުމަކަށް ގެނެސް، ގައުމުގެ އިގްތިސާދު ރިބާއިން ސަލާމަތް ކުރައްވަން ގަސްދުކުރައްވާ ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އުރުދުގާން ވިދާޅުވީ، ބޭންކު އިންޓްރެސްޓްގެ ބުރަ، ރައްޔިތުން އުފުލަން ނުޖެހޭނެ ގޮތެއް ހައްދަވާނެ ކަމަށެވެ. އެހެންކަމުން އެކްސްޕޯޓް ކުރުމާއި އިންވެސްޓްކުރުން އިތުރުކޮށް، އިތުރު ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް، އެ ގައުމުގެ ކުންފުނިތަކަށް އުރުދުގާން ގޮވައިލެއްވި އެވެ.

"ދެން ހުއްޓި ހުރެވޭކަށް ނެތް. ބޭންކު އިންޓްރެސްޓުގެ ދިފާއުގައި ވަކާލާތު ކުރާ މީހުންނާ އެކު، މިކަމުގައި ދެން އިތުރަށް ކުރިއަށް ދެވޭކަށް ނެތް،" އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާންގެ އެ ނިންމެވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު ތުރުކީ ވިލާތުގެ މަރުކަޒީ ބޭންކުން ވަނީ، އެ ބޭންކުގެ އިންޓްރެސްޓް ރޭޓް 15 ޕަސެންޓަށް ދަށް ކޮށްފަ އެވެ. ތުރުކީ ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރަން ފެށިއިރު ވެސް، އެ ގައުމުގެ އިންފްލޭޝަން ރޭޓް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް، އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، ތުރުކީ ލީރާގެ އަގު ވެސް ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އުރުދުގާން ވިދާޅުވި ގޮތުގައި އެ ގައުމުން ކުރި އިގްތިސާދީ ތަޖުރިބާތަކުގައި ކާމިޔާބު ހޯދުނީ، ހަގީގީ އިގްތިސާދެއްގެ ޒަރީއާއިންނެވެ. އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ ތެރޭގައި ތުރުކީ ވިލާތް ހިމެނިގެން ދިޔައީ، ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމުން ކަމަށާއި، އެއީ ބޭންކު އިންޓްރެސްޓްގެ ސަބަބުން ލިބުނު ކުރިއެރުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އުންމާންގެ މުފްތީ އައްޝައިޚް އަހްމަދު ބިން ހަމަދް

އުންމާންގެ މުފްތީ އައްޝައިޚް އަހްމަދު ބިން ހަމަދް

އޭގެ ބަދަލުގައި އުރުދުގާން ދެކެވަޑައިގަންނަވާ ގޮތުގައި ބޭންކު އިންޓްރެސްޓް ރޭޓު މަތިކުރުމަކީ، އޭގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމަށާއި އިންވެސްޓްމެންޓުގެ ދާއިރާ އަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. އޭގެ އިތުރުން، ބޭންކު އިންޓްރެސްޓުގެ ސަބަބުން، އާންމު ރައްޔިތުން އެމީހުންގެ ފައިސާކޮޅު ބޭންކުތަކުގައި ޖަމާކޮށް، މަސައްކަތުން ދުރުހެލިވެ، ބޭންކުން ލިބޭ ފައިދާއިން ފުއްދާލައިގެން ތިބުމުން، ގައުމީ އުފެއްދުންތެރިކަމާ ކުރިމަތިވަނީ ކަންނެތްކަން ކަމަށް ވެސް އުރުދުގާން ދެކެވަޑައިގަންނަވަ އެވެ.

އުރުދުގާންގެ މި ނިންމެވުމަށް އުންމާންގެ މުފްތީ އައްޝައިޚް އަހްމަދު ބިން ހަމަދް އިއްޔެ ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. ބޭންކް އިންޓްރެސްޓް ރޭޓް ދަށްކޮށް ރިބާގެ މުއާމަލާތްތައް ހުއްޓައިލަން، ތުރުކީގެ ރައީސް އުރުދުގާން ނިންމެވި ނިންމެވުމަށް ދުނިޔޭގެ އިސްލާމީ ގައުމުތަކުން އެއްބާރުލުން ދިނުމަށް ވެސް މުފްތީ ގޮވައިލެއްވި އެވެ.

"ރިބާ ކާ މީހުންނަށާއި ކާންދޭ މީހުންނަށާއި، ރިބާގެ މުއާމަލާތު ލިޔެދޭ މީހާއަށާއި ރިބާގެ މުއާމަލާތަށް ހެކިވާ މީހުންނަށް މާތް ﷲ ލަޢުނަތް ލައްވާފައިވާ، ރިބާގެ ނަޖިސްކަމުން އެ ގައުމުގެ އިގްތިސާދު ތާހިރުކުރުމަށް އިރުޝާދު ދެމުންދާ، އަހަރެމެންގެ އެއްބަނޑު އެއްބަފާ އިސްލާމީ ތުރުކީގެ ސަރުކާރަށާއި ވެރިންނަށް އަހަރެމެން މަރުހަބާ ކިޔަން،" އުންމާންގެ މުފްތީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

"މިކަމުގައި ތުރުކީ ވިލާތަށް އެއްބާރުލުން ދިނުމަށް އިސްލާމީ ހުރިހާ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވައިލަން. މި އުންމަތުގެ އިގްތިސާދަކީ، ޚާލިސް އިގްތިސާދަކަށް ހެދުމަށްޓަކައި، ސީރިއަސްކަމާއި ވަރުގަދަ އަޒުމަކާއެކު، ތުރުކީ ވިލާތުގެ މި މަޝްރޫއު ތަންފީޒުކުރުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ވަރަށް ބޮޑަށް އެދެން."