Roadha Mihaaru
ތާލިބާނުންގެ އިސް ވަފުދެއް ތުރުކީ އަށް

ތާލިބާނުންގެ އިސް ވަފުދެއް ތުރުކީ އަށް

14 އޮކްޓޯބަރ 2021

އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ އިސް ވަފުދެއް، ތުރުކީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް، ތުރުކީ ވިލާތަށް މިއަދު ހިނގައްޖެ އެވެ.

އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ އިސް ވަފުދެއް، ތުރުކީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް، ތުރުކީ ވިލާތަށް މިއަދު ހިނގައްޖެ އެވެ.

އަފްގާނިސްތާނުގެ އިގްތިސާދީ މައްސަލަތަކާއި ސަލާމަތީ ނުރައްކާތަކާ ގުޅޭ ގޮތުން ތުރުކީ ސަރުކާރާ އެކުގައި މަޝްވަރާކުރުމަށް އެ ގައުމަށް ދިޔަ މި ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އަފްގާނުގެ ވަގުތީ ސަރުކާރުގެ ހާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ އެވެ. އަފްގާނިސްތާނުގެ މިވަފުދުން އެންމެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ގެންދާނީ ތުރުކީ ވިލާތުގެ ހާރިޖީ ވަޒީރު މައުލޫދު ޖާވީޝް އޯގްލޫއާ އެކުގަ އެވެ.

އޭގެ އިތުރުން ވެސް ތުރުކީ ސަރުކާރުގެ އިސް ވެރިންނާ އެކުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެ އެވެ.

ތާލިބާނުންގެ އިސް ވަފުދެއް ތުރުކީ ވިލާތަށް މި ޒިޔާރަތް ކުރީ، ވިލާތުގެ ގައުމުތަކުގެ މަންދޫބުންނާ އެކުގައި، ގަތަރުގެ ވެރިރަށް ދޯހާގައި ވެސް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ފަހުގަ އެވެ. އެ މަޝްވަރާތަކުގައި، އަފްގާނިސްތާނުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިވެދިނުމަށް ވިލާތުގެ ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް ތާލިބާނުން މަސައްކަތް ކުރަމުން އަންނައިރު، އެތެރޭގެ ސަލާމަތީ ކަންތައް ހަރުދަނާ ކުރުމަށް ތާލިބާންގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ހޯސްތު ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޗެކްޕޯސްޓްތައް ގާއިމުކޮށް، މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އޮކްޓޫބަރ 10، 2021؛ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ފަރުބަދަމަތީ ހިސާބެއްގެ މަގެއްގައި ތިބެގެން ކުޑަކުދިންތަކެއް އާންމުންނަށް ސައި ވިއްކަނީ. --އޭއެފްޕީ

އޮކްޓޫބަރ 10، 2021؛ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ފަރުބަދަމަތީ ހިސާބެއްގެ މަގެއްގައި ތިބެގެން ކުޑަކުދިންތަކެއް އާންމުންނަށް ސައި ވިއްކަނީ. --އޭއެފްޕީ

ދާހިލީ ވުޒާރާގެ ތަރުޖަމާނު ސައީދު ހޯސްތީ ވިދާޅުވި ގޮތުގައި ދިފާއީ ވުޒާރާ އާއި ދާހިލީ ވުޒާރާގެ އިތުރުން ޖާސޫސީ އިދާރާ ހިމެނޭ ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވައިލައިފަ އެވެ. މި ކޮމިޓީގެ މަސައްކަތަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ކަމަށް ޝައްކުކުރެވޭ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ނިސްބަތްވާ މީހުންނާއި، އާންމުންނާ ދެކޮޅަށް ޖިނާއީ އަމަލުތައް ހިންގާކަމަށް ޝައްކުކުރެވޭ ސަރުކާރު މުވައްޒަފުންގެ މައްސަލަތައް ތަހުގީގުކޮށް ބެލުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބެގެން، ތާލިބާން ޖަމާއަތުގެ މީހުންނަށް ވެގެން، ގާނޫނާ ހިލާފު އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނެ އެވެ. ސިފައިންގެ ޔުނީފޯމުގަ އާއި ފުލުހުންގެ ޔުނީފޯމުގައި ތިބޭ ބަޔަކު، ގެތައް ބަލައި ފާސްކުރުމުގެ ނަމުގައި ގޭގެއަށް ވަދެ، އެތަންތަނުން ވައްކަންކޮށް އާންމުންގެ ހައްގުތަކަށް އަރައިގަންނަކަމުގެ ޝަކުވާތައް ލިބޭ ކަމަށް، އަފްގާނު ސަރުކާރުން ބުނެ އެވެ.

ނަމަވެސް އަފްގާނު ސަރުކާރުން ބުނާ ގޮތުގައި، އެއްވެސް ސަރަހައްދެއްގައި މީހުންގެ ގޯތިގެދޮރު ބަލައި ފާސްކުރުމުގެ އެއްވެސް ކަމެއް ކުރުމަށް ސިފައިންނާ ފުލުހުންނަށް އަންގައިފައެއް ނުވާނެ އެވެ.