18 ނޮވެމްބަރ 2021
އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލްއަށް ވަންނަނީ ގާތްގަނޑަކަށް 35 ޕަސެންޓް ދަރިވަރުން ކަމަށާއި އެފަދަ ކަތި ފިޔަވަޅުން މުޅި ގައުމަށް ގެއްލުން ލިބިގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލްއަށް ވަންނަނީ ގާތްގަނޑަކަށް 35 ޕަސެންޓް ދަރިވަރުން ކަމަށާއި އެފަދަ ކަތި ފިޔަވަޅުން މުޅި ގައުމަށް ގެއްލުން ލިބިގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ސާނަވީ އިމްތިހާނު ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، އެ އިމްތިހާނު ނިންމުމަށް ފަހު މަތީ ސާނަވީއާ ކުރިމަތިލާ ދަރިވަރުންގެ އަދަދު މަދުވާ މައްސަލަ ބަލަންޖެހޭ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރު ރާއްޖޭގައި ސާނަވީ އިމްތިހާނު ހަދާފައިވަނީ ކޮންމެ އަހަރަކު އެވްރެޖުކޮށް 5،600 ދަރިވަރުން ކަމަށެވެ. އޭގެ ތެރެއިން އޭލެވެލް އަށް ވަންނަނީ އެވްރެޖުކޮށް، އަހަރަކު 2،040 ކުދިން ކަމަށާއި ގާތްގަނޑަކަށް 64 ޕަސެންޓް ދަރިވަރުން މަތީ ސާނަވީ ހަދަން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
އެއީ ކިހިނެއްވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދައުލަތުގެ މުއައްސަސާތަކުން ވެސް އަދި ބެލެނިވެރިން ވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ މަތީ ސާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ ކިޔަވައި ނިމުނީ ކަމަށް ގަބޫލުކުރެވޭނަމަ އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
އޯ ލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ އެފަދަ ކަތިފިޔަވަޅުން ގެއްލިގެންދަނީ ދަރިވަރުގެ މުސްތަގުބަލު އެކަންޏެއް ނޫނެވެ. އެއީ މުޅި ގައުމަށް ވެސް ލިބޭ ގެއްލުމެއްކަން ފާހަގަކުރެއްވި އެވެ.
"އެންމެ ކުއްޖަކުވެސް ތައުލީމީ ހަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ ގައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ގައުމު ކުރިއެރުވުމަށާއި ގައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް،" ރައީސް ވިދާޅުވި އެވެ.
ގައުމު ތަރައްގީ ވަނީ އެ ތަނެއްގައި އުޅޭ މީހުން ތަރައްގީވެގެން ކަމަށާއި ގައުމު ކުރިއަރަނީ، އެ ހުރި ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން ގައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި އެކަމަށް މަސައްކަތް ކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ދަރިވަރަކު ވެސް އެ ކުއްޖެއްގެ ކުރިމަގާމެދު ވިސްނުންތަކެއް ގެންގުޅޭނެ ކަމަށެވެ. އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާ ވެސް ގުޅިފައި އޮންނަ ވިސްނުމެއް ކަމަށާއި އެ މަރުހަލާއަށް ކުދިން ދާއިރު ވެސް ބެލެނިވެރިންގެ ދައުރަކަށްވާންވީ އެ ދަރިވަރުން ރަނގަޅު މަގު ދައްކައިދިނުމެވެ.
"ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ ބައެއް ފަހަރަށް ވަރަށް ހިތި ނަތީޖާ ވެސް ނުކުމެދާނެ ކަމެއް. އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުން ހާސިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ. އެ ކުއްޖާއާއި އާއިލާއަށް ލިބޭ އުފާވެރިކަން ވެސް މާ ބޮޑުވާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތައް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުންނާ ދެކޮޅަށް
މަޖުބޫރު މާއްދާތަކުގެ ތެރެއިން ދިވެހި ފިޔަވައި އެހެން މާއްދާތަކުން ކުރިއެރުން
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
ފުރަތަމަ ފަހަރަށް އަރަބިއްޔާގެ ދަރިވަރުން ގަދަ10 އަށް
ދަރިވަރުންގެ ނަތީޖާއިން ސަރުކާރަށް ހިތްވަރު ލިބޭ:ރައީސް
ގަދަ 10 ގައި 844 ކުދިން، އެވޯޑް ދިނުން މި މަހު
ދަރިވަރުންގެ ކުރިމަގާ ގުޅޭގޮތުން މިނިސްޓަރުގެ ސުވާލުތަކެއް
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
މަޖުބޫރުވާ ދާއިރާތަކުން ކުދިންގެ ހުނަރު ނުފެނިދާނެ