Roadha Mihaaru
ކްރޫޒް ލައިނާތަކުގެ ޝަކުވާއެއް ނުލިބޭ: އެމްޕީއެލް

ކްރޫޒް ލައިނާތައް ރާއްޖެ އައުމުގައި ދަތިވާ ކަމުގެ ޝަކުވާއެއް ނުލިބޭ: އެމްޕީއެލް

18 ނޮވެމްބަރ 2021

ކްރޫޒް ލައިނާތަކަށް ރާއްޖެ އައުމުގައި އެއްވެސް ދަތިކަމެއް އަދި ކަންބޮޑުވުމެއް އޮތް ކަމުގެ ޝަކުވާއެއް ލިބިފައި ނެތް ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކްރޫޒް ލައިނާތަކަށް ރާއްޖެ އައުމުގައި އެއްވެސް ދަތިކަމެއް އަދި ކަންބޮޑުވުމެއް އޮތް ކަމުގެ ޝަކުވާއެއް ލިބިފައި ނެތް ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ ފާއިތުވި ތިން އަހަރު ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕައިލެޓޭޖް ޗާޖަށް ގެނައި ބަދަލު ކަމަށެވެ. މިކަމާ ގުޅޭގޮތުން އެ ދާއިރާގެ ފަރާތްތަކާ މަޝްވަރާ ކުރުމުން ވެސް މި ޗާޖު ބޮޑު ކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކްރޫޒް ލައިނާތަކާއި ޔޮޓު އޮޕަރޭޓަރުންނާ އެމްޕީއެލް އިން އަންނަނީ ބައްދަލުކޮށް މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފަ އެވެ.

މި ބައްދަލުވުމަށް ފަހު އެމްޕީއެލް އިން ބުނީ ޕައިލެޓޭޖް ފީއާ ބެހޭ އެއްވެސް މައްސަލައެއް އޮތް ނަމަ އެކަމާ މަޝްވަރާކުރަން އެ ކުންފުނިން އޮތީ ތައްޔާރަށް ކަމަށާއި އެކަމަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސަރުކާރު ބަދަލުވުމުގެ ކުރިން ޕައިލެޓޭޖް ޗާޖު ނަގަމުން އައީ ކުރިން ހަދާފައިވާ ޓެރިފް ގަވާއިދުތަކާ އެއްގޮތަށެވެ. ނަމަވެސް މަޝްވަރާތަކަށް ފަހު އެ ކުންފުނިން ވަނީ ބޯޓުފަހަރުގެ ޓަނޭޖު ސައިޒުތައް ކެޓަގަރީތަކަށް ބަހާލައި އެ ކެޓަގަރީއަކާ އެކަށީގެންވާ ޓެރިފެއް ހަމަޖައްސައިފަ އެވެ. މިހާރު ޕައިލެޓޭޖު ޗާޖު ނަގަނީ މި ޓެރިފާ އެއްގޮތަށެވެ.

މިހާރު ނަގާ ޕައިލެޓޭޖު ފީއަކީ ރާއްޖެއާ ކައިރި ގައުމުތަކުގެ ޕޯޓުތަކުން ނަގާ ފީއަށްވުރެ ކުޑަ އަދަދެކެވެ.