Roadha Mihaaru
ދައުވާކުރަން ފޮނުވި ފުލުހުންނާ މެދު ފިޔަވަޅެއް ނާޅާ

ދައުވާކުރަން ފޮނުވި ފުލުހުންނާ މެދު ފިޔަވަޅެއް ނާޅާ

16 ނޮވެމްބަރ 2021

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް ލާއިންސާނީ އަނިޔާކުރި ކަމަށް ފުލުހުންތަކަކަށް ކުރާ ތުހުމަތުތަކުގެ ތަފްސީލް ނުލިބޭތީ އެ ފުލުހުންނާ ދޭތެރޭގައި އަދި ފިޔަވަޅެއް ނާޅާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް ލާއިންސާނީ އަނިޔާކުރި ކަމަށް ފުލުހުންތަކަކަށް ކުރާ ތުހުމަތުތަކުގެ ތަފްސީލް ނުލިބޭތީ އެ ފުލުހުންނާ ދޭތެރޭގައި އަދި ފިޔަވަޅެއް ނާޅާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހިންގި ތަހުގީގަކަށް ފަހު ޕީޖީ އޮފީހަށް ފޮނުވީ ޖެންޑާ މިނިސްޓްރީގެ އިތުރުން ފުލުހުންތަކަކަށް ދައުވާ އުފުލައި ދިނުމަށެވެ. އެކަމަކު ޕީޖީ ދައުވާކުރީ 13 ފުލުހުންނަށް އެކަންޏެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާތީ ކަމަށް ޕީޖީން ބުންޏެވެ. އެ މީހުންނަށް ތުހުމަތުކޮށްފައި ވަނީ ކުދިން އަތުގައި ބިޑި އަޅުވައި ލާއިންސާނީ، އިހާނެތި އަމަލު އެ ކުދިންނާ މެދު ހިންގި ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ ފުލުހުންނާ މެދު އެޗްއާރުސީއެމުން ކުރި ތުހުމަތުތަކުގެ ތަފްސީލް ނުލިބޭ ކަމަށެވެ. ފުލުހުންނާ މެދު ފިޔަވަޅެއް އެޅޭނީ ތަފްސީލްތައް ލިބިގެންކަން ފާހަގަކުރައްވައި ވިދާޅުވީ އެޗްއާރުސީއެމްގައި އެ މައުލޫމާތަށް އެދިފައިވާނެ ކަމަށެވެ.

ފުލުހުންނާ މެދު އެޗްއާރުސީއެމުން ކުރި ތުހުމަތުތައް އެ އިދާރާ އިން ވަނީ ދޮގުކޮށްފަ އެވެ. ހިޔާގެ ކުދިންތަކެއް ކޮންޓްރޯލްކުރުމުގައި ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާއިރު ދައުވާ ކުރުމުން ކަންބޮޑުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ހިނގި ހާދިސާގެ މައްސަލައެއް ބެލިއިރު، އެ ކޭމްޕްގައި ގެންދިޔަ ކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުނަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންނަށް ދައުވާ ކުރުން ދިފާއުކުރައްވައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި ފުލުހުންނަށް ވެސް ރެކިނުގަނެވޭނެ ކަަމަށެވެ. ފުލުހުންނަށް ދައުވާކުރި ސަބަބުތައް ކޯޓުގައި ސާފުވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.