Roadha Mihaaru
"މާލީ ދާއިރާގެ މީހުން މަދުވުމުން ކަންކަން ލަސްވޭ"

ދައުލަތުގައި މާލީ ދާއިރާގެ މީހުން މަދުވުމުން ކަންކަން ލަސްވާން މަގުފަހިވޭ: ފައްޔާޒު

16 ނޮވެމްބަރ 2021

ދައުލަތުގައި މާލީ ދާއިރާގެ މީހުން މަދުވުމުގެ ނަތީޖާއަކީ ކަންކަން ލަސްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދައުލަތުގައި މާލީ ދާއިރާގެ މީހުން މަދުވުމުގެ ނަތީޖާއަކީ ކަންކަން ލަސްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކައުންޓެންޓުންގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާ ވަރަށް ބަލައި، ކުރިމަގުގައި މާލީ ދާއިރާ އަށް ގިނަ އަދަދެއްގެ ޕްރޮފެޝަނަލް މީހުން ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާރު ޕްރައިވެޓް ސެކްޓާގެ އިތުރުން ދައުލަތުގައި ވެސް މާލީ ދާއިރާގެ މީހުން މަދުކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މި ދާއިރާގެ މީހުން މަދުވުމުގެ ސަބަބުން، ކަންކަން ކޮށްދިނުމަށް ބޭނުންވާ މައުލޫމާތާއި ޕްރޮފެޝަނަލް އެކްސްޕަޓީސް ލިބުން ދަތިވެ ކަންކަން ލަސްވާ ގޮތް ދިމާވާނެ އެވެ. އެހެންވެ، އެކަން ހައްލު ކުރުމަށް ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަގާމާ ހަވާލުވި ފަހުން ކަންކަން ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފާހަގަވޭ، ސިޔާސީ ގޮތުން އަޅުގަނޑުމެން ރައްޔިތަކު ބޭނުންވާ ކަންކަން ތަންފީޒު ކުރަމުންދާއިރު، އެ ކަންކަން ނިންމުމަށް ބޭނުންވާ މައުލޫމާތާއި އެ ޑިސިޝަންތައް ނަގަން ބޭނުންވާ ޑޭޓާ އާއި ޕްރޮފެޝަނަލް އެކްސްޕަޓީސް މަދުކަން ރާއްޖޭގައި،" ފައްޔާޒު ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓާގައި އެކަންޏެއް ނޫން. ދައުލަތުގެ ތެރޭގައި އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މަދު."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ އިސް ބޭފުޅުން މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ އިސް ބޭފުޅުން މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި 4،500 ބިދޭސީ އެކައުންޓެންޓުން މަސައްކަތް ކުރާއިރު، ފައްޔާޒު ވިދާޅުވީ ބިދޭސީން މަދު ކުރުމުގެ ބަދަލުގައި ބޭނުންވަނީ މަތީ މަގާމުތަކަށް ދިވެހިން ނެރުން ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގައި އެކައުންޓިން ދާއިރާގެ މަތީފަންތީގައި ދިވެހިން މަދުވީ ޕްރޮފެޝަނަލް ކޮލިފިކޭޝަން ނެތުމުންނެވެ. މި ކޮލިފިކޭޝަން ހޯދައިދޭން ސަރުކާރުން މަގުފަހި ކޮށްދިނުމަކީ މާލީ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އެކައުންޓެންޓުން، އެ ފަންނުން ޑިގްރީ ހައްދައިވައިގެން ތިއްބެވި ބައިވަރު ބޭފުޅުން އެބަތިއްބެވި. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މަތީ ފަންތިތަކުގައި މާގިނަޔަކުން. އޭގެ އެއް ސަބަބު ކަމަށް އަޅުގަނޑަށް މިހާރު މި އެނގުނީ ޕްރޮފެޝަނަލް ކޮލިފިކޭޝަން މަދުކަން. އެއަށް ޖާގަ ކުޑަކަން،" ފައްޔާޒު ވިދާޅުވި އެވެ.

އެކައުންޓިން ދާއިރާ އިން މީހުން ތަމްރީން ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ސީއޭ މޯލްޑިވްސްއާ ދެމެދު ވަނީ މިދިޔަ މަހު އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި 1،000 އަށް ވުރެ ގިނަ ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކައުންޓެންޓުން އުފެއްދުމަށާއި އެކައުންޓެންޓުންނަށް ބޭނުންވަ ތަމްރީނު ދިނުމުގައި ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.