Roadha Mihaaru
އެޗްއާރުސީއެމްގެ ރައީސް އާއި ނައިބު އައްޔަންކޮށްފި

އެޗްއާރުސީއެމްގެ ރައީސަކަށް މުނާ، ނައިބަކަށް އަދުހަަމް އައްޔަންކޮށްފި

10 ނޮވެމްބަރ 2021

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޑރ.އަހުމަދު އަދުހަމް އަބްދުﷲ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޑރ.އަހުމަދު އަދުހަމް އަބްދުﷲ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަންކުރައްވައިފި އެވެ.

ގާނޫނުގައިވާ ގޮތުން، އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސް ހޮވާނީ އެ ކޮމިޝަންގައި ތިއްބަވާ ފަސް މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިންނެވެ. އެގޮތުން އެޗްއާރުސީއެމްގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުނާ އަދި ނައިބު ކަމަށް އަދުހަމް އައްޔަންކުރަން ފޮނުވުމުން މަޖިލީހުން އެ ދެބޭފުޅުންނަށް ރުހުން ދިނީ މިދިޔަ މަހުގެ 27 ގަ އެވެ.

އެޗްއާރުސީއެމްގެ ރައީސް ކަމަށް އައްޔަންކުރެއްވި މުނާ ވަނީ އޮސްޓްރޭލިޔާގެ އީޑިތު ކޯވަން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ. އެޗްއާރުސީއެމްއަށް މެންބަރަކަށް ވުމުގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިން އެންޑް އިންޓަނޭޝަނަލް ޓްރޭޑިންގެ ކޯޕަރޭޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އަދި މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަގާމުތައް މުނާ ފުރުއްވާފައިވެ އެވެ. ނައިބު ކަމަށް އައްޔަންކުރެއްވި އަދުހަމް ވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގް އިން ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވެ އެވެ. އަދި މީގެ ކުރިން އޭނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރައެއްގެ މަގާމު އަދާކުރައްވައިފަ އެވެ. އޭގެ އިތުރުން އަދުހަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.