Roadha Mihaaru
ސަލްމާން މިސްކިތް ނުހުޅުވި ދިގުލަނީ

ސަލްމާން މިސްކިތް ނުހުޅުވި ދިގުލަނީ

07 ނޮވެމްބަރ 2021

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމިތާ އެތައް ދުވަހެއް ވެގެންދިޔައިރު ވެސް، އެތަން ނުހުޅުވި ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމިތާ އެތައް ދުވަހެއް ވެގެންދިޔައިރު ވެސް، އެތަން ނުހުޅުވި ދިގުލައިގެން ހިނގައްޖެ އެވެ.

ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެޅި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ތަފާތު އެކި ސަބަބުތަކާ ހުރެ މަސައްކަތްތައް މަޑުޖެހިގެންދިޔަ އެވެ.

ނަމަވެސް ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި އެޅި މިސްކިތް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ އެކި ތާރީހުތައް ދީފަ އެވެ. ނަމަވެސް އެ މުއްދަތުތައް ފަހަނައަޅައިގެން ދިޔަ ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

އެކަމާ ގުޅިގެން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވީ އެ މިސްކިތް ބިނާކުރުމަށް ޔާމީން ބޭނުންފުޅުވި އެއް ސަބަބަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށެވެ. އޭގެ އަނެއް ބޭނުމަކީ އެ މިސްކިތަށް ގުރުއާނާ ބެހޭ މަރުކަޒު ބަދަލުކޮށް އިލްމު ފަތުރާ ތަނަކަށް ކިންގު ސަލްމާން މިސްކިތް ހެދުން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، މިސްކިތް ނުހުޅުވި ލަސްވެގެންދާ ކޮންމެ ދުވަހަކީ ލިބޭ ދެރައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަވަހަށް މިސްކިތް ހުޅުވައި އެ ތަނުގެ ބޭނުން ހިފައިގެން ކުރިއަށް ދިއުން ވަރަށް މުހިއްމު،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ސަލްމާން މިސްކިތަށް، ގުރުއާނާ ބެހޭ ގައުމީ މަރުކަޒު ވެސް ބަދަލުކުރާށެވެ. އެ ނިންމުމަށް މި ސަރުކާރުން އަދި ބަދަލެއް ނުގެނެ އެވެ.

ޑރ. ޝަހީމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް ގުރުއާނާ ބެހޭ މަރުކަޒު ބަދަލުކުރުމަށް ފަހު، އެ މަރުކަޒު މިހާރު ހިންގާ ބިމުގައި ވަގުފު ބިނާއެއް އަޅައި، ދީނީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އުއްމީދަކީ ގިނަ ދުވަސް ނުވެ މިސްކިތް ހުޅުވިގެން ދިއުން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

މިސްކިތް ހުޅުވުން ލަސްވާ ސަބަބު ހޯދަން އިސްލާމިކް މިނިސްޓްރީ އަށް ގުޅުމުން ބުނީ އެ ކަމުގައި ޖަވާބު ދޭނީ ރައީސް އޮފީހުން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް ކުރިން ވިދާޅުވީ އެ މިސްކިތް ހުޅުވަން ނިންމާފައިވަނީ އަންނަ ރޯދަ މަހު ކަމަށެވެ. މި މިސްކިތް މިދިޔަ ރޯދަ މަހު ހުޅުވާނެ ކަމަށް ވެސް ކުރިން ބުންޏެވެ.

އެ މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ސަރުުކާރުގެ ހާއްސަ މަންދޫބަކު މިދިޔަ އޮގަސްޓު މަހު ރާއްޖެ ވަޑައިގަތުމަށްފަހު އެ ގޮތަށް ނިންމާފައިވާ ކަމަށް މަބްރޫކް ކުރިން ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ މިސްކިތް ނުހުޅުވި ލަސްވަނީ ކޮވިޑާ ގުޅިގެން ސައުދީގެ އިސްބޭފުޅުންނަށް ރާއްޖެ ވަޑައިނުގެންނެވޭތީ ކަމަށެވެ.

މިސްކިތުގެ އިމާރާތުގައި، ނަމާދުކުރާ ތަނުގެ އިތުރުން ކުއްޔަށް ދޭ ހޯލުތަކާއި މީޓިން ރޫމުތަކެއް ހަދާފައި ވެ އެވެ. އެ ތަނަށް ދައުލަތުގެ ބަޖެޓުން ވެސް ހަރަދުކޮށްފައިވެ އެވެ.