Roadha Mihaaru
އީނާސް

އީނާސް

18 ސެޕްޓެމްބަރ 2024

(އާދިއްތަ ދުވަހާ ގުޅޭ)

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

(އާދިއްތަ ދުވަހާ ގުޅޭ)

"ބަލައްޗޭ ދެން ދިމާވާ ފަހަރު ވާ ގޮތް." ލަބީބު ބުންޏެވެ.

އަހަރެން އެއްބަސްވީމެވެ. ފާހަގަކުރެވުނު ކަމަކީ، ތަވީދަށް ފަހު އަހަންނަށް ދިމާވި ކޮންމެ ހާދިސާއަކުން ވެސް އަހަރެންގެ ހިތްވަރު ތަންކޮޅެއް ގަދަވި ކަމެވެ. އިތުބާރު ބޮޑުވި ކަމެވެ. އުންމީދު އާވިކަމެވެ. އެ ކަން އެނގެނީ ކުރިޔާ އަޅައި ކިޔައިލީމައެވެ.

ލައިބުރަރީ ކުލަބުގެ ބައްދަލުވުން ދެން އޮތް ދުވަހު، އެކިއެކި އައިޓަމުތައް އޮތެވެ. ވާހަކަ ކިޔުމާއި ލިޔުންތެރިންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ކުޅިވަރުތަކެއް ވެސް ކުޅުނެވެ. އޭގެ ތެރެއިން އެއް ކުޅިވަރެއްގައި ކުރަންޖެހޭ ކަމަކީ، އެކަކު އަނެކަކާ ސުވާލު ކުރުމެވެ. ބޭނުން ސުވާލެއް ކުރަންވީއެވެ. ބޭނުން ޖަވާބެއް ދޭންވީއެވެ. ބޭނުމަކީ، މެންބަރުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމެވެ. ކަން ދިމާވި ގޮތުން އަހަންނާ ސުވާލުކުރަން ޖެހުނީ އީނާސްއެވެ. އެތައް ބައިވަރު މީހުންނެއް ތިއްބައި، އެ ގޮތަށް ދިމާވީ ކީއްވެގެން ކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ޖީބުގައި ތަވީދު އޮތެވެ. އަހަރެން ހިތަށް އެރިއެވެ. އަނެއްކާ ވެސް ރަނގަޅު ދަނޑިވަޅެއް ލިބުނީއެވެ. ހިތް އޭރު ހީވަނީ މޭ ފަޅައިފައި ބޭރަށް ނުކުމެދާނެ ހެންނެވެ. ދިޔަ ތަރުތީބަކުން ގޮސް އަހަރުމެންނާ ޖެހެންވާ އިރަށް އަހަރެން ހުރީ ވަރަށް ތައްޔާރު ވެގެންނެވެ. ސުވާލުތައް އޮތީ ފުނިޖެހިފައެވެ.

"މުހުސިން!" ކުޅިވަރުގައި ނަގާކިޔަން ހުރި ނަޒީހު ބުންޏެވެ. "ރެޑީ؟" އަހަރެން ބޯޖަހައިލުމުން އީނާސް އަށް ފުރުސަތު ލިބުނެވެ. އޭނަގެ ރީތި ދެލޮލުން އަހަންނަށް ބަލައިލިއެވެ. އަހަރެންގެ ދެފައިން ވާގި ހުސްކޮށްލިއެވެ. ކުރަން ބޭނުންވި ހުރިހައި ސުވާލެއް ހަނދާން ނައްތައިލިއެވެ.

"އީނާސް! ފަށާ!" ނަޒީހު ބުންޏެވެ.

"ހާލު ކިހިނެއް؟" އީނާސް އެހީ އެހެންނެވެ.

އަހަރެން ޔަގީނުން ވެސް އެއްޗެއް ބުނީމެވެ. ބުނެވުނީ ކީކޭ ކަމެއް، އޭގެ މާނައަކީ ކޮބައި ކަމެއް އަހަންނަކަށް ވެސް ނޭނގެއެވެ. އަހަރެންގެ އަނގަޔަކު ވަރެއް ނެތެވެ.

"އޭނ؟" އީނާސް ހައިރާންވެފައި އެހިއެވެ. "ކީކޭ؟"

އަހަރެން ހޭން ފެށީމެވެ. އެ ތަނުގައި ތިބި ހުރިހައި އެކުވެރިން ވެސް ހޭން ފެށިއެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހައި ލަދުގަތް ދުވަހެއް ނާދެއެވެ.

"އަޑު ތާށިވީތަ؟" ލާނެތް އެކުވެރިއަކު އެހިއެވެ.

"ކީކޭތަ އެހީ؟ ހާލު ކިހިނެއްހޭ ދޯ؟" އަހަރެން ބުނީމެވެ. "ފެނެއެއްނު އަހަރެންގެ ހާލު."

އެ ދުވަހަކީ އަހަރުމެން ދެމީހުން ވާހަކަ ދެއްކި ފުރަތަމަ ދުވަހެވެ. މީހުން ބުނާ އަޑުއަހަމެވެ. ކަނޑުވާން އުޅޭ އިރު ކިތަންމެ ބިރުގަތަސް، ކަނޑުވުމުން ބިރު ކެނޑޭނެއެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އެއްފަހަރު އޭނަޔާ ވާހަކަ ދެއްކުމުން އަހަންނަށް ހިތްވަރު ލިބުނެވެ. ދައްކަން ހުރި ވާހަކަތައް ހަނދާންވިއެވެ. އޭރު އެންމެން އެންމެނާ ވާހަކަ ދައްކަނީއެވެ. އެކަކު ވެސް އަނެކަކު ދައްކަނީ ކޮން ވާހަކައެއްތޯއެއް ނުބަލައެވެ. މުޅި ތަން ހީވަނީ މާރުކޭޓެއް ހެންނެވެ. އަހަރުމެން ދެމީހުންގެ އެއްގޮތް ވަރަށް ގިނަ ކަންކަން ހުއްޓެވެ. އަޑުއަހާ ހިތްވާ ކަހަލަ ވާހަކަތަކެއް ދެއްކުނެވެ. އެ ދުވަހު އަހަރެން ލައިބުރަރީން ނުކުތީ ހިތްފުރި ބަންޑުން ވެގެންނެވެ. ތެޅެމުން ފޮޅެމުން ގެއަށް އައިސް ލަބީބުއާ ބައްދަލުކުރީމެވެ.

"ހަމަ ލަބީބު ބުނި ގޮތަށް ހުރިހާ ކަމެއް ވެސް ވީ،" ވަރަށް އުފާވެފައި އަހަރެން ބުނީމެވެ. "ކުޑަ ހިތްވަރެއް ކޮށްލަން ޖެހުނީ. ވާހަކަ ވެސް ދެއްކިއްޖެ! ބިރު ވެސް ފިލައިފި. ތީ ހާދަ މޮޅު މީހެކޭ!"

"ކޮބާ!" ސަލާން ކޮށްލަމުން ލަބީބު ބުންޏެވެ. "އަހަރެން އޭރު ވެސް ބުނީމެއްނު. ދެން އެ ކަމާ ވިސްނާނެ ކަމެއް ނެތް. ކިޔެވުމައިގެން ކުރިޔަށް ދޭ! ހުރިހައި ކަމެއް ވެސް ދެން ދާނީ ބަރާބަރަށް. އެއްވެސް މީހެއް ކައިރީ މި ވާހަކަ ދައްކާނެ ކަމެއް ނެތް."

ލަބީބު އެއްވެސް މީހެކޭ އެ ބުނީ އަހަރެންގެ މައިބަފައިންގެ ވާހަކައެވެ. އަހަންނަށް މޮޅު ކަމެއް ކުރެވިއްޖެއްޔާ، އަބަދު ވެސް އެ ވާހަކަ މަންމަ ގާތުގައި ބުނަމެވެ.

"މައްސަލައެއް ނޯންނާނެ،" އަހަރެން އެއްބަސްވީމެވެ. "އެކަމަކު ބުނެބަލަ! އަސްލު ކިހިނެއް ތި ހެދީ؟ މީގެ ސީކްރެޓް ބައި އަހަންނަށް ކިޔައިދީބަލަ!"

"މީގެ ސީކްރެޓަކީ، އެއްވެސް ސީކްރެޓެއް ނެތްކަން،" ލަބީބު ބުންޏެވެ. "ތި ތަވީދަކު އެކައްޗެއް ވެސް ނޯންނާނެ. މި ބުނީ، ތާކުންތާކު ޖެހޭ އެކައްޗެއް ވެސް ނުލިޔަމޭ! އެކަމަކު މިހާރު އެނގިއްޖެއްނު ތިމާގެ ހިތްވަރެއް ހުރިއްޔާ ކަންކަން ކުރެވޭނެކަން."

އެހެން ބުނީމައި އަހަރެން ވާން ޖެހޭނީ އުފަލެވެ. އެކަމަކު އަހަންނަށް ލިބުނީ މާޔޫސް ކަމެވެ. އަހަރެން ހުރީ އެ ތަވީދުގެ ސަބަބުން އެތައް "ބާރެއް" ލިބިފައެވެ. ޖިންނީންގެ އެހީތެރިކަމާއި ގަދަފަދަ ކަމާއި ކުޅަދާނަކަން ވެސް ލިބިފައެވެ. ކުއްލިއަކަށް އަހަންނަކީ އާދައިގެ އިންސާނެއްކަން އެނގުމުން ހީވީ އުސް ތަނަކުން ބިންމައްޗަށް، އަނގަވަތަށް ވެއްޓުނު ހެންނެވެ.

"ދެން ތި އެއްލާލާ!" ލަބީބު ބުންޏެވެ. "ކޮންމެހެން ތި ހިފައިގެން އުޅޭނެ ކަމެއް ނެތް."

"އެކަމަކު މިޔާ ނުލާ ދެނެއް އަހަންނަކަށް މި ކަމެއް ނުކުރެވޭނެ." އަހަރެން ބުނީމެވެ.

"އެހެންވިއްޔާ ތި ހިފައިގެން އުޅޭ!" ވަރަށް ހަމަޖެހިލާފައި ލަބީބު ބުންޏެވެ. "އަހަންނަށް ވަރިހަމަ އުމުރު ދުވަހަށް ތި ކަރުދާސްކޮޅު ހިފައިގެން އުޅުނަސް. އެކަމަކު އަމިއްލަ އަށް ވިސްނާލާ، ތީ ހަމަ އެއްވެސް އެއްޗެއް ނޫން. ހީވޭތަ މި ގޭ ކުއްޖަކަށް އަހަރެން ފަންޑިތައެއް ހަދައި ދޭނެހެން؟ އެ ވެސް މީހަކާ ހިތާކުރުވަން. ބައްޕަ އަށް އެނގިއްޖެއްޔާ ކިހާ ހިތްހަމަނުޖެހޭނެ. ބަލަ އަހަރެން މާ ކުރިން ވެސް މުހުސިނަށް މި ކަހަލަ އެތައް ވާހަކައެއް ކިޔައިދިނީމެއްނު. ބުނީމެއްނު ގިނަ ކަންކަމަށް ފަންޑިތައެއް ބޭނުމެއް ނުވާނޭ! ހަނދާނެއް ނެތް؟ ހަމަ އެ ކަހަލަ ކަމެކޭ މި ވީ."

ދެން އަހަރެން އެ ހަނދާން ވެސް ވިއެވެ. ކުރިން އެ ވާހަކަތައް ހަނދާން ނުވީތީ ހައިރާން ވެސް ވިއެވެ. ހިތަށް އެރިއެވެ. އަހަންނަށް ވެސް ލަބީބު އެ ހެދީ މަކަރެކެވެ. އެކަމަކު އެއީ ކިހައި ބޮޑު ތެދެއްކަން އަހަރެން އަމިއްލަ އަށް ތަޖުރިބާ ކުރެވިއްޖެއެވެ. ކޮންމެ ކަމަކަށް ފަންޑިތައެއް ނުވަތަ ތަވީދެއް ބޭނުމެއް ނުވެއެވެ. ރޭގަނޑު ނިދަން އޮވެގެން ވެސް އަހަރެން އެ ކަމާ ވިސްނީމެވެ. ހިތްވަރު ހުރީ އަހަރެންގެއެވެ.

ކަރުދާސްކޮޅުގައެއް ނޫނެވެ. އެ ހިފައިގެން އުޅުމަކީ މޮޔަ ކަމެކެވެ. ދެން އީނާސް ފެނުމުން ވާހަކަ ދައްކަން އަހަންނަށް ކެރޭނެއެވެ. އެ ކަން ވީ ވެސް އެހެންނެވެ. ތަވީދު ގޭގައި ބާއްވާފައި ދިޔުމުން ވެސް އަހަރެންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އަހަންނާއި އީނާސްގެ އެކުވެރިކަން ދިޔައީ ބަދަހިވަމުން، ވަރުގަދަ ވަމުންނެވެ. އެ ހިސާބުން ތަވީދު އެއްލައިލަން އަހަރެން ނިންމީމެވެ.

އަހަރުމެންގެ ގޭގައި އެއް ފާހާނަ ހުރެއެވެ. ވަޅުކޮޓަރިއެއް ވެސް ހުރެއެވެ. ވަޅުގެ ދެބައިކުޅަ އެއްބައިގައި ހުންނަނީ މަތިގަނޑެއް ޖަހައިފައެވެ. ވަޅުތެރެ ވަރަށް އަނދިރިއެވެ. އަހަރެންގެ މޮޔަ ސިކުނޑި އަށް ވިސްނުނު ގޮތުގައި، ތަވީދު އެއްލައިލަން އެންމެ ރަނގަޅުވާނީ ވަޅެވެ. އޭރުން ފޯވެގެން ހަލާކުވެގެން ހިނގައިދާނެއެވެ. އެކަކަށް ވެސް ނޭނގޭނެއެވެ. ގޭގައި ކުނިއަޅާ ތަނެއް އޮވެއެވެ. ގެ ކީއްކުރަން ހެއްޔެވެ؟ މަގުމަތި ވެސް އޮތެވެ. އެހެނިހެން ތަންތަން ވެސް ހުއްޓެވެ. އަހަރެން ތަވީދު ވައްޓައިލީ ވަޅަށެވެ. އެ ހިސާބުން އެ ކަން ނިންމައިލީއެވެ. އެ ދުވަހަކީ ލަބީބު ރަށަށް ފުރި ދުވަސް ވެސްމެއެވެ.

ޖެހިގެން އައި ދުވަހު އަހަރެން ލައިބުރަރީގައި އެތައް އިރަކު އީނާސްއާ ވާހަކަދައްކަން އިނީމެވެ. އުފަލުން ގޮސް އަހަރެންގެ ފައި ބިންމަތީގައި ނުޖެހޭ ކަހަލައެވެ. ހިތަށް އެރިއެވެ. ވާހަކައެއް ނަމަ ހާދަހައި ރީތި ނިމުމެއް މި ވާހަކައިގައި ގެނެވޭނެއެވެ. ލައިބުރަރީން ގެއަށް އައި އިރު، އަހަރެން ވަޅަށް ވައްޓައިލި ތަވީދު އޮތީ ގޭގެ ބޮޑު މޭޒުމަތީގައެވެ. މޭޒުގެ އެއްކޮޅުގައި އިނީ ފަންޑިތަ ހަދާ މީހެކެވެ. އަނެއްކޮޅުގައި އިނީ، ކަންބޮޑުވެ ނިތްކުރިއަށް ރޫ ގިނަވެފައިވާ އަހަރެންގެ ބައްޕައެވެ. ކައިރީގައި މަންމަ ކޮޅަށް ހުއްޓެވެ. "މީ ވަރުގަދަ ސިހުރެއް،" ފަންޑިތަވެރިޔާ އެހެން ބުނެލީ ޔަގީންކަމާ އެކުގައެވެ. "މީ ކަލޭގެ އަންހެނުންނަށް ނުވަތަ މި ގެ ފަޅުކޮށްލަން ހަދާފަ އޮތް އެއްޗެއް."

އަހަރެން ހުރި ތަނަށް ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން ބައްޕަޔާ ދިމާއަށް ބަލައިލީމެވެ.

"ޔަގީނޭ ތީ އަހަންނަށް ހަދާފަ އޮތް އެއްޗެއްކަން،" މަންމަ ހަމަ އެހައި ޔަގީންކަމާ އެކުގައި ބުނެލިއެވެ.

"އެހެންވެގެން އަހަރެންގެ ދިރިއުޅުން މިހާ ސަކަރާތީ. އެހެންވެގެން އަހަރެން މި ހާލުގަ އުޅެން މި ޖެހެނީ."

އަހަރެން ބުނަން ބޭނުންވިއެވެ. ނޫނެކެވެ. އެއީ ހުސް ދޮގެވެ. ތީ އަންހެންކުއްޖަކާ ރައްޓެހިވާން ލަބީބު ލައްވައި އަހަންނަށް ހެއްދި އެއްޗެކެވެ. ބޭކާރު އެއްޗެކެވެ. އެކަމަކު އެހެން ބުނާނީ ކިހިނެއް ހެއްޔެވެ؟ ކޮން ދުލަކުން ހެއްޔެވެ؟ ފަންޑިތަވެރިޔާ ދެއްކި ވާހަކަތައް މަންމައާއި ބައްޕަ ގަބޫލުކުރިއެވެ. ގަބޫލުނުކުރާށެކޭ އަހަރެން ބުނާ ހިތެއް ނެތެވެ.

"މި ޖެހޭނީ ނައްތާލަން،" ފަންޑިތަވެރިޔާ ވަރަށް ކަންބޮޑުވެފައި ބުންޏެވެ. "ވަރަށް އުނދަގޫ ކަމަކަށް ވާނީ ވެސް. ލައްކަ ކިޔެވެލި ކިޔަވަން ޖެހޭނެ. ކިޔަވަން އިތުރު މީހުން ވެސް ބޭނުންވާނެ."

އަހަންނަކީ އެ ތަނުގައި ހުރި އެންމެ ހަގު ކުއްޖާއެވެ. އެހެނަސް، ފަންޑިތަވެރިޔާގެ ކެހިވެރި މަގުސަދު އަހަންނަށް ވިސްނުނެވެ. އޭނަ ބޭނުންވީ ބޮޑު އަގެއް ދަމައިގަންނާށެވެ. އެ މަސައްކަތް ކާމިޔާބު ކުރުމުގައި އޭނަ އަށް ކުރެވުނު ހުރިހައި ކަމެއް ކުރިއެވެ.

"ގެއަށް ފެންއަޅަންޖެހޭނެ. މީތި ބާތިލު ވެސް ކުރަން ޖެހޭނެ،" ފަންޑިތަވެރިޔާގެ ލިސްޓު ވަރަށް ދިގެވެ.

"ހަފުތާއެއް ވަރު މި ކަމަށް ނަގާނެ. އެހެރަ ކަނުގަ އެއްޗެއް، މި ކަނުގަ އެއްޗެއް، ވަޅުކޮޓަރި ދޮރާ، ގޭގެ ދޮރުކަނީ ވެސް އެކަތި ހަރުކުރަންޖެހޭނެ."

"ވަރިހަމަ ކިތަންމެ ކަމެއް ކުރަން ޖެހުނަސް،" މަންމަ ބުނެލިއެވެ. "ބުނި އަގެއް ދޭނަން. އަހަރުމެންނަށް ތި ކަން ކޮށްލަދީ!"

ފަންޑިތަވެރިޔާއަށް ސަތޭކަ ރުފިޔާގެ ހަތް ގަނޑު ދިން ތަން އަހަރެން ދުށީމެވެ. އޭގެ އިތުރަށް ވެސް ނުދޭ ކަމެއް ނޭނގެއެވެ. އެ ޒަމާނަށް ބަލާ އިރު އެއީ ވަރަށް ބޮޑު އަދަދެކެވެ. ތާކުންތާކުނުޖެހޭ ބޭކާރު ކަރުދާސްކޮޅެއް ބޮމަކަށް ހަދައި، ފަންޑިތަވެރިޔާގެ ދެ އަތުން ދަޅަކަށް ލައި މަތިޖަހައިގެން ގެއިން ނެރުނެވެ.

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މައިންބަފައިންނަށް ލިބުނު ބޮޑު ގެއްލުމާއި ހާސްކަމަށް ޓަކައި އަހަރެންގެ ހިތް ރުޔެވެ. އެހެނަސް، އަހަރެންގެ ދެލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އީނާސްގެ ލޯބި އަހަރެން ކާމިޔާބު ކުރީމެވެ. އެ ހިތް އަހަރެން މިލްކު ކުރީމެވެ. މިއީ ހަގީގީ ހާދިސާއެކެވެ. (ނިމުނީ)