Roadha Mihaaru
ފަންނު

ފަންނު

14 އޯގަސްޓް 2024

(އާދިއްތަ ދުވަހާ ގުޅޭ)

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

(އާދިއްތަ ދުވަހާ ގުޅޭ)

ދޮރު ހުރީ ހުޅުވައިފައެވެ. ސައީދުއާ ޖަލީލު ތިބި ގޮތުން، ދޮރުން ބަޔަކު ވަން ތަން ފެނުނީ ސައީދަށެވެ.

"ކަލެއަކަށް އެއްކަމެއް ވެސް ނުކުރެވޭނެ،" އަނދަގޮނޑިޖަހާފައި އޮތް ސައީދު ހަޅޭއްލަވައިގަތެވެ. "ތި ތިބަ އަންނަ މީހުންނަކަށް ވެސް ކަމެއް ނުކުރެވޭނެ."

ވީ ގޮތް ޖަލީލަށް ވަގުތުން ވިސްނުނެވެ. ފަހަތް ބެލުމެއް ނެތި ވާހަކަ ބަދަލުކޮށްލިއެވެ.

"އެހެންވިއްޔާ ދެން ތިހެން އޮވޭ!" ހިތާ ދެކޮޅަށް ޖަލީލު ބުންޏެވެ. "ދެނެއް ދިވެހި ސަރުކާރަކަށް އަހަރުމެންނަކާ ވައި ވެސް ނޭޅެވޭނެ. ވަރަށް އަވަހަށް އަހަރުމެންގެ މިނިވަންކަން ދުނިޔެއިން ގަބޫލުކުރަން ފަށާނެ."

އެއީ ސައީދުގެ ވަފާތެރިކަން ޖަލީލަށް ސާބިތުވި ދެވަނަ ފަހަރެވެ. އަހަންމައިދީ ރަށުގައި ނެތުމާއި ސުވާދީބު ޖުމުހޫރިއްޔާއާ ދެކޮޅު އަޑުތައް ކެނޑުމާއި ވެރިޔަކަށް ޖަލީލު ހުރުމުން އޭގެ ފައިދާ ޖަލީލު ނެގިއެވެ. ރަށް ހަމައަކަށް އަޅުވައި، ރައްޔިތުންގެ ނަފުރަތަށް ފެންޖަހައި، ކުށްވެރިންނަށް ލުއިދިނުމުގެ މަސައްކަތް ޖަލީލު ފެށިއެވެ. ޖަލީލުގެ ފަލްސަފާ ވަރަށް ސާފެވެ. ނުބައި ހުރިހައި ރޭވުމެއް ރާވަނީ ވެރިންނެވެ. ދަށުން ތިބޭ މީހުންނަކީ ވެރިންގެ ކެހިވެރި މަޅީގައި ހައްޔަރުވާ މީހުންނެވެ. އެކަމަކު ހިތްވަރުގަދަ މީހުންނަކީ ވެސް އެ މީހުންނެވެ. އުންޑައިގެ ކުރިމައްޗަށް ނުކުންނަ ބަޔަކީ ވެސް އެއީއެވެ. ރަށުގެ ސަލާމަތަށް ޓަކައި، އެ މީހުންގެ ތާއީދުހޯދުން ވަރަށް މުހިންމެވެ. ވީ އެންމެ ބޮޑަކަށް އެ މީހުންނަށް ލުއިދީގެން، ހިތް އަތުލައިގެން، ސަރުކާރާ ދެކޮޅަށް ނުކުންނަ ލަޝްކަރުގައި އެ ގުރޫޕު ބައިވެރިކުރެވޭތޯ ބަލަންޖެހެއެވެ.

ޖަލީލަކީ ބުއްދިވެރިއެކެވެ. އެ ބުއްދިއަކަށް އަހަންމައިދީ ވެސް އިތުބާރުކުރާ، އިހުތިރާމުކުރާ މީހެކެވެ. މަޖިލީހުގައި ޖަލީލު ދައްކާ ވާހަކަތަކަށް މެންބަރުންގެ ކަނު ތަރުހީބު ލިބެއެވެ. ޖަލީލު ގޯސް ވާހަކައެއް ނުދައްކާނެއެވެ. ބަޔަކަށް އެއީ ގޯސް ހިޔާލެއްހެން ހީވާ ނަމަ އެ ބަޔަކު ދެކެނީ އެ ބަޔަކަށް ނުވިސްނެނީ ކަމުގައެވެ. ފަހުން ވިސްނި، އެއިން ފައިދާކުރާނެ ކަމުގައެވެ.

ވެރިން ފިޔަވައި ދެން ތިބި ކުށްވެރިން މިނިވަންކޮށް، އަދަބު ލުއިކުރުމުގެ ޕުރޮގުރާމުގެ ތެރެއިން ސައީދު މިނިވަންވިއެވެ. ގޭބަންދަށް ބަދަލުކުރިއެވެ. ގޭބަންދޭ ކިއި ނަމަވެސް، ބަންދުގައި ތިބޭ މީހުން، ކައިރި ހިސާބުތަކަށް ނުކުމެ އުޅެއެވެ. މީހަކު އަޅައެއް ވެސް ނުލައެވެ. ފޯނު ހުންނަ ޒަމާނެއް ނޫނެވެ. ޖަލީލު ގަސްދުކުރީ ސައީދުއާ ބައްދަލުކޮށްފައި މަޝްވަރާކުރާށެވެ. ދެ އެކުވެރިން ބައްދަލުކުރީ ދަންވަރުއެވެ. ވަލުތެރޭގައި ހުންނަ ފަޅުގެއެއް ގައެވެ.

"އެ ކަން ކުރަމާ ހިނގާ!" ޖަލީލު ބުންޏެވެ. "މިހެން ތިއްބަކަސް، ދިވެހި ސަރުކާރަކަށް ނޭނގޭނެ އަހަރުމެންނަކީ ދިވެހިސަރުކާރާ އެއްކޮޅަށް ތިބި ބައެއް ކަމެއް. ދިދަ ފޮރުވީމަ ގައިމު ވެސް މި ރަށަކު ސުވާދީބުގެ ދިދައެއް ދެނެއް ނުނެގޭނެ. އެކަމަކު، ދިދަ ގެއްލޭ ރޭ އަހަރުމެން މި ރަށު އެއްވެސް ތާކުން ފެނިގެން ނުވާނެ. ފެނިއްޖެއްޔާ ތުހުމަތު ކޮށްފާނެ. ސައީދު ކޮށްދޭންވީ ކަމަކީ، މާދަމާ ރޭ ގެއިން އެއްގޮތަކަށް ވެސް ނުނިކުންނަންވީ. އަހަރެން އެކަނި މި ކަން ކުރާނީ."

ކޮށްދޭން ކިތަންމެ ބޭނުންވިޔަސް، ސުވާދީބުގެ ދިދަ ގެއްލުވައިލުމަކީ ފަސޭހަ ކަމެއް ނޫންކަން ޖަލީލަށް އެނގެއެވެ. އޭރު އަތޮޅުގޭގައި ފޯރިޔަށް މީހުން ތިބެއެވެ. މީހަކަށް އިތުބާރު ކުރުމަކީ ވަރުގަދަ ގޮންޖެހުމެކެވެ. ދިދަ ގެއްލުވައިލުމަށް ޓަކައި، އަތޮޅުގެއަށް ޖަލީލު ވަން ރޭ، އަތޮޅުގެ އޮތީ ވަރަށް އަމާން ކޮށެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. އެ ރެޔަކީ، ފޯރިޔަށް ތިބޭ މީހުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ވެސް ޖަލީލުގެ ބޮލުގައި އެޅިފައިވާ ރެޔެކެވެ. ދިދަ ބާއްވައިފައި އޮންނަ ތަނާ ދިމާއަށް ޖަލީލު ހަމަ ހިނގައިގަތްތަނާ، ފޯރިޔަށް ހުރި މީހާ އަންނަ ތަން ފެނުނެވެ.

"އާދަނު ރަނގަޅު!" ހިތްހަމަނުޖެހުނު ކަމަށް ހެދިފައި ޖަލީލު ބުންޏެވެ. "ކޮން ތާކަށް ކަލޭ ދިޔައީ؟"

އޭނަ ބުނީ ކުޑަކަމުދާން ވެގެން، ކެތްނުވެގެން އެ ކަން ނިންމައިލާފައި އައީ ކަމުގައެވެ.

"ތީ ކިހާ ފީކަޅާ ކަމެއް؟" ނުރުހިފައި ޖަލީލު ބުންޏެވެ. "ހާއްސަކޮށް އެ ތާ އަނދަގޮނޑީގަ ހައްޔަރުކޮށްފަ މި ތިބޭ މީހުންނާ މީހުން ބައްދަލުކުރޭތޯ ބަލަން ކޮންމެވެސް އެކަކު ހުންނަން ޖެހޭނެ. ދޭ އެ ދިމާއަށް."

ޖަލީލުގެ އޯޑަރާ އެކުގައި އާދަނު އެ ދިމާއަށް ގޮސް ޖަލީލުގެ ލޯމަތިން ގެއްލުނެވެ. ޖަލީލު ހިތަށް އެރިއެވެ. ދިދަ ފޮރުވަން މިއަށް ވުރެ ރަނގަޅު ދަނޑިވަޅެއް ނުލިބޭނެއެވެ. އެހެނަސް، އެ ރޭ އެ ތަނުން ޖަލީލު ދާކަމުގައިވާ ނަމަ، ރަނގަޅު ބަހަނާއެއް ވެސް ދައްކަން ޖެހޭނެއެވެ. ވަރަށް ވިސްނައިފައި ޖަލީލު ގޮސް އާދަނާ ބައްދަލުކުރިއެވެ.

"މިރޭ އަދި މި އުޅެނީ އިޝާނަމާދު ނުކޮށް،" ޖަލީލު އެހެން ބުނީ، ހަގީގަތުގައި ވެސް އިޝާނަމާދު ނުކުރާތީއެވެ. "ކައިރީގަ މިހިރަ މިސްކިތަށް މި ދަނީ. އާދަނު ނިކަން ރަނގަޅަށް މި ތަން ބަލަހައްޓާތި!"

ޖަލީލު ދިޔައީ ދިދަ ފޮރުވައިފައި އޮންނަ ކޮޓަރިއަށެވެ. ވަތްގަނޑު ތެރެއިން ދިދަ ނަގައި، ފަތްޖަހައިލައިގެން، މީހަކަށް ނުފެނި ނުކުމެގެން އައީ ގެޔަށެވެ. ގޭގައި ރަނގަޅަށް ދިދަ ފޮރުވައިފައި، އަނެއްކާ ވެސް އަތޮޅުގެއަށް ދިޔައެވެ. އެ ތަނުގައި މީހުންގެ ލޯމަތީގައި ހޭކެން އެތައް އިރަކު ޖަލީލު އުޅުނެވެ. ބޭނުމަކީ ހާޒިރީގައި ނަން ޖެއްސުމެވެ.

ޖެހިގެން އައި ދުވަހު ދިދަ ގެއްލިގެން މީހުންގެ ހޯބޯލެއްވުމުގެ އަޑު ގަދަވެއްޖެއެވެ. ދިދަ ނަގަން ދިޔަ މީހާ ބުނަނީ އޭނަ ބޭއްވި ތަނުގައި ދިދަ ނެތް ކަމަށެވެ. ރަށުގައި އޮންނަނީ އޭގެ އެންމެ ދިދައެކެވެ. ފޮތިކޮޅެއް ނަމަވެސް އެއީ މިނިވަންކަމުގެ ރަމުޒެވެ. އަމިއްލަ ވަންތަކަމުގެ ދަލީލެވެ. މިނިވަންކަމާއި އަމިއްލަ ވަންތަކަން ގެއްލުމަކީ ކުޑަކަމަކަށް ނުވިއެވެ. މުޅި މަޖިލީސް އެއްވިއެވެ. ތަހުގީގު ފެށިއްޖެއެވެ. އެ ކަމާ އެންމެ ރުޅި އައިސްފައިހުރީ ޖަލީލެވެ. ދައްކާނެ މާ ގިނަ ވާހަކައެއް ނެތެވެ. ދިދަ ބޭއްވި ފަހަކުން އެކަކު ވެސް އެ ދިދައެއް ނުނަގައެވެ. ނޭނގޭ މީހަކު އެ ތާކަށް ނުވަދެއެވެ. އެކި ހިޔާލުތައް ހުށައެޅެން ފެށިއެވެ. ޒިޔާރަތަށް ދުން ދިނުމެވެ. ފަންޑިތަ ހެދުމެވެ. ކޮންމެ ގޮތަކުން ވެސް ދިދަ ހޯދަން ޖެހިއްޖެއެވެ. ޝައްކު ކުރެވުނީ ދިވެހި ސަރުކާރަށް ވަފާތެރިކަންމަތީގައި ތިބިކަން ޔަގީންވާ ބޮޑުންގެ މީސްމީހުންނަށެވެ. އެ މީހުންގެ އާއިލާތަކަށެވެ. އެ ގޭގެއަށް ގޮސް މުޅި ގެ އެފުށްމިފުށަށް ޖެހިއެވެ. ފާސްކުރުމުގައި ވެސް އެންމެ ކުރީގައި ހުރީ ޖަލީލެވެ. ސައީދުގެ ގެ ވެސް ބެލިއެވެ. ދިދައެއް ނުފެނުނެވެ. ނުފެންނާނެކަން ޖަލީލަށް އެނގެއެވެ.

ރަށުތެރެއަށް އޮތީ ޒާތެއްގެ ބިރުވެރިކަމެއް ފެތުރިފައެވެ. ދިވެހިސަރުކާރަށް ވަފާތެރި، ނުފޫޒުގަދަ ކޮންމެވެސް މީހަކު ފިލައިގެން އުޅޭކަމާއި އޭނަގެ ބާރު ކިހައި ގަދަކަން އެންމެނަށް ކަށަވަރުވިއެވެ. އެހެން ނޫނީ އެހައި ރަނގަޅަށް ރައްކާ ކޮށްފައިވާ ދިދައެއް އެ މީހަކު ނަގާނީ ކިހިނެއްހެއްޔެވެ؟ ދެން ކަންތައް ކުރިޔަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާކުރަން ސައީދާއި ޖަލީލު ރޭގަނޑު ބައްދަލުކުރިއެވެ. ވައިރޯޅިއަށް ވެސް ސިއްރުންނެވެ. އެ ފަހަރުގެ ބައްދަލުވުމުގައި އިތުރު މީހަކު ބައިވެރިވިއެވެ. އިބްރާހިމް ނަސީރެވެ. ތިން މީހުންނަކީ އެކުވެރިން ކަމުގައި ވިޔަސް، އެހައި ތަނަށް އައި އިރު އިބްރާހިމަކަށް ހަގީގަތެއް ނޭނގެއެވެ.

"ކީއްވެގެންތަ އަހަރުމެން މިހާ ސިއްރުން މި ބައްދަލުވަނީ؟" އިބްރާހީމު ސުވާލުކުރިއެވެ. "ކަނު އަނދިރީގަ، މަދިރިތަކަށް ކާންދޭން މި ތަނުގަ ތިބުމަށް ވުރެ އަހަރެންގެ ގެއަށް ދިޔަ ނަމަ މާ ރަނގަޅުވީހެއްނު."

ސައީދު ހިނިތުންވެލާފައި ޖަލީލަށް ބަލައިލިއެވެ. ޖަލީލު އެދުނީ ކިޔައިދިނުމަށެވެ. އިބްރާހީމަށް އިތުބާރު ކުރެވޭނެތީއެވެ.

"ގެއްލިގެން މި އުޅޭ ދިދަ ނެގީ އަހަރުމެން ރާވައިގެންނޭ!" ސައީދު ކިޔައިދިނެވެ. "އަހަރުމެން ބޭނުމެއް ނޫން އެއްވެސް ދަނޑިއަކަށް އެ ދިދަ ނެގިޔަ ދޭކަށް. މީ ދިވެހި ސަރުކާރުގެ ރަށެއް. އަހަރުމެން މީ ދިވެހިން. މި ގައުމުގަ ކަން ކުރަންވީ ގޮތް އިނގެރޭސިންނަކަށް ނޭނގޭނެ. ގޮތް ނިންމާނީ އަހަރުމެން. ތި ގެ ފާސްކޮށްފިއެއްނު! އަހަންނަށް ފެންނަނީ ދެން ތި ގޭގަ ދިދަ ބާއްވަން. ތި ގޭ ބިއްދޮށުގަ ވަޅުލާނެ ޖާގަ ވެސް އެބަ އޮތް."

އިބްރާހީމުގެ މޫނުމަތިން ފުރަތަމަ ފާޅުވީ ކަންބޮޑުވުމުގެ އަސަރެވެ. ފަޅާއަރައިފިއްޔާ ވާނެ ގޮތް އެނގޭތީއެވެ.

"ތިޔަ ކުޅެވެނީ އަލިފާނާ،" އިބްރާހީމު ބުންޏެވެ. "އެނގިއްޖެއްޔާ އަހަރުމެން ތަޅާމަރާނެ. މިހާރު އެވެރިން އެ އުޅެނީ ދިދަ ވަގަށް ނެގި މީހާއަށް ފަންޑިތަ ހަދަން. ވާވެސް ވެދާނެ."

"ބުނަން އިބްރާހިމާ!" ޖަލީލު ބުންޏެވެ. "ފިނޑިއަކަށް ވެގެން މި ކަހަލަ ޖިހާދެއް ނުކުރެވޭނެ. ބިރުގަންނާނެ ކަމެއް ނެތް."

ސައީދާއި ޖަލީލު އެންމެ ބޭނުންވި ކަމަކީ ދިދަ ވަގަށް ނެގުމެވެ. އެންމެ އުނދަގޫވާނެ ކަމަށް ހީކުރީ ވެސް އެ ކަމެވެ. އެކަމަކު ދިދަ ރައްކާކުރުން އެއީ މާ އުނދަގޫ ކަމަކަށް ވެއްޖެއެވެ. ޖަލީލަށް ވިސްނުނު އެންމެ މޮޅު ގޮތަކީ، ގެއާ ދިމާ ފަންނުގައި، މޫދާ ތަންކޮޅެއް ދުރުގައި ދިދަ ވަޅުލުމެވެ. އޭރުން، ދިދަ ފެނުނަސް ޝައްކު ކުރާނެ މީހަކު ނޭނގޭނެތީއެވެ.

ޖަލީލު ދިދަ ވަޅުލީ، ރަބަރު ކޮތަޅެއްގައި ރައްކާކުރުމަށް ފަހުގައެވެ. ދިދަ ހަލާކުވާކަށް ޖަލީލު ބޭނުމެއް ނުވިއެވެ. ކުރެވުނު މޮޔަކަމަކީ، ވަޅުގަނޑު ފާހަގަކުރުމަށް ޓަކައި މަތީގައި ގަލެއް ބޭއްވުމެވެ. ގަލަކަށް ބޭއްވުނީ ރީތި ހަތައެކެވެ. ތުނި، ފަތި ގަލެކެވެ. އެ ފަދަ ހަތައަކީ، ގޭގެ ރާނަން މީހުން ނަގައި އުޅުނު ވައްތަރެކެވެ. ޖަލީލަށް އެ ވަރު ނުވިސްނުނީއެވެ. ދިދަ ހޯދަން މީހުންގަނޑު ނުކުމެ، ރަށް އެފުށްމިފުށަށް ޖަހައިގެން ވެސް ދިދައެއް ނުފެނުނެވެ. އަތިރިމަތި ކޮންނާކަށް އެކަކުގެ ވެސް ހިޔާލަކަށް ނައެވެ.

ދުވަސްގަނޑަކަށް ފަހު ޖަލީލު ގޮސް ބެލި އިރު، ފާހަގައަކަށް ބޭއްވި ހަތައެއް ނެތެވެ. ފާހަގަ ގެއްލުމުން ދިދަ ވަޅުލެވުނު ހިސާބެއް ޖަލީލަކަށް ވެސް ނޭނގުނެވެ. އެ ހިސާބުން އުމުރު ދުވަހަށް ދިދަ ކަފުން ކުރެވުނީއެވެ. އަދި އަދަށް ދާންދެން ވެސް އެ ދިދަ އޮތީ އެ ތަނުގައެވެ. ފުވައްމުލަކުގައި ސުވާދީބު ޖުމުހޫރިއްޔާގެ ދިދައެއް ދެނެއް ނުނަގައެވެ.

މާ ގިނަ ދުވަހެއް ނުވެ، އައްޑުއަތޮޅުގައި ބޮޑު ކަންތައްގަނޑެއް ހިނގައި، ދިވެހި ސަރުކާރަށް ރައްޔިތުން އަލުން ތާއީދުކުރަން ފެށިއެވެ. އެ ތަނުގައި ޖަލީލަށް ހުރެވުނެވެ. އައްޑޫގައި ދިވެހިރާއްޖޭގެ ދިދަ ނެގި ދުވަހަކީ ޖަލީލު ފުވައްމުލަކަށް އައި ދުވަހެވެ. އެ ޚަބަރު ދިނީ ވެސް ޖަލީލެވެ. އައްޑޫގައި ދިވެހި ދިދަ ނެގުމުން ފުވައްމުލަކުގައި ވެސް ދެން ދިވެހި ދިދަ ނެގީއެވެ. އެ ހިސާބުން އެ ހައިޖާނުގަނޑު ވެސް ނިމުނީއެވެ. (ނިމުނީ)