Roadha Mihaaru
އަހަރުމެން ހެދި ފަންޑިތަ

އަހަރުމެން ހެދި ފަންޑިތަ

01 ސެޕްޓެމްބަރ 2024

(ބުދަ ދުވަހާ ގުޅޭ)

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

(ބުދަ ދުވަހާ ގުޅޭ)

އަހަރުމެން ހީކުރީ އެއީ ވަރަށް މޮޅު ކަމެއް ކަމަށެވެ. އޭގެ ސަބަބުން ނުބައި އެއްވެސް ނަތީޖާއެއް ނުކުމެދާނެ ކަމަކަށް އޭރަކު ކުޑަކޮށް ވެސް ހިތަކަށް ނާރައެވެ. އަހަރުމެން ހެދީ އަސްލު ފަންޑިތައެއް ނޫންވީމައެވެ.

ޖެހިގެން އައި ދުވަހަކީ ކޮއްކޮއެއްގެ އުފަންދުވަހެވެ. މުޅި ދުވަހު އަހަރެން އުޅުނީ އެ ކަމެއްގައެވެ. ނަސީމު ވެސް އުޅުނީ އަހަރެންގެ ގޭގައެވެ. އަހަރުމެންގެ ރައްޓެހީންނަށް ރޭގަނޑު ދައުވަތު ދީގެން، އެންމެން އައިސް ވަރަށް ސަކަރާތް ޖެހިއެވެ. "ފަންޑިތައިގެ" މަތީން އަހަރުމެން ހަނދާނެއް ނެތެވެ. ހަނދާންވީ ނިދަން އުޅެނިކޮށެވެ. ހިތަށް އެރިއެވެ. އެ ކަމާ ބެހޭ އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އެއްވެސް މީހެއް ގާތަކު ވެސް ލުބާނާގެ މަންމަ އެ ވާހަކައެއް ނުދައްކައެވެ. ދެއްކި ނަމަ، ލުބާނާގެ ފަރާތުން އަހަންނަށް އެނގުނީހެވެ. ހިތަށް އެރިއެވެ. ލުބާނާގެ މަންމަ އަށް އޭތި ނުފެންނަނީބާއެވެ؟ އެ ކަންތައް ފަނުފުލުންދިޔައީބާއެވެ؟

ސުކޫލު ބަންދުވި ދުވަސްވަރަކަށް ވުމުން ލުބާނާގެ ޓިއުޝަން ވެސް ބަންދުވިއެވެ. އެ ގަޑީގައި ލުބާނާޔާ ބައްދަލުކުރަން ދިޔުން ހުއްޓުމަކަށް އައެވެ. އަހަރެންގެ ގޭގެ މީހުން ޗުއްޓީގައި ދިޔައީ އޭދަފުށްޓަށެވެ. އެ ދަތުރުގައި އަހަރެން ބައިވެރިވީމެވެ. ވަރަށް މަޖާ ދަތުރެކެވެ. ނަސީމު ވެސް ގެންދިޔައީމެވެ. މާލެއިން ފުރުމުން ފަންޑިތައިގެ މަތިން އަހަރުމެން ހަނދާން ނެތުނެވެ. ދަތުރު ނިންމައިފައި މާލެ އައިސް ފަންޑިތައިގެ ވާހަކައެއް އަހަރުމެން ނުވެސް ދައްކަމެވެ.

ހަފުތާއެއް ފަހުން އަހަންނަށް ހުވަފެނެއް ފެނުނެވެ. އަހަރެންގެ ގޭތެރެއިން ފާޑެއްގެ ލަކުޑިކޮޅެއް ފެނިގެން އުޅެނިކޮށެވެ. އެއީ އިންޗިއެއްހައި ފުޅާ، ދެ އިންޗިއެއްހައި ދިގު، ހައިވަކަރުކޮޅެކެވެ. ހުވަފެނުގައި އެހެން ބުނީ ބައްޕައެވެ. އެ ދުވަހު ހޭލައިފައި ހިތަށް އެރިއެވެ. އަހަންނާއި ނަސީމު ހެދި ފަންޑިތަ އަށް ވީ ކިހިނެއް ހެއްޔެވެ؟ އެކަކަށް ވެސް ނުފެންނަ ކަހަލަ ދިމާއެއްގައި އޭތި ވަޅުޖެހުނީ ހެއްޔެވެ؟

ފަންޑިތައިގެ ހަނދާން ވަޅުޖެ ހުނެއެވެ. ތިން ހަފުތާއެއްހައި ދުވަސް ވެއަތުވިއެވެ. ލުބާނާއަކީ އަހަރެންގެ އަންހެން ކޮއްކޮއެއްގެ އެކުވެރިއެއް ވެސް މެއެވެ. އެ ދެ މީހުން އަމީނިއްޔާގެ އެއް ކުލާހެއްގައި އުޅުނެވެ. ބައެއް ދުވަސްދުވަހު، ދެ މީހުން އެއްކޮށް އަހަރެންގެ ގެއަށް އާދެއެވެ. އެ ފަދަ ދުވަހެކެވެ. ހަވީރު ލުބާނާ އައި އިރު އޭނަ ހުރީ ވަރަށް ނުތަނަވަސްވެފައެވެ. އެހެންޏާ އޭނަ ދާނީ ސައިބޮއިގެންނެވެ. އެ ދުވަހު ސައިބޯކަށް ވެސް އޭނައަކަށް ވަގުތެއް ނެތެވެ.

"ކޮން ކަމަކާ މާ ހާސްވެގެން ތި އުޅެނީ؟" އަހަރެން އެހީމެވެ.

"އެބަ ޖެހޭ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާން." ގަޑިއަށް ބަލައިލަމުން ލުބާނާ ބުންޏެވެ.

"ކިހިނެއްވީ؟" އަހަރެން ސުވާލު ކުރީމެވެ.

"މަންމަ މިހާރު ވަރަށް ބަލި،" ލުބާނާ ބުންޏެވެ. "އެކަމަކު ހޮސްޕިޓަލަށް ދާކަށް ވެސް ބޭނުމެއް ނުވި. ގެއަކުން ނުވެސް ނުކުތް. އޮފީހަކަށް ވެސް ނުދިޔަ."

ލުބާނާގެ މަންމައަކީ ސަރުކާރު އޮފީހެއްގެ މަތީ ވަޒީފާއެއް އަދާކުރާ މީހެކެވެ.

"ކިހިނެއްތަވީ؟" އަހަރެން އެހީމެވެ.

"އަހަންނަކަށް ވެސް ނޭނގެ ވީ ގޮތެއް،" ލުބާނާ ބުންޏެވެ. "ހަމަ ބަލިވަނީ. މިހާރު ވަރަށް ބޮޑަށް ބަލިވެއްޖެ! އެނގޭނެ މަންމައަކީ ކިހާ ޝައްކު ބަލި ބޮޑު މީހެއްކަން. މިހާރު އެ ކަން ހުންނަނީ ހައްދުފަހަނައަޅާފަ. ކިރިޔާ އަޑެއް އިވުނަސް، އަޑެއް ނީވުނަސް ހަމަ ހުރެފަ ސިއްސައިގެން ހިނގައިދާނެ. ނުވެސް ނިދޭ! އަހަންނާ ދިމާއަށް ވެސް ފާޑަކަށް ބަލަހައްޓައިގެން އޮވެދާނެ. ސީލިންގަށް ބަލަހައްޓައިގެން ވެސް އޮވެދާނެ. މަންމަ އޮންނަ ކޮޓަރީގެ ރައިޓްސައިޑް ކުޑަކޮށް އަނދިރިވާނެ. އެ ދިމާލު މަތީ ކަނަށް ވަރަށް ގިނައިން ބަލާނެ. އެއްޗެއް ފެންނަހެން ހީވާނީ."

އަހަރެން ވަރަށް ކަންބޮޑުވިއެވެ. ދެރަވިއެވެ. އެކިއެކި ހިޔާލު ދިނީމެވެ.

"އަލިގަދަ ބޮތްކެއް ޖަހަމާ!" އަހަރެން ބުނީމެވެ. "ނޫނީ ލުބާގެ ރޫމަށް މަންމަ ބަދަލުކުރަންވީނު. ތި ރޫމް ވަރަށް އައްޔެއްނު! ވެދާނެ ގޭތެރެ މާ އަޑު މަޑީ ކަމަށް. ރޭޑިޔޯ ހުޅުވާފަ ބަހައްޓާ! ކޮއްކޮ ކައިރީ ބުނަންވީނު މަންމަ ކައިރީގަ އޮންނާށޭ! މަންމަ ކިޔާ ކަހަލަ ފޮތް ހޯދަމާ ހިނގާ!"

"އަހަރެން ވެސް ހާދަ ވާހަކައެއް ދައްކައިފީމޭ!" ފިކުރު ބޮޑުވެފައި ލުބާނާ ބުންޏެވެ. "މިހާރު ވަރަށް މަދުން ވާހަކަ ވެސް ދައްކަނީ. ނުވެސް ކެވޭ! އަހަންނަށް ހީވަނީ ބިރުވެރި ހުވަފެން ވެސް ފެނޭހެން. ނިދޭ އިރަށް ސިއްސައިގެން ގޮސް ހޭލެވޭނެ."

އަހަރެން ނަސީމު ގާތުގައި ވެސް އެ ވާހަކަ ބުނީމެވެ. ލުބާނާގެ މަންމައަކީ ނަސީމުގެ ދޮންތައެވެ. ނަސީމު ވެސް ވަރަށް ކަންބޮޑުވިއެވެ. ރަޒިއްޔާ އަބަދު ކޮޓަރީގައި އޮންނާތީ އަހަންނަށް ލިބޭ އުފަލެއް ވެސް އޮވެއެވެ. އަހަރެން ގޮސް ލުބާނާޔާ ވާހަކަ ދައްކަން، އެ ގޭގައި އޮންނަ ކުޑަ ބަގީޗާ ތެރޭގައި އިންނަމެވެ. ލުބާނާއަށް އިރުއިރުކޮޅާ ގޮވާކަށް އޭނަގެ މަންމައެއް ނާދެއެވެ. އެކަމަކު، ލުބާނާގެ މޫނުމަތި ހުންނަނީ މިލައިފައެވެ. މަންމަގެ ވާހަކަ ނޫން ވާހަކައެއް އޭނައަކަށް ނުދެއްކެއެވެ. އަހަރެން ބޭނުންވަނީ ލޯބީގެ މާތަކުން ބަގީޗާ ފުރާލާށެވެ. އެ ކަމެއް ނުވެއެވެ.

ނުކެވޭތީ ރަޒިއްޔާ ހިކެން ފެށިއެވެ. ވަރު ދެރަވާން ފެށިއެވެ. ގެއަށް ޑަކުޓަރަކު ގެނައެވެ. އެއްވެސް ބައްޔެއް ފާހަގައެއް ނުކުރެވުނެވެ. ދިނީ ވިޓަމިންއެވެ. ދެން ބުނަނީ ރަނގަޅަށް ކެއުމަށެވެ. ތަރުކާރީ އާއި މޭވާ ގިނަކުރުމަށެވެ. އެ ކަމެއް ނުވެއެވެ. އެއްރެޔަކު އަހަރެން ލުބާނާގެ ގެއަށް އައުމުން އޭނަ ވަރަށް މުހިންމު ޚަބަރެއް ދިނެވެ.

"އަހަންނަށް އެނގިއްޖެ ވީ ގޮތް،" ލުބާނާ ބުންޏެވެ. "ބޭބެ ކައިރީ ނުބުނައްޗޭ!"

ނަސީމަކީ ލުބާނާގެ ބޭބެއެކެވެ. އާއިލާ މީހެކެވެ. އަހަންނަށް އެނގުމުން މައްސަލަ ނުޖެހޭ ކަމެއް ނަސީމަށް އެނގުމުން މައްސަލައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟

"ބޭބެގެ މަންމަ އަހަރެންގެ މަންމަ އަށް ފަންޑިތަ ހެދީ!" އެ ތަނުގައި އެހެން މީހަކު ނެތަސް، ސިއްރުސިއްރުން ލުބާނާ ބުންޏެވެ. "މަންމަ އަށް ފަޅާއެރީ."

އަހަރެން ހީކުރީ، ހަގީގަތުގައި ވެސް އެ ފަދަ ހާދިސާއެއް ހިނގީ ކަމަށެވެ.

"ކިހިނެއް ފަޅާއެރީ؟" ހަމަ އެހައި ސިއްރުން އަހަރެން އެހީމެވެ.

"ގަސްތަކުގެ ތެރެއިން މަންމަ އަށް އޭތި ފެނުނީ!" ކިރިޔާ އަހަންނަށް އިވޭ ވަަރަށް ލުބާނާ ބުންޏެވެ. "ފާޑެއްގެ އެއްޗެއް ތެރެއަށް ލާފަ އޮތީ."

އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ލޭ ގަނޑުވި ކަހަލައެވެ. އަހަރެންގެ ހަނދާންތައް އުތުރި އަރައިގަތެވެ. އެ ކަން ކުރި ގޮތާއި، ގަސްތަކުގެ ތެރެއަށް އަހަރެން އޭތި އެއްލި މަންޒަރު އަހަރެންގެ ލޮލަށް ފެނުނު ކަހަލައެވެ. އެއީ އަހަންނާއި ނަސީމު މަޖަލަކަށް ހެދި އެއްޗެކޭ ބުނާނެ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. މަންމަ އަށް އެ ހާލު ޖެއްސުމުގެ އަޑީގައި ހުރީ އަހަންނޭ ބުނާނެ ގޮތެއް ވެސް ނޭނގުނެވެ.

"ސީރިޔަސްކޮށް؟" ވަރަށް ހައިރާންވެފައި އަހަރެން އެހީމެވެ.

"އާނއެކޭ!" ޔަގީންކަމާ އެކުގައި ލުބާނާ ބުންޏެވެ. "މަންމަ ބުނީ އެއީ މަންމަ މަރާލަން ހަދާފައޮތް އެއްޗެކޯ! މަންމަގެ ނަން ވެސް އޮތޯ ޖަހާފަ! ޑޭޓް ވެސް އޮތޯ!"

އެއީ ހިތްގައިމު ފިނި ރޯޅިއެއް ޖެހޭ ރެޔެކެވެ. އަހަރެން މަޑުމަޑުން ދާހިތްލަން ފެށިއެވެ.

"މަންމަ ނުޖެހޭ ދޯ ތަނަކުން އެއްޗެއް ފެންނަ އިރަށް ގަބޫލުކުރާކަށް." އަހަރެން ބުނީމެވެ.

"އެގްޒާކްޓްލީ!" ލުބާނާ އެއްބަސްވިއެވެ. "އެކަމަކު ހާދަ ވަރަކަށޭ ގަބޫލު ކޮށްގެން އެހެރީ. މަންމަ އަށް އެނގެޔޯ އެ ޑޭޓްގަ މަންމަ މަރުވާނެކަން. މިހާރު އެ ޑޭޓްް ވަރަށް ކައިރި ވެސް ވެއްޖޯ!"

އަހަރެން ހިތަށް އެރިއެވެ. އަހަންނަށް ޖެހުނީ ކޮން ތާރީހެއް ހެއްޔެވެ؟ މި ކުރެވުނީ ކޮން ފަދަ ސުންޕާކަމެއް ހެއްޔެވެ؟

"ކޮން ޑޭޓެއްތަ ޖަހާފަ އޮތީ؟" އަހަރެން އެހީމެވެ.

"ޑޭޓެއް އޮތޯ ޖަހާފަ،" ލުބާނާ ބުންޏެވެ. "އެކަމަކު މަންމަ އެ ޑޭޓެއް ނުއެއް ބުނި."

"ހެޔޮނުވާނެ ތި އެއްޗެއް ހޯދާފަ ބަލާބަލަ ކޮން ޑޭޓެއްތޯ؟" އަހަރެން އެދުނީމެވެ.

"ނުދެއްކިޔޭ!" ރޮވިފައި ލުބާނާ ބުންޏެވެ. "ބުނީ އޮތޯ ޑޭޓެއް ޖަހާފަ. މަންމަ އެ ހުންނަނީ އެ ގަބޫލު ކޮށްގެން. ޔަގީނޯ އެ ދުވަހު މަންމަ މަރުވާނެކަން. އެހެންވެ މަންމަ މިހާރު އުޅެނީ ސިހުރު ހަދާ މީހަކަށް އެ ދައްކަން."

އަހަރެން ހިންދިރުވައިލީމެވެ. ހިތަށް އެރިއެވެ. އަހަރެންގެ ދުވަސް ދިޔައީއެވެ. ސިހުރު ހަދާ މީހާ ހަދާނީ އަސްލު ސިހުރެކެވެ. އަހަރެންގެ އަތެއް ފަޔެއް ވާވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، އެ މީހަކު އަހަރެންގެ ނަން ބުނެފިއްޔާ، އެ ސިކުންތުން ފެށިގެން އަހަންނަށް ލުބާނާ ގެއްލޭނެއެވެ. މާފަށް އެދެން ފުރުސަތެއް ވެސް އަހަންނަށް ނުދޭނެކަން ކަށަވަރެވެ. އޭގެ ކުރިން އެ ވާހަކަ ބުނަންވީއެވެ. މާފަށް އެދެންވީއެވެ. ދެން ހިތަށް އެރިއެވެ. އޭރުން ނަސީމަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދެ އާއިލާ އޮންނަނީ އެހައި ޖެހިފައެވެ. ކިރިޔާ ހުޅުނުފަޅާ ކަމެވެ. އެއީ ކީއްކުރަން އަހަރެން ކުރި މޮޔަ ކަމެއް ހެއްޔެވެ؟ މިހެން ވެދާނެކަން އަހަންނަށް ކުރިން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ ބުންޏަސް މަރެވެ. ނުބުންޏަސް މަރެވެ. އަހަންނަށް ބޮލުގައި އަތް އެޅުނެވެ.

"ބޮލުގަ ރިއްސަނީތަ؟" ލުބާނާ އެހިއެވެ.

"މަންމަ ކައިރީގަ ބުނޭ ފަންޑިތަ ހަދާ މީހުން ގެނެސްގެން ތި ކަހަލަ ކަންތައް ކުރާކަށް ނުވާނޭ!" އަމިއްލަ ސަލާމަތް ހޯދުމުގެ ގޮތުން އަހަރެން ބުނީމެވެ. "އެއީ ވަރަށް ގޯސްކަމެކޭ!"

"ބޭބެގެ މަންމަ ވަރިހަމަ ދޯ ކޮންމެ ކަމެއް ކުރިޔަސް؟" ރުޅި އައިސްފައި ލުބާނާ ބުންޏެވެ. "ރާޝިދު ތި އުޅެނީ ބޭބެގެ މަންމަ ސަލާމަތް ކުރަންތަ؟ އެންމެ ރަނގަޅު. ރާޝިދު ދުވަހަކު ވެސް މީހަކަށް އެ ކަހަލަ ކަމެއް ކުރާނަންތަ؟"

"ނޯ!" ވަގުތުން އަހަރެން ބުނީމެވެ. "ނެވަރ!"

އަހަރެން ޖެހި މަޅީގައި އަމިއްލަ އަށް ބެދުނީމެވެ. އެ ގެއިން ނުކުމެގެން އަހަރެން ދިޔައީ، ޖެހިގެން ހުރި ގެއަށެވެ. ނަސީމުއާ ބައްދަލުކުރާށެވެ. ނަސީމު އޮތީ ނިކަން ހަމަޖެހިލައިގެން ސޯފާގައި އޮށޯވެގެން ވާހަކަ ކިޔާށެވެ. އަހަރެން ދިޔަ ގޮތަށް ގޮސް ނަސީމުގެ ފޮތުގައި ޖެހިޖެހީނުން ފޮތް ވިއްސައިލީމެވެ.

"ނަސީމޫ! ވަރަށް ސަކަރާތްވެއްޖޭ!" ސޯފާ އަށް ވެއްޓިގަންނަމުން އަހަރެން ބުނީމެވެ.

"ކިހިނެއްވީ؟!" ފުންމައިގެން ތެދުވެފައި ނަސީމު ބުންޏެވެ.

އަހަރެން ނިކަން ސިއްރުސިއްރުން ހުރިހައި ވާހަކައެއް ފައްޗަކަށް އަމުނައިލީމެވެ.

"އޯމައިގޯޑް!" ދެލޯ މުދުނަށް އަރުވައިފައި ނަސީމު ބުންޏެވެ. "އަހަރުމެން ދެން ކިހިނެއް ހަދާނީ؟"

"ކިހިނެއް ހެދޭނީ؟" ރުޅި އައިސްފައި އަހަރެން ބުނީމެވެ. "ދެނަހުރި ކަމަށް ވެސް ނަހަދާ! ފަޅާއެރިޔަސް އެއްބަސް ނުވާތި! އަސްލު ކަލޭ މީގަ ޒިންމާ ނަގަން ޖެހޭނީ. ކަލޭ އަސްލު ފަންޑިތައެއް ވިއްޔަ ހެދީ!"

"މަށޭ؟" އަހަންނަށް ވުރެ ރުޅިއައިސްފައި ނަސީމު ބުންޏެވެ. "އެއީ ކަލޭ ހެދި ފަންޑިތައެއްނު!" (ނުނިމޭ)