Roadha Mihaaru
އަހަރުމެން ހެދި ފަންޑިތަ

އަހަރުމެން ހެދި ފަންޑިތަ

28 އޯގަސްޓް 2024

ރީތިވާން ޖެހޭނީ މީހާގެ ހިތެއް ނޫނެވެ. ސިފައެވެ. މޫނެވެ. އަހަރެން ދެކޭ ގޮތަކީ އެއީއެވެ. ލުބާނާ ދެކެ އަހަރެން ލޯބިވީ އޭނަގެ މޫނު ރީތިކަމުންނޭ ބުނާކަށް އަހަރެން ކުޑަކޮށް ވެސް ޖެހިލުމެއް ނުވެއެވެ. ފުރާވަރުގެ އުމުރެވެ. އަހަރެން އެންމެ ގަޔާވީ އޭނަގެ ހިނގުމެވެ. އެންމެ އަޅައިގަތީ ދަންފުޅި ބައްޓަމެވެ. އެންމެ އަސަރު ގަދަވީ އަޑެވެ. އެންމެ ހައިރާންކުރުވީ ތޫނު ކަޅިރަވައެވެ. އެހެނަސް ލުބާނާ އަށް ކަމުދިޔައީ އަހަރެންގެ ކޮން ސިފައެއް ހެއްޔެވެ؟ އޭނަ ވަށައިގެން ތަވާފުކުރި އެތައް ފިރިހެނުންނެއްގެ ތެރެއިން އަހަރެން ފާހަގަވާނީ ކިހިނެއް ހެދިއްޔާ ހެއްޔެވެ؟ މުހިންމު ދެ ސުވާލަކީ އެއީއެވެ. އެއީ އިންޓަނެޓުގެ ޒަމާނެއް ނޫނެވެ. މޯބައިލުފޯނަކީ އަހަރުމެން ދަންނަ އެއްޗެއް ނޫނެވެ.

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

ރީތިވާން ޖެހޭނީ މީހާގެ ހިތެއް ނޫނެވެ. ސިފައެވެ. މޫނެވެ. އަހަރެން ދެކޭ ގޮތަކީ އެއީއެވެ. ލުބާނާ ދެކެ އަހަރެން ލޯބިވީ އޭނަގެ މޫނު ރީތިކަމުންނޭ ބުނާކަށް އަހަރެން ކުޑަކޮށް ވެސް ޖެހިލުމެއް ނުވެއެވެ. ފުރާވަރުގެ އުމުރެވެ. އަހަރެން އެންމެ ގަޔާވީ އޭނަގެ ހިނގުމެވެ. އެންމެ އަޅައިގަތީ ދަންފުޅި ބައްޓަމެވެ. އެންމެ އަސަރު ގަދަވީ އަޑެވެ. އެންމެ ހައިރާންކުރުވީ ތޫނު ކަޅިރަވައެވެ. އެހެނަސް ލުބާނާ އަށް ކަމުދިޔައީ އަހަރެންގެ ކޮން ސިފައެއް ހެއްޔެވެ؟ އޭނަ ވަށައިގެން ތަވާފުކުރި އެތައް ފިރިހެނުންނެއްގެ ތެރެއިން އަހަރެން ފާހަގަވާނީ ކިހިނެއް ހެދިއްޔާ ހެއްޔެވެ؟ މުހިންމު ދެ ސުވާލަކީ އެއީއެވެ. އެއީ އިންޓަނެޓުގެ ޒަމާނެއް ނޫނެވެ. މޯބައިލުފޯނަކީ އަހަރުމެން ދަންނަ އެއްޗެއް ނޫނެވެ.

ނަސީމަކީ ލުބާނާގެ ބޭބެއެކެވެ. ލުބާނާގެ މަންމަ އާއި ނަސީމުގެ މަންމައަކީ ދެބެއިންނެވެ. ނަސީމު އުޅުނީ އަހަންނާ އެއް ކުލާހެއްގައެވެ. ނަސީމަކީ އަހަރެންގެ ގާތް އެކުވެރިޔެކެވެ. ލުބާނާ ދެކެ އަހަންނަށް ލޯބިވެވިފައި ހުރި ވަރުން، އެ ކަމުގައި ނަސީމުގެ ފަރާތުން އެހީއަށް އެދޭކަށް އަހަރެން ލަދެއް ނުގަތެވެ. ހަމަ އެހެންމެ، އެ ވާހަކަ އަޑުއަހަން ނަސީމަކަށް އުނދަގުލެއް ވެސް ނުވިއެވެ. އުނދަގޫވީ މުޅިން އެހެން މައްސަލައެކެވެ.

ލުބާނާގެ ގެ ހުންނަނީ ނަސީމުގެ ގެއާ ޖެހިގެންނެވެ. ލުބާނާގެ ގޭގައި ކުޑަ ވަރެއްގެ ބަގީޗާއެއް އޮވެއެވެ. ކުދިބޮޑު އެތައް ގަހެއް އެ ތަނުގައި ހައްދާފައި އޮވެއެވެ. ދޮރާށިން ވަންނަ އިރު ހަނި މަގެއް އޮވެފައި، ބަގީޗާ އޮންނާނީ ދެ ފަރާތުގައެވެ. ބަގީޗާގެ ބޮޑު ފަޅި އޮންނަނީ ނަސީމުގެ ގޭގެ ފާރުކައިރީގައެވެ. އެއީ ބަހާފައިވާ ގެއެއްގެ ދެބަޔެވެ. އެހެނަސް، އެއީ ދެ ގައުމެކެވެ. ދެމެދުގައި ފާރެއްގެ ދުރުމިން ހުއްޓަސް، އެޓްލާންޓިކު ކަނޑަށް ވުރެ އެ ފާރު ފުޅަލެވެ. ދެބެންގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނަ ތަނުގައި، އެހައި ނަފުރަތު ކުރެއެވެ. ޝައްކު ކުރެއެވެ. އެކެއްގެ ގެއަށް އަނެކަކު ވަނުމާއި ހާލުއަހުވާލު ބެލުމެއް ނޯވެއެވެ. ރުޅިވެރިކަން އޮންނަނީ ދެ މަންމައިންގެ މެދުގައެވެ. ދަރިންގެ މެދަކު ނޯވެއެވެ. މަންމައިންގެ އެ ކޯޅުން ބޮޑުވެގެން، އެ މީހުންގެ ފިރިންނަށް ގޭގައި ނޫޅެވިގެން، އަނބިން ވަރިކޮށްފައި ދިޔަތާ ކިތަންމެ ޒަމާނެކެވެ.

އަސްލު މައްސަލައަކީ، ދެބެންގެ މައިންބަފައިން ގެންގުޅުނު ތަފާތުކުރުމެވެ. މައިންބަފައިން ނިޔާވުމުން މައްސަލައިން ހުޅުފަޅައި، ގެ ބެހުމުން ވެސް އަނގުރުތައް ނުނިވުނީއެވެ. މާޒީގެ ކޫސަނި ޝަކުވާތަކުން ދުން އަރައަރައި އޮތީއެވެ. މައްސަލަ ހައްލުކުރަން ނަސީމުގެ މަންމަ ވަރަށް މަސައްކަތްކުރިއެވެ. ލިބުނު ހަމަ އެކަނި ކާމިޔާބަކީ، އެކެއްގެ ގެއަށް އަނެކެއްގެ ދަރިފުޅު ވަނުން މަނާވެފައި އޮތްއޮތުން ނިމުމަކަށް އައުމެވެ.

ނަސީމު ވަރަށް ގިނަ ފުރުސަތު އަހަންނަށް ފަހިކޮށްދިނެވެ. ރަނގަޅު ދަނޑިވަޅުގައި، ރަނގަޅު ތަނުގައި އަހަރެން ހުރުމަށް އެހީވެދިނެވެ. ލުބާނާ ބައިވެރިވި އެކިއެކި ހަފުލާތަކަށް އަހަންނަށް ދައުވަތު ދިނެވެ. ސިއްރު އެތައް މައުލޫމާތެއް އަހަންނަށް ފޯރުކޮށްދިނެވެ. ލުބާނާ އަށް ރީތިކުލަ އާއި މީރު އައިސްކިރިމާއި މަގުބޫލު ލަވަތަކާއި ޝައުގުވެރިވާ މަލާއި އުފަންދުވަހަކީ ކޮބައިކަން އަހަންނަށް ބުނެދިނެވެ. ލުބާނާގެ ފޮޓޯ އަލްބަމުން އަހަންނަށް ފޮޓޯ ވަގަށް ނަގައިދިނެވެ. ލުބާނާގެ ފަހަތުން އުދުހޭ މާބުރުތައް ފައްސައިދިނެވެ. އަހަރެން މަތިން ހަނދާން ނުނެތޭ ވަރަށް އަހަރެންގެ ވާހަކަތައް ލުބާނާ ކައިރީގައި ދައްކައިދިނެވެ. އަހަރެންގެ ރަނގަޅުކަމުގެ ވާހަކަ، ހަދަހަދައިގެން ކިޔައިދިނެވެ.

ލުބާނާގެ ހިތް އަހަންނަށް ލެނބުނެވެ. މޫތަކާ އެކުގައި އެ ހިތް ލުއްސާލައިފައި، އަހަންނަށް ހިބައިން ދިނެވެ. އަހަންނަށް ވުރެ އުފާވެރި މީހެއް މި ބިންމަތީގައި ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހައި ރީތި އަންހެންކުއްޖަކު، އެހައި ވަރަށް ލޯބިވީމައި އުފާ ނުވާނީ ކާކުހެއްޔެވެ؟ މުޅި ދުނިޔެ ވެސް އެ ކަމާ އުފާކޮށް، އަހަންނަށް މަރުހަބާކިޔެެވެ. އެކަކު ފިޔަވައެވެ. އެއީ ރަޒިއްޔާއެވެ.

ރަޒިއްޔާއަކީ ލުބާނާގެ މަންމައެވެ. އޭނަ ބޭނުންވަނީ ވިޔަފާރިވެރިޔަކާ ލުބާނާ ހިތާކުރުވާށެވެ. އަހަރެން ވެސް އެއްބަހެވެ. ލުބާނާޔާ ނީންނާނެ އެކަކު ވެސް ނުހުންނާނެއެވެ. ލުބާނާ ކަހަލަ ރީތި އަންހެންކުއްޖަކާ އެކަށީގެންވާ ވަރުގެ ތަނަވަސްކަމެއް އަހަރެން އަތަކު ނެތެވެ. އެހެނަސް އަހަރެން ގޮންޖަހާފައި ބުނީމެވެ. އަހަރެންހައި ލޯބިވާ މީހަކު ލުބާނާއަކަށް ނުލިބޭނެއެވެ. ލުބާނާ އެ ކަން ގަބޫލުކުރިއެވެ. ލުބާނާގެ މަންމަ އަށް އެ ވަރުން ނުފުދުނީއެވެ. އެންމެ ހެއްވާ ކަމަކީ، އަހަރެން ކަމުނުދާ ވާހަކަ ސީދާ އަހަރެން ކައިރީގައި ބުނަން ރަޒިއްޔާ އަށް ނުކެރުމެވެ. ލުބާނާ ގާތުގައި ވެސް އެ ވާހަކަ ދައްކާނީ ނިކަން ދުރުދުރުންނެވެ. އަހަރެން ކުރިމަތީގައި ރަޒިއްޔާ ހުންނާނީ ފުސްމޫނު ހަދައިފައެވެ. އެއްޗެއް ބުނާކަށް ނުކެރެއެވެ.

ހިތްބަލި ކަމާއި އެކަނިވެރި ކަމަކީ، ޖަޒުބާތީ ގޮތުން ލުބާނާ ބުލެކުމޭލު ކުރަން ރަޒިއްޔާ ގެންގުޅުނު ދެ ހަތިޔާރެވެ. އޭގެ ސަބަބުން، މަންމަޔާ ދެކޮޅަށް އެއްޗެއް ބުނުމާއި މަންމަގެ އަމުރެއް ބޮލާލައި ޖަހަން ލުބާނާ ޖެހިލުންވިއެވެ. މަންމަގެ ހިތަށް ތަދުވެދާނެތީއެވެ. މަންމަ ދެކެ ލުބާނާ އާއި ލުބާނާޔާ ޖެހިގެން ދެން ހުންނަ އަންހެން ކޮއްކޮ ވެސް ވަަރަށް ލޯބިވެއެވެ. ދެބެއިން ވެސް އުޅެނީ މަންމަ ރުއްސައިގެން، މަންމަ އަށް ދޫދީގެންނެވެ.

އަހަރެންގެ ޝަކުވާއެއް ނެތެވެ. މަންމަ އަށް ދޫދޭން ވާނެއެވެ. ރަޒިއްޔާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރީ އެކަނިވެރި މަޔެއް ގޮތުގައެވެ. ދަރިންނަށް ޓަކައި އެހެން މީހަކާ ވެސް ނީނދެއެވެ. އެ ފަދަ އަންހެނެއް ވަރަށް އެކަނިވެރިވާނެއެވެ. އަމުދުން، އަވަށްޓެރިއަކީ އެއްބަނޑުއެއްބަފާ ކޮއްކޮ ކަމުގައި ވީ އިރު ވެސް އެ ކޮއްކޮޔާ ވާހަކަ ނުދައްކާ ނަމަ އެއީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އަހަރެން އެ ކަން ވެސް ގަބޫލުކުރަމެވެ. އެކަމަކު އަހަންނާއި ލުބާނާގެ ދެމެދަށް އޭނަ ވަނުން އެއީ މައްސަލައެކެވެ. އަހަންނަކަށް އެ ކަން ބަލައެއް ނުގަނެވުނެވެ. އެ ކަށި އަބަދު ވެސް އަހަރެންގެ ކަރުގައި ހުރަސްވެފައި އޮވެއެވެ. ނުއެއް ނެއްޓެއެވެ. ނުވެސް ދިރެއެވެ.

އަހަންނާ އެއްކޮށް ލުބާނާ ތަނަކަށް ދިޔަކަ ނުދެއެވެ. އަހަންނާ ވާހަކަ ދައްކަން އިނަކަ ނުދެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ލުބާނާ ގެންދެއެވެ. އޭރަކީ، ދޮރާށި ދޮށުގައި ތިބެގެން ވާހަކަ ދެއްކުން އާންމު ދުވަސްވަރެކެވެ. ލުބާނާއަކަށް އެ ފުރުސަތެއް ވެސް ނުދެއެވެ. ސައުވީސް ގަޑިއިރު ފާރަލައެވެ. އެ ހުރިހައި ސަބަބަކާ ހުރެ، ރޭގަނޑު އަހަރުމެން ބައްދަލު ކުރަނީ ލުބާނާ ޓިއުޝަނަށް ދާ މަގުމަތީގައެވެ. އޭނަ ނުކުންނަންދެން އަހަރެން ބޭރުގައި މަޑުކުރަނީއެވެ. އެތައް އިރަކު މަޑުކޮށްގެން ނާކާމިޔާބުވާ ފަހަރު ވެސް އާދެއެވެ. ލުބާނާ ގޮވައިގެން ބައެއް ފަހަރު ރަޒިއްޔާ ދާން ބޭނުން ވާތީއެވެ. އެއީ އަހަރެންގެ ހިތަށް ވަރަށް ތަދުވާ ކަމެކެވެ. ވިދިވިދިގެން ތިން ފަހަރު އެހެން ދިމާވެ، ލުބާނާޔާ ބައްދަލުނުވުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ލުބާ މަންމަގެ ކަންތައް ވަރަށް ބޮޑުވެއްޖެ!" ނަސީމުއާ ވާހަކަ ދައްކަމުން އަހަރެން ބުނީމެވެ. "ދެން އެއްޗެއް ނުބުނެއެއް ނުހުރެވޭނެ. މިރޭ ލުބާ ފަހަތުން މަންމަ ނުކުމެއްޖެއްޔާ އަހަރެން އަހާލާނަން ކިހާ ދުވަހަކުހޭ ތިހެން ގެންގުޅެވޭނީ؟"

އަހަރުމެން ތިބީ ނަސީމުގެ ގޭގައި ކޮފީ ހަދައިގެން ކޮފީ ބޯށެވެ. އެއީ އަހަރުމެން ކޮފީބޯން ފެށިތާ ކައިރިއެވެ. އެ ދުވަހު ދެ ތަށްޓަށް ވެސް ކޮފީ އެޅިފައި ހުރީ ތަންކޮޅެއް ގިނައިންނެވެ.

"އޭރުން ވަރަށް ސަކަރާތް ވާނެ،" ނަސީމު ބުންޏެވެ. "ތީ އަހަރެންގެ ފްރެންޑެއް. ދޮންތަ މި ގެއަށް އައިސް މަންމަޔާ ދިމާއަށް ހަޅޭއްލަވައިގެންފިއްޔާ އަހަރެންގެ މަންމަ ބުނެފާނެ ކަލޭ މި ގެއަށް ވައްދައިގެން ނުވާނޭ."

"އޯކޭ! ލުބާ މަންމަ ނުކުތީމަ އޭނަ އަށް ލޯ އަޅާލަންތަ؟" އަހަރެން އެހީމެވެ. "އެއްޗެއް ނުބުނާނަމޭ!"

އެ ކަމަކަށް ވެސް ނަސީމު އެއްބަހެއް ނުވިއެވެ. ހަމަ ކުރިން ލަފާކުރި ގޮތް ދެން ވެސް ވެދާނެ ކަމަށް ބުންޏެވެ.

"ދޮންތަ ނުކުތީމަ އޭނަ ފެންނަ ކަމަށް ނެހެދިއްޔާ އޯކޭތަ؟" އަހަރެން ބުނީމެވެ. "ލުބާޔާ ވާހަކަ ދައްކަމުން އަހަރެން ވެސް ދާނީ."

"ދޮންތަ އަށް ރާޝިދު ފެންނަ ގޮތަށް ކުރާ އެއްވެސް ކަމަކަށް އަހަރެން ސަޕޯޓެއް ނުކުރާނަން،" ނަސީމު ބުންޏެވެ. "ދޮންތައަކީ ފާޑެއްގެ މީހެއް. ނިމޭ އިރު އަނދާނީ އަހަރުމެން."

"ދެން ނަސީމު ބުނެބަލަ ހަދަންވީ ގޮތެއް،" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ. "އަހަންނަކަށް ނުވިސްނޭ އަހަރެން ނުފެނި ކަމެއް ކުރާނެ ގޮތެއް."

"ހިނގާ ބްލެކްމެޖިކެއް ހަދަން." ނަސީމު ވަރަށް ހެވިފައި ބުންޏެވެ. "ޔޫ މީން ފަންޑިތަ؟" ހައިރާންވެފައި އަހަރެން ބުނީމެވެ. "ކާކު ލައްވާ؟ ތީތި ފަޅާއަރައިފިއްޔާ..."

"ފަޅައެއްނާރާނެއްނު! އަހަރުމެންނޭ ހަދާނީ،" ނަސީމު ބުންޏެވެ. "ދޮންތައަކަށް ނުވެސް ފެންނާނެ."

"އަހަންނަކަށް ނޭނގެ ފަންޑިތަހަދާކަށް." އަހަރެން ބުނީމެވެ.

"އެއީ މައްސަލައެއް ނޫނޭ!" ވަރަށް ހަމަޖެހިލާފައި ނަސީމު ބުންޏެވެ. "އަހަންނަކަށް ވެސް ނޭނގެޔޭ!"

ނަސީމު އެ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. އަހަންނަށް ބަލައިލެވުނީ ނަސީމުގެ ކޮފީތަށްޓަށެވެ.

"މާ ގިނައިން ކޮފީބޮވުނީ ދޯ؟" ނަސީމުގެ ތަށި ދުރަށްޖައްސައިލަމުން އަހަރެން ބުނީމެވެ. "ކަލެއަކަށް ނޭނގޭ ފަންޑިތަ ހަދާކަށް. އަހަންނަކަށް ވެސް ނޭނގޭ! ދެން ކިހިނެއް ފަންޑިތަ ހަދަނީ؟"

"ފޭކްކޮށް!" ނަސީމު ބުނެލިއެވެ. "ބާއްވާނީ ވެސް ދޮންތަ އަށް ފެންނަ ގޮތަށް. ދޮންތައަކަށް ނޭނގޭނެއްނު ފޭކެއް ކަމެއް. އެހެންވީމަ އޭތި މަސައްކަތް ކުރާނެއްނު! ހެދި މީހެއް ވެސް ނޭނގޭނެ."

އަހަރެން ވިސްނައިލީމެވެ. ހިތަށް އެރިއެވެ. ނަސީމު އެ ބުނީ ތެދެކެވެ. ޝައްކު ބަލި ބޮޑު މީހަކަށް ފަންޑިތައެއްހެން ހީވާ އެއްޗެއް ފެނުނަސް ބިރުގަންނާނެއެވެ. ލުބާނާ މަންމައަކީ، ކަމަކާ ހާސްވެއްޖެއްޔާ ގެއިން ބޭރަށް ނުކުންނަ މީހެއް ނޫނެވެ. ހަމައަކަށް އެޅެންދެން އޭނަ އުޅޭނީ ގޭގައެވެ. އެ ހިސާބުން އަހަރެންގެ މަގުސަދު ހާސިލުވީއެވެ.

އެއީ ލޯޑް އޮފް ދަ ރިންގްސްގެ ވާހަކަ ފޮތް ވަރަށް މަޝްހޫރު ދުވަސްވަރެކެވެ. އަހަރުމެން ކަރުދާހެއް ހޯދީމެވެ. އެ ފޮތުން ދަސްކުރި އެކި ކަހަލަ ހާހޫރަ ކުރެހީމެވެ. ކަށްބޮލާއި ހަރުފަޔާއި ވަޅި އާއި ނުބައިފާހަގަ އާއި ލޯ ވެސް ކުރެހީމެވެ. އެކި ނަންބަރު ލިޔުނީމެވެ. ދުވަހާއި މަސް ހިމަނައިގެން، އަންނަން އޮތް ތާރީހެއް ވެސް ޖެހީމެވެ. ކިޔަން އެނގޭ ވަރަށް، އެކަމަކު ކުދިކުދިކޮށެވެ. ބޮޑު ކަރުދާސްގަނޑެއް ފުރެންދެން އެ ސަކަރާތެއް ޖެހީމެވެ. ދޭތެރެދޭތެރޭގައި، އެކި ބަސްބަހުން ރަޒިއްޔާގެ ނަން ވެސް ލިޔުނީމެވެ. އެއީ ލުބާނާ މަންމަގެ ނަމެވެ. ހުރިހައި ކަމެއްކޮށް، ގަނޑު ނިކަން ރަނގަޅަށް ފަތްޖަހާފައި ބަޑިއެއްގެ ތެރެއަށް ލާފައި، ލުބާނާގެ ބަގީޗާ ތެރެއަށް އެއްލީމެވެ. މި ކުރެވުނީ ކިހައި ވަރެއްގެ ކަމެއްކަމެއް އޭރަކު ނޭނގެއެވެ. އަހަރުމެން ހީކުރީ އެއީ ވަރަށް މޮޅު ކަމެއް ކަމަށެވެ. (ނުނިމޭ)