Roadha Mihaaru
ގެޔަކުން ވެއްޓުނު ކުޑަދޮރަކުން ޖެހި ބޮޑު ޒަހަމެއް

ގެޔަކުން ވެއްޓުނު ބިއްލޫރި ކުޑަދޮރަކުން ޖެހި ބޮޑު ޒަހަމެއް

01 ނޮވެމްބަރ 2021

މާލޭގައި ގެއެއްގެ ފަސް ވަނަ ބުރިން ބިއްލޫރި ކުޑަދޮރެއް ވެއްޓި މީހެއްގެ ބުރަކަށި ކަފައިގެން ގޮސް، ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ގެއެއްގެ ފަސް ވަނަ ބުރިން ބިއްލޫރި ކުޑަދޮރެއް ވެއްޓި މީހެއްގެ ބުރަކަށި ކަފައިގެން ގޮސް، ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ތިނެއް ޖަހާކަށްހާއިރު ހިނގި މި ހާދިސާގައި ޒަހަމްވީ ބިދޭސީ ފިރިހެނެކެވެ.

މި މަންޒަރު ދުށް މީހަކު "މިހާރު" އަށް ބުނީ ސްލައިޑްކުރާ ބިއްލޫރި ކުޑަދޮރު ވެއްޓުނީ ކުއްލިއަކަށް ކަމަށާއި އަނިޔާވީ އެ ވަގުތު އެ ގެ ކައިރިން ހިނގާފައި ދިޔަ މީހަކަށް ކަމަށެވެ.

ފަސް ވަނަ ފުލޯއިން ބިއްލޫރި ކުޑަދޮރު ވެއްޓުނު ބަރޯސާ ގޯޅީގައި ހުންނަ ގެ.

ފަސް ވަނަ ފުލޯއިން ބިއްލޫރި ކުޑަދޮރު ވެއްޓުނު ބަރޯސާ ގޯޅީގައި ހުންނަ ގެ.

"އެ މީހާގެ ބުރަކަށިން ތިނެއް ނުވަތަ ހަތަރު އިންޗި ވަރު ތަނެއް ފުންކޮށް ކަފައިގެން ގޮސްފައި ހުރީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ކަފައިގެން ދިޔަ ތަނުގެ ފުންކަމުން ލޭ މަނާކުރަން ވެސް އުނދަގޫވި ކަމަށެވެ.

އޭނާ ބުނީ ކުޑަދޮރު ވެއްޓުނީ އެ ވަގުތު މީހަކު ވެސް ނެތް އެޕާޓްމަންޓަކުން ކަމަށާއި އެހެންވެ އެ ވެއްޓުނު ސަބަބެއް ނޭނގޭ ކަމަށެވެ.

ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ބިއްލޫރިގަނޑުން ޖެހި ކަފައިގެން ގޮސްފައިވަނީ ބުރަކަށީގެ ކޮނޑު ކަށިގަނޑާ ދިމާލުންނެވެ. ޒަހަމްވި މީހާގެ ގައިން ފޭބި ލެއިން، އެ މީހާގެ ގަޔާއި ލައިގެން ހުރި ޓީޝާޓުގައި ވެސް އޮތީ ތެމިފަ އެވެ.

ބަރޯސާ ގޯޅީގައި ހުންނަ ގެއެއްގެ ފަސް ވަނަ ފުލޯއިން ވެއްޓުނު ބިއްލޫރި ކުޑަދޮރުގެ ބައިތައް.

ބަރޯސާ ގޯޅީގައި ހުންނަ ގެއެއްގެ ފަސް ވަނަ ފުލޯއިން ވެއްޓުނު ބިއްލޫރި ކުޑަދޮރުގެ ބައިތައް.

ކުޑަދޮރު ވެއްޓި ތެޅިފައިވާ ކަޅުކުލައިގެ ބިއްލޫރިތައް މަގުމަތީގެ ބޮޑު ސަރަހައްދަކަށް ބުރައިގެން ގޮސް ހުއްޓެވެ.

ފުލުހުން ބުނީ ގެއެއްގެ ކުޑަދޮރެއް ވެއްޓި މީހަކަށް އަނިޔާވި މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށާއި މި ހާދިސާގައި އަނިޔާވި މީހާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އިމާރާތްތަކުން ކުޑަދޮރާއި އެކި އެއްޗެހި ވެއްޓި މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައިވެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވާން އަބަދުވެސް އިލްތިމާސްކުރެ އެވެ.