Roadha Mihaaru
މަރުގެ ތުންފަތްމަތިން ސަލާމަތްވެ ހަށިފޮޅާލި ފަހުލަވާނެއް

މަރުގެ ތުންފަތްމަތިން ސަލާމަތްވެ ހަށިފޮޅާލި ފަހުލަވާނެެއް!

30 އޮކްޓޯބަރ 2021

ތިން ފުރޮޅުލީ ބައިސްކަލް ގޮޑީގައި އިނދެ، އޭނާ ކިޔައިދޭން ފެށީ އަޑުއަހަން ފަސޭހަ ވާހަކަތަކެެއް ނޫނެވެ. މީގެ ނުވަ އަހަރު ކުރިން ހދ. ވައިކަރަދޫ "މަދަދު" އަބްދުﷲ ޒަރީރު, 52, ފެންނާނީ މިހެނެއް ނޫނެވެ. އެކަމަކު، ދިމާވި ކުއްލި ހާދިސާއަކުން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ ނުކުޅެދޭ މީހަކަށް ހަދާލީ އެވެ.

ތިން ފުރޮޅުލީ ބައިސްކަލް ގޮޑީގައި އިނދެ، އޭނާ ކިޔައިދޭން ފެށީ އަޑުއަހަން ފަސޭހަ ވާހަކަތަކެެއް ނޫނެވެ. މީގެ ނުވަ އަހަރު ކުރިން ހދ. ވައިކަރަދޫ "މަދަދު" އަބްދުﷲ ޒަރީރު, 52, ފެންނާނީ މިހެނެއް ނޫނެވެ. އެކަމަކު، ދިމާވި ކުއްލި ހާދިސާއަކުން، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ ނުކުޅެދޭ މީހަކަށް ހަދާލީ އެވެ.

އޭޕްރީލް 2012 އާ ހަމައަށް އައިރު ޒަރީރު އަކީ ހުރިހާ ގުނަވަނެއް ސަލާމަތުން ހުރި މީހެކެވެ. މުރާލި ހަރަކާތްތެރި މީހެކެވެ. އޭރު އޭނާ އަކީ އިމާރާތް ކުރުމުގެ މަސައްކަތުގައި މުޅި ރަށުގައި ނަން ހިނގާ މީހެކެވެ.

އެފަދަ މަސައްކަތެއް ނެތް ދުވަހެއް ނަމަ އެދުވަހަކީ ވާދާ ދުއްވާ ދުވަހެކެވެ. ހަމައެންމެ ދުވަހެއް ވެސް އަތް އުރާލައިގެން އޭނާ ނުހުރެ އެވެ. ރޭނުމާއި ސިމެންތި ޖެހުމާއި މުށި ޖެހުމުގައި އެފަދަ ދެވަނަ މީހަކު މި ރަށުން ނުލިބޭނެ އެވެ. މަސައްކަތަށް ފަރިތަ އެވެ. މަސައްކަތް ރީތިކޮށް ޗާލުކޮށް ނިންމާލަ އެވެ.

ހަވީރު 5:30 ވުމުން މަސައްކަތް ނިންމާފައި ގެއަށް ދިޔަ ދުވަހެކެވެ. އޭރު ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ އޭނާގެ ދަރިޔަކު ގޭގެ ޓެރަސްގައި ފިލާވަޅު ދަސް ކުރަން އޮތުމުން ޒަރީރު އުޅުނީ އެގޭގައި ހުރި ފޭރު ގަހަކުން ފޭރެއް ބިނދެ ދަރިފުޅަށް ދޭށެވެ. ހަފޫޓް ހުރި ފާރު މައްޗަށް އަރައި ގަހުގައި އަޅުވާފައި ހުރި ފުޅިތަކުގެ ތެރެއިން ފުޅިއެއްގައި އޮތް ފޭރު ނަގަން އޭނާ އަތް ދިއްކޮށްލުމާއެކު ދެންވީ ގޮތެއް ނޭނގުނެވެ. އޭނާ ބިންމައްޗަށް ވެއްޓި ޖެހުނީ އެވެ. ބިންމައްޗަށް ވެއްޓުނީ ފާރުގައި ޖެހިފައި ކަމެއް ނުވަތަ ހުރި ގޮތަށް ބިންމައްޗަށް ވެއްޓުނީ ކަމެއް ނޭނގެ އެވެ. އެނގުނީ ބިންމަތީގައި ޖެހުނު ކަމެވެ.

ޒަރީރު

ޒަރީރު

"އެއްވެސް ހަރަކާތެއް ނުކުރެވޭ. އެކަމަކު ވާހަކަ ދެއްކޭ. އަޑު ބަރާބަރު. ދެން ޓެރަސްމަތީގައި ހުރި ދަރިފުޅު ރޯން ފަށައިފި. އަޅުގަނޑު ބުނިން ދަރިފުޅާއޭ ދަރިފުޅަކަށް ބައްޕަ ނުއެއް ނެގޭނޭ. ބައްޕައަކަށް އެއްވެސް ހަރަކާތެއް ނުކުރެވެއޭ. ބައްޕަ ފޯނުން އެންމެ ފަހުން ގުޅާފައި ނަންބަރުތަކަށް ގުޅާށޭ. އޭރު އަޅުގަނޑު އޮތީ ފާރާއި އެތާނގައި ޓިނު ޖަހައިގެން ހަދާފައި ހުރި ކޮއްޓެއްގެ ދެމެދު ތާށިވެފައި،" ޒަރީރު ކިޔައިދިނެވެ.

"ދަރިފުޅު ރޯތީ ސްކޫލުން ކުއްޖަކު ގޮވައިގެން ދިޔަ އަޅުގަނޑުގެ ކޮއްކޮއެއްގެ އަންހެނުން މަސައްކަތް ކުރީ އަޅުގަނޑު ނަގަން. ނުނަގާށޭ ބުނެވުނުކަން އެނގުނު ދެން އޭނަ އަތުގައި ހިފި ހިސާބުން އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގުނު. އޭގެ ފަހުން މީހުން ގޭދޮށަށް އެއްވިކަން އެނގޭ."

ރަށުގެ ކޮންމެ މީހަކީ ޒަރީރު ދަންނަ ދެކެފަރިތަ މޫނުތަކެކެވެ. އޭނާ ކައިރިއަށް ކަމަކު އައި ކޮންމެ މީހެއްގެ މުހުތާދު ފިލުވައިދޭ މަދަދުވެރިއެއްގެ ގޮތުގައި އޭރު ވެސް ފާހަގަވެފައިވުމުން ރަށުގެ ކޮންމެ މީހަކީ އޭނާ ގާތް މީހެކެވެ. މަސައްކަތް ކޮށްގެން އެއްކުރެވޭ ފައިސާއިން ހަރަދުކޮށްފައި ބާކީވާ ފައިސާކޮޅު ހާލުގައި އުޅޭ މީހަކަށް ދޭން ޖެހުނަސް ޖެހިލުމެތް ނެތި އޭނާގެ ދީލަތި އަތް ދިއްކޮށްލަ އެވެ. އެކަމަކު އެ ހާދިސާ ހިނގި ވަގުތު "މަދަދު" ގޭ ކައިރިއަށް ދިޔަ މީހުން ވަކި ކުރާކަށް ނޭނގުނެވެ. އޭނާ އުފުލައިގެން ގެންދިޔައީ ކޮން ބައެއްކަމެއް ހިލަމެއް ނުވި އެވެ. އެ ހާދިސާ ހިނގި ދުވަހު އޭނާގެ އެއްބަނޑު އެއްބަފާ އެއްވެސް މީހަކު ރަށުގައި ވެސް ނެތެވެ.

ޒަރީރު ފުރޮޅުލީ ގޮނޑީގައި އިނދެގެން ގަސްތަކަށް ފެން ދެނީ

ޒަރީރު ފުރޮޅުލީ ގޮނޑީގައި އިނދެގެން ގަސްތަކަށް ފެން ދެނީ

"ރަށުގައި ހުރި ޑޮކްޓަރުގެ ކައިރިއަށް ގެންދެވުނީމަ ބުނެފި އެއްވެސް ގޮތަކަށް ކަރު ނުގުޑުވާށޭ. އެހެންވެ ކާއެއްޗެއް ވެސް ނުކައި އޮންނަން ޖެހުނީ. އެކަމަކު ވަރަށް ކަރުހިއްކާ. ކާއެއްޗެއް ނުކެވިގެ އަރުތެރެ އޮތީ ހިކިފައި. ފެން ފޮދެއް ވެސް ނުދިރުވޭ،" ޒަރީރު ބުންޏެވެ.

ކުޅުދުއްފުއްޓަށް ގެންގޮސް ދެވޭނެ ފަރުވާއެއް ނެތުމުން މާލެ ގެންދެވުނެވެ. މާލެއިން ވެސް އެކަށީގެންވާ ފަރުވާއެއް ނެތެވެ. މާލޭގައި ދެތިން ދުވަހު ބާއްވާފައިި ދެން ގެންދެވުނީ އިންޑިއާ އަށެވެ.

"މިރަށު މީހުންގެ އެހީތެރިކަމާއި މީހުން އަތުން އެހީ ހޯދައިގެން ލިބުނު ލާރިކޮޅުން އިންޑިއާ އަށް ދިޔައީ،" ޒަރީރު ބުންޏެވެ.

"ކިމްސް ހޮސްޕިޓަލުގައި ފަރުވާން ދޭން ފެށިތަނާ ތަދު ކެނޑިއްޖެ. އެކަމަކު އެހާހިސާބުން އެހެން ގޮތެއް ވާން ފެށި. ދެލޯ ބޮޑުވެ ބޮޑުވެފައި މޫނު ފުފެނީ. އަޅުގަނޑާއެއްކޮށް ދިޔަ އެއްބަނޑު އެއްބަފާ ދެ ކުދިން އަޅުގަނޑު އޮތް ކޮޓަރިން ނުކުމެ ނުކުމެފައި ރޯކަން އެނގޭ. އޭރު ނޭންގެ ކިހިނެއްވެ ކަމެއް އެހެން ވާން ޖެހުނީ. އެތަން ފެނިފައި މި ދެ ކުދިން ރޯން ފެށީ. ފަހުން މި އެނގުނީ އަޅުގަނޑަށް ތަދުކަނޑުވާ ބޭސް ދީފައި ހުރިކަން. އަޅުގަނޑަކީ ތަދުކަނޑުވާ ބޭހަށް އެލާޖިކްވާ މީހެއް."

ކިމްސް ހޮސްޕިޓަލުގެ ރެކޯޑްތަކުން ދެއްކީ އޭނާގެ ކަރު ބިނދިފައިވާ ކަމަށެވެ. އަދި މައިބަދަ އާއި އުނގަނޑުން ތިރީގައި ވާތްގެއް ނެތެވެ. އޮތް ފުށް ނޫން އަނެއް ފުށަށް ޖަހަން ވެއްޖެނަމަ އަނބުރަނީ އޭނާ އޮތް އެނދެވެ. ކާން އޮންނަނީ ހޮޅި ގުޅައިފަ އެވެ. ކިމްސްގެ ޑޮކްޓަރުން ފަރުވާ ނިމުމުން ދެން އޭނަ ފުރަންވީކަން ޑޮކްޓަރުން ބުންޏެވެ.

ޒަރީރު

ޒަރީރު

"ކައިރީގައި ތިބި ކޮއްކޮމެން އަހާލީ ތެދުވެ އިނދެވޭނެތޯ. ޑޮކްޓަރު ބުނި ނުވާނެޔޭ. އެ ކުދިން ވިސްނާނެތާ އޮށޯވެގެން އޮވެ ގެންދަންޏާ އިތުރަށް ހަރަދު ހިނގާނެތާ. އޭރު ގެންދިޔަ ލާރިކޮޅުވެސް ހުރީ ހުސްވެފައި،" ޒަރީރު ކިޔައިދިނެވެ.

މާލެ ގެނެސްފައި އައިޖީއެމް ހޮސްޕިޓަލްގައި ބާއްވައިގެން ނާރުގެ ޑޮކްޓަރަކަށް ދެއްކި އެވެ. ޑޮކްޓަރުގެ ވާހަކައިން ޒަރީރު މުޅިން ހިތްދަތި ކުރުވި އެވެ. މުޅި އުމުރަށް ވެސް ގެންގުޅެން ޖެހޭނީ އެނދުގައި ބާއްވައިގެންނޭ ޑޮކްޓަރު ބުނި ހިސާބުން ޒަރީރުގެ ހިތް ކުދިކުދިވި އެވެ.

"އެހިސާބުން ކޮއްކޮމެން ކައިރީ ބުނިން ދެން ބޭބެ ގަންދަން ހަދާނެ ކަމެއް ނެތޭ. ބާއްވާފައި ދާށޭ. އެހެން ބުނެވުނީ ހިތްފަޅައިގެން ދާވަރުވީމަ،" ބޭއިހްތިޔަރުގައި ބުނެވުނު ޖުމުލަތައް ސިފަކޮށްދެމުން ޒަރީރު ބުންޏެވެ.

ޒަރީރު ވެއްޓި ބިމާ ހަމަވެ އޭނާގެ ހަޔާތް ބަދަލުވި އިރު ވެސް އުޅެނީ ދެ މީހުންނާ ކައިވެނިކޮށްގެންނެވެ. ހަގު އަނބީގެ ބަނޑަށް އޭރު ނުވަ މަހެވެ. އަނބިމީހާ އަށް އޭނާގެ އެހީ އެންމެ ބޭނުންވި ވަގުތު އޭނާ އޮތީ ނުކުޅެދޭ މީހެއްގެ ގޮތުގަ އެވެ. ރަށަށް ގެނައީމަ ދެ އަނބިން ކައިރީގައި ވެސް ޒަރީރު ބުނީ ދާން ބޭނުން އަންބަނކު ދިއުމުގެ އިހްތިޔާރު އޭނާ ދޭނެ ކަމަށެވެ. ނުކުޅެދޭ ހާލާއެކުު އަތްނބަކު ގެންގުޅެ ބެލެހެއްޓުމުގެ ގާބިލު ކަމެއް އަދި ފެންވަރެއް ވެސް އޭނާގެ ހަށިގަނޑާއި މާލީ ގޮތުން ވެސް ނެތެވެ.

"އެކަމަކު އެއްވެސް އަތްބަނކު އަޅުގަނޑު ދޫކޮށްލާފައި ދާ ހިޔާލެއް ނުކުރި. ދެ އަނބިން ވެސް ވަރަށް ހެޔޮ. ވަރަށް އަޅާލާ. ދެ ގޭގައި އުޅުނަސް ވަރަށް ރަނގަޅު. މޫދަށް ގެންދަން ޖެހުނަސް ކޮންމެވެސް އެއް އަތްނބަކު ވަގުތު ހުސްކޮށް އެހީވެދީ ހަދާނެ."

ޒަރީރް އޭނާ ދިރިއުޅޭ "މަދަދު" ގެއަށް ވަނުމަށް އޭނާގެ ކޮއްކޮއަކު އެހީތެރި ވަނީ

ޒަރީރް އޭނާ ދިރިއުޅޭ "މަދަދު" ގެއަށް ވަނުމަށް އޭނާގެ ކޮއްކޮއަކު އެހީތެރި ވަނީ

މޫދަށް އެރި ހަރަކާތްކޮށް އުޅެން ފެށުމުން ޒަރީރުގެ ގުނަވަންތަކަށް ލުޔެއް ލިބުނެވެ. އިށީންދެގެން އިނދެވޭ ވަރަށް އޭނާ ހިރިލެވެ އެވެ. ޒަރީރު އާއި އޭނާގެ ނުވަ ދަރިންނާއި ދެ އަނބިންގެ ހިތްވަރާއި އެއްބަނޑުއެއްބަފާ މީހުންގެ އެހީއާއެކު ހާސިލުވި އެ މިންވަރަކީ ޑޮކްޓަރުން އުންމީދުކޮށްފައި ވެސް ނެތް މިންވަރެކެވެ.

އޭގެ ކުރިން ވެސް ހަލާލު މަސައްކަތުން ކައިބައި އުޅުނު ޒަރީރުގެ އާމްދަނީ ދެން ބިނާ ކުރީ ދަނޑުވެރި ކަމަށެވެ. އޭނާ ބަލަހައްޓާ ފަތްކެޔޮ ދަނޑަށް ވަޅުކޮނެ ގަސްތަކަށް ފެންދީ ހަދަނީ ވެސް އަމިއްލަ އަށެވެ. އެ ހާލު ފެނިފައި ލޮލުން ކަރުނަ ހިލޭ ވަރުވެ އެވެ. ގޮނޑީގައި ދުއްވާފައި ގޮސް ދަނޑަށް ވަދެ ފަތްކެޔޮ ޖަހަން ވަޅުތައް ކޮންނަނީ ވެސް އޭނާގެ އަމިއްލަ އަށެވެ. ފައިން ކޮއްޕަމުން ހޮޅިން ފެންދެމުން ގެންދެ އެވެ.

"ނަމާދުގައި އިށީންދެގެން އިންނަ ގޮތަށް އިށީންދެ އިނދެ ވަޅު ކޮންނަނީ. އެހެން ނީންނަން ޑޮކްޓަރު ބުނެފައި އޮންނަނީ ވެސް. އެކަމަކު ވެސް ހިތްވަރުކޮށްފައި އުޅެނީ. ވަޅުކޮންނަން އެހެން މީހަކާ ހަވާލު ކުރިޔަސް ލާރި ނަގާނެ. ދެން އަޅުގަނޑު ބޭނުންވާ ގޮތަކަށް އެ ވަޅުތަކެއް ނުކޮންނާނެ. އެހެންވެ އަމިއްލަ އަށް ފައިބައިގެން ވަޅު ކޮންނަނީ ވެސް،" ޒަރީރު ބުންޏެވެ.

"އަޅުގަނޑަށް ނުކުރެވޭ ކަމެއް ވެއްޖެއްޔާ އެއްބަނޑު ކޮއްކޮއެއް ނޫނީ ދަރިއެއް ކައިރީ ބުނީމަ ދަނޑަށް ގޮސް އެކަމެއް ކޮށްލަދޭނެ."

އެ ހާދިސާ އާއެކު އޭނާގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް އައެވެ. ނަމާދުތަކަށް އޭރު ފަރުވާ ނުުބެހެއްޓުނު ޒަރީރުގެ ހަޔާތްވީ ނާމާދާ އަޅުކަމާ ގާތް ކުރުވި ދިރިއުޅުމަކަށެވެ. އެހެޔޮ ބަދަލާއެކު އެހެން ކަމެއް ވެސް ބަދަލުވި އެވެ.

"މިކަމެއް ދިމާ ނުވާއިރު އަބަދުވެސް ދިމާވާ ކަމެއް އޮވޭ. މަސައްކަތް ކޮށްފައި ލާރިކޮޅު ލިބުން ލަސްވަންޏާ ބޯ ހާސްވޭ. އަބަދުވެސް އެވެނި ކަމެއް ނުވެގެން މިވެނި އެއްޗެއް ނުގަނެވިގެން އުޅެން ޖެހުނީ. އެކަމަކު މިހާރު އެކަހަލަ އެއްވެސް ކަމެއް ނީންދޭ. އެވަގުތަކު އޮތް އެއްޗަކާ މެދު ރުހިގެން ހުރެވޭ. ބޯހާސްވުމެއް ނީނދޭ،" ޒަރީރު ބުންޏެވެ.

ފަތްކެޔޮ ވިއްކައިގެން އޭނާ އަށް ލިބޭ ފައިސާ ކޮޅު ހޯދަން ދައްޗެވެ. އޭނާ އަތުން ކެޔޮ ގަނެފައި ފައިސާ ނުދައްކާ މީހުން އެބަތިއްބެވެ. އޭނާގެ އަތްމަތި ދަތިވާ ވަގުތު އެއިން ފައިސާ ކޮޅެއް ދޭތޯ އާދޭސް ކުރެ އެވެ.. އެކަމަކު ފައިސާ އަދާނުކޮށް ތިބި މީހުންގެ ހިތަށް އެއްޗެއް އަރާހެނެއް ހީއެއް ނުވެ އެވެ. އަތުން އަނބުރަމުން ދަނޑަށްދާ ޒަރީރު އަތުގައި ހުރި ބެޓަރި ދުއްވާ ގޮނޑި ވެސް މިވަގުތު ހުރީ ގުދަނަށްލައި ތަޅުލައިފަ އެވެ. ހަދިޔާ އަކަށް ލިބުނު ގޮނޑީގެ ބެޓަރީގެ ބާރު ވަނީ ދަށް ވެފަ އެވެ. އެ ގޮނޑީގެ ސްޕެއާއެއް އަދި ބެޓަރި އެއް ވެސް ރާއްޖެ އަކުން ނުލިބެ އެވެ.

ނުކުޅެދޭ މީހުންނަށް ސަރުކާރު ދޭ 2000 ރުފިޔާއިން އޭނާގެ އާއިލާގެ ހަރަދުތަކެއް ނުފުއްދެ އެވެ. އެކަމަކު މީހެއް ކައިރީ ސަލާން ޖަހައެއް ނޫޅެ އެވެ. އެކަމަކު އޭނާގެ އޮތީ ޝުކުރުވެރި ހިތެކެވެ. ހަލާލު އަމިއްލަ މަސައްކަތުން ނޫނީ އޭނާ ދިރިއުޅުން ކޮޅަށް ނުނަގާނެ ކަން އޭނާ އަށް ޔަގީނެވެ.