Roadha Mihaaru
ޖަޕާނުން އުފެއްދި އުދުހޭ ސައިކަލް ޕްރީ-އޯޑަރަށް

ޖަޕާނުގެ ކުންފުންޏަކުން އުފެއްދި އުދުހޭ ސައިކަލް ޕްރީ-އޯޑަރަށް

29 އޮކްޓޯބަރ 2021

އެއްގަމުގައި ދުއްވާ އާދައިގެ ސައިކަލަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރައްކާތެރި އެއްޗެއްގެ ގޮތުގައި ޖަޕާނުގެ ކުންފުންޏަކުން ހޯވަބައިކް ނުވަތަ އުދުހޭ ސައިކަލް އުފައްދައި އެ ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްގަމުގައި ދުއްވާ އާދައިގެ ސައިކަލަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ރައްކާތެރި އެއްޗެއްގެ ގޮތުގައި ޖަޕާނުގެ ކުންފުންޏަކުން ހޯވަބައިކް ނުވަތަ އުދުހޭ ސައިކަލް އުފައްދައި އެ ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.

އެކެއްގެ ޖާގަ އިންނަ ގޮތަށް ފަރުމާކޮށްފައިވާ މި ހޯވަބައިކަކީ ޖަޕާނުގެ ސްޓާޓަޕެއް ކަމަށްވާ އަލި ޓެކްނޮލޮޖީސް އުފެއްދުމެކެވެ. "އެކްސްޓްރިމްސޯ ލިމިޓެޑް އެޑިޝަން" ގެ ގޮތުގައި އުފައްދައި ޕްރީ-އޯޑަރަށް ހުޅުވައިލި ހޯވަބައިކެއްގެ އަގަކީ 680،000 ޑޮލަރު (10.54 މިލިއަން ރުފިޔާ) އެވެ.

ޖަޕާނުގެ މަޝްހޫރު ކުންފުނި މިޓްސުބިޝީ އާއި އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ތަރި ކީސޫކޭ ހޮންޑާ ވެސް ހިއްސާވެގެން އުފައްދާފައިވާ "އެކްސްޓްރިމްސޯ ލިމިޓެޑް އެޑިޝަން" އަކީ އަލި ޓެކްނޮލޮޖީސް އިން ބުނި ގޮތުގައި ގަޑިއަކު 100 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކުރެވޭނެ އެއްޗެކެވެ. އަދި އެއް ފަހަރު ޗާޖްކޮށްލައިގެން 40 މިނިޓްގެ ދަތުރަށް ބޭނުން ކުރެވޭނެ އެވެ.

ބަރުދަނުގައި 300 ކިލޯ ހުންނަ މި ހޮވަބައިކްގެ ޕްރީ-އޯޑަރަށް ހުޅުވައިލި އިރު އަލި ޓެކްނޮލޮޖީސްގެ އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށް އަންނަ އިރު މީގެ 200 ސައިކަލް ވިއްކައިލުމެވެ. "އެކްސްޓްރިމްސޯ ލިމިޓެޑް އެޑިޝަން" ހޯވަބައިކަކީ އާދައިގެ އިންޖީނެއްގެ އިތުރުން ހަތަރު ބެޓެރީން ވެސް ހަކަތަ އުފައްދާ ގޮތަށް ތައްޔާރު ކޮށްފައިވާ އެއްޗެކެވެ.

ޖަޕާނުގެ އަލި ޓެކްނޮލޮޖީން އުފެއްދި އުދުހޭ ސައިކަލް.

ޖަޕާނުގެ އަލި ޓެކްނޮލޮޖީން އުފެއްދި އުދުހޭ ސައިކަލް.

ފަހަކަށް އައިސް ދުނިޔޭގެ ބައެއް ކުންފުނިތަކުން އުދުހޭ ޓެކްސީ އާއި އުދުހޭ ރޭސް ކާރު ފަދަ އުފެއްދުންތަކަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލި ޓެކްނޮލޮޖީސްގެ ޗީފް އެގްޒެކެޓިވް ޑައިޒޫކޭ ކަޓާނޯ ވިދާޅުވި ގޮތުގައި ހޯވަބައިކް ފަދަ ޒަމާނީ އުފެއްދުންތަކަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށްދޭ އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުން ތަކަކަށްވާތީ މިފަދަ އުފެއްދުންތަކަކީ ކުރިމަގުގެ ދަތުރުފަތުރާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެކެވެ.

"އަހަރެމެން ބޭނުންވޭ އާންމު ދަތުރުފަތުރުތަކަށް ވީހާ ވެސް ބޮޑަށް ބިމުން މަތި ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދަން،" އޭނާ ވިދާޅުވި އެވެ. "މިއީ ކޮންމެހެން އުދުހޭ ވާހަކައެއް ނޫން. އެކަމަކު އެފަދަ އިހުސާސެއް ކުރެވޭ ގޮތަށް ސައިކަލާއި ކާރު ފަދަ އެއްޗެހި ދުއްވޭ ގޮތް ވުމަކީ ކުރިމަގާ ގުޅިފައި އޮތް ކަމެއް. މިސާލަކަށް ޓޯކިއޯ ކަހަލަ ބޮޑު އާބާދީއެއް އޮތް ތަނަކަށް ހޯވަ ބައިކަކަކީ ހަމަ ވަރަށް ބޭނުންތެރި ވަސީލަތަކަށް ވާނެ."