Roadha Mihaaru
ޕޮއިމޯ: ބެކްޕެކަށް ލެވޭ ކަހަލަ އީ-ސްކޫޓަރެއް

ޕޮއިމޯ: ބެކްޕެކަށް ލެވޭ ކަހަލަ އީ-ސްކޫޓަރެއް

16 މެއި 2020

ތަންތަނަށް ދަތުރުކުރާ އިރު ގިނަ ބަޔަކު މިހާރު ބޭނުންކުރާ ބެކްޕެކްތަކަށް ލެވޭ ވަރުގެ ކުޑަ އީ-ސްކޫޓަރެއް ޖަޕާނުން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަންތަނަށް ދަތުރުކުރާ އިރު ގިނަ ބަޔަކު މިހާރު ބޭނުންކުރާ ބެކްޕެކްތަކަށް ލެވޭ ވަރުގެ ކުޑަ އީ-ސްކޫޓަރެއް ޖަޕާނުން ދައްކާލައިފި އެވެ.

"ޕޮއިމޯ" ގެ ނަން ދީފައިވާ މި ކަރަންޓް ސްކޫޓަރަކީ އިލެކްޓްރިކް ޕަމްޕެއް މެދުވެރިކޮށް މިނިޓެއްގެ ތެރޭގައި ފުލްކޮށް ޗާޖްކޮށްލެވޭނެ އެއްޗެކެވެ.

މި ސްކޫޓަރު އުފެއްދި ޓޯކިއޯ ޔުނިވަސިޓީން ބުނިގޮތުގައި މިއީ ގެންގުޅެން ފަސޭހަ އަދި ކުރު ދަތުރުތަކަށް ބޭނުންކޮށްލެވޭނެ ވަރަށް ރަނގަޅު އެހީއަކަށް ވާނެ އެވެ. އެތަނުން ބުނިގޮތުގައިި "ޕޮއިމޯ" ގެ މައިގަނޑު މަގުސަދަކީ އެކްސިޑެންޓްތަކުން ރައްކާތެރިކޮށް ދިނުމެވެ.

ބަރުދަނުގައި 5.5 ކިލޯ ހުންނަ އަދި އިށީނދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްކޫޓަރުގައި ހިމެނެނީ ދެ ފުރޮޅާއި ކަރަންޓް މޯޓަރަކާއި ބެޓަރިއަކާއި ވަޔަލެސްކޮށް ބޭނުންކުރާ ހެންޑްލްބާއެކެވެ. "ޕޮއިމޯ" އުފައްދާފައި ވަނީ ތާމޯޕްލާސްޓިކް ޕޮލިރިތޭން (ޓީޕީޔޫ) ބޭނުންކޮށްގެންނެވެ. އެހެންވެ މި ބޭނުންކުރުމުގެ ކުރިން ޖެހޭނީ، ސްކޫޓަރުގެ އޮނިގަނޑު "ރޫހު" ގެންނަން ފުއްޕާހަމަކަށް ވައިޖަހާހެން ވައިޖަހާލާށެވެ.

"ޕޮއިމޯ" އުފެއްދި ޓޯކިއޯ ޔުނިވަސިޓީގެ ޓީމްގައި ހިމެނޭ ރިއޫމާ ނިޔާމާ ވިދާޅުވީ އީ-ސްކޫޓަރު ބޭނުންކުރުމުގައި ޖަޕާނާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަދި ހަރުދަނާ އުސޫލުތަކެއް ހަމަޖެހިފައި ނެތް ނަމަވެސް މިފަދަ އުފެއްދުންތައް ވެގެން ދާނީ ކުރިމަގުގައި އެއްގަމު ދަތުރުފަތުރުގައި މުހިއްމު ވަސީލަތަކަށް ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަން މުސްތަގުބަލުގައި ޕޮއިމޯ ކަހަލަ ތިމާވެއްޓާ ރައްޓެހި މިފަދަ އުފެއްދުންތަކުގެ ބޭނުންތެރިކަން ބޮޑުވާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.