Roadha Mihaaru
އަލިފާން ނިއްވާ ކުޑަ އުޅަނދެއް ޕެނަސޮނިކުން ހަދައިފި

އަލިފާން ނިއްވާ ކުޑަ އުޅަނދެއް ޕެނަސޮނިކުން ދައްކާލައިފި

20 ޖެނުއަރީ 2020

ޖަޕާނުގެ ޕެނަސޮނިކް ކުންފުންޏަކީ އާންމުކޮށް ގޭތެރެ އަށް ބޭނުންވާ ތަކެތި އުފައްދާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޓީވީ އާއި އައިސްއަލަމަރީ އާއި ފްރިޖާއި އޭސީ އާއި މިހެން ގޮސް މި ބާވަތުގެ އެތައް އުފެއްދުމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގެ ޕެނަސޮނިކް ކުންފުންޏަކީ އާންމުކޮށް ގޭތެރެ އަށް ބޭނުންވާ ތަކެތި އުފައްދާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޓީވީ އާއި އައިސްއަލަމަރީ އާއި ފްރިޖާއި އޭސީ އާއި މިހެން ގޮސް މި ބާވަތުގެ އެތައް އުފެއްދުމެކެވެ.

މީގެ އިތުރުން އެ ކުންފުންޏަކީ ރިޗާޖްކުރެވޭ ބެޓެރި އުފެއްދުމުގައި ވެސް އަރާހުރި ކުންފުންޏެވެ. މި ފަހަރު މިއޮތީ މިކަހަލަ ބެޓެރިއާ ގުޅުވައިގެން ޕެނަސޮނިކުން ގެނެސްދިން އަލިފާން ނިއްވާ ކުޑަކުޑަ އުޅަނދެއްގެ ވާހަކަ އެވެ. މިއަށް ދީފައިވާ ނަމަކީ ޓްރޮޕޯސް އެފްއާރްވީ (ފަޔަ ރިޗާޖް ވެހިކަލް) ފަޔާ ޓްރަކެވެ.

އެމެރިކާގެ ޓްރޮޕޯސް މޮޓޯސްއާ ގުޅިގެން އުފައްދާވައިވާ މި އުޅަނދުގެ ހާއްސަ ކަމަކީ ބެޓެރީގެ ހަކަތައިން ދުއްވުމާއި އަލިފާނުގެ ހާދިސާތައް ހިނގާ ހަނިހަނި ގޯޅި ފަދަ، ތާށިކޮށް ހުންނަ ތަންތަނަށް ފަސޭހަކަމާ އެކު، ވަދެ، އަލިފާން ނިއްވުމުގެ މަސައްކަތްކުރުމެވެ.

މިއީ އަލިފާން ނިއްވާ ބޮޑެތި އުޅަނދުތަކަށް ނުވަދޭ، ހަނި މަގުތަކާއި ގޯޅި ފަދަ ތަންތަނުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް، އެންމެ ފުރަމަ މަރުހަލާގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. ޓްރޮޕޯސް އެފްއާރްވީގެ ދިގުމިނުގައި ހުންނަނީ 6 ފޫޓް 6 އިންޗި އެވެ. ފުޅާ މިނަކީ 4 ފޫޓް 6 އިންޗި އެވެ. އެހެންވެ މިއީ ޕާކްކުރަން ވެސް ފަސޭހަ އެއްޗެކެވެ.

ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ދަތުރުކޮށްލެވޭ މި އުޅަނދު އެއް ފަހަރު ފުލްކޮށް ޗާޖްކޮށްލައިގެން 120 މޭލަށް ދަތުރުކުރެވޭނެ އެވެ. އަދި މީގައި 125 ގެލަންގެ ފެން ރައްކާކުރެވެ އެވެ. ފެން ޕަމްޕް މަސައްކަތްކުރަނީ ގޭހުގެ އެހީގަ އެވެ.

އެމެރިކާގެ ލަސް ވެގަސްގައި މިދިޔަ ހަފުތާގައި ބޭއްވި ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯގައި ދައްކައިލި ޓްރޮޕޯސް އެފްއާރްވީގެ އަގަކީ 50،000 ޑޮލަރެވެ.

މި އުފެއްދުމާ ބެހޭ ގޮތުން ޕެނަސޮނިކްގެ އޮޓޮމޯޓިވްސް ޑިރެކްޓަރު ސްކޮޓް މޮރިސަން ވިދާޅުވީ ޓްރޮޕޯސް މޮޓޯޒްއާ ގުޅިގެން ބޭނުން ވަނީ މި ޒަމާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު، ފަސޭހައިން ބޭނުންކޮށްލެވޭ ޒާތުގެ ކުދި އުޅަނދުތައް މާކެޓަށް ނެރެން ކަމަށެވެ. އަދި މިއީ މިހާރު ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެއް ކަމަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ނެރުން. އަނެއް ކަމަކީ ފަސޭހަ އިން ބޭނުންކޮށްލެވޭ، ގެންގުޅެން ފަސޭހަ އެއްޗެހި އުފެއްދުން،" ސްކޮޓް ވިދާޅުވި އެވެ.