Roadha Mihaaru
އެޗްޕީއޭއިން ދިން ލުއިތަައް ބައެއް ރިސޯޓްތަކުން ނުދިން!

އެޗްޕީއޭއިން ދިން ލުއިތަައް ބައެއް ރިސޯޓްތަކުން ނުދިން!

25 އޮކްޓޯބަރ 2021

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނައިރު އެޗްޕީއޭއިން ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދީފަ އެވެ. މީގެ ތެރޭގައި ބައެއް ރަށްތަކަށް ޕީސީއާރު ޓެސްޓެއް ނެތި ދަތުރު ކުރުމާއި ޕީސީއާރު ހެދުމަށް ފަހު ނެގެޓިވް ނަތީޖާއާ އެކު ރަށްތަކަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް ބައެއް ރިސޯޓުތަކުން އެ ނިންމުމަށް އަމަލު ނުކުރާތީ، ރިސޯޓްތަކުގެ ބައެއް މުވައްޒަފުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނައިރު އެޗްޕީއޭއިން ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދީފަ އެވެ. މީގެ ތެރޭގައި ބައެއް ރަށްތަކަށް ޕީސީއާރު ޓެސްޓެއް ނެތި ދަތުރު ކުރުމާއި ޕީސީއާރު ހެދުމަށް ފަހު ނެގެޓިވް ނަތީޖާއާ އެކު ރަށްތަކަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް ބައެއް ރިސޯޓުތަކުން އެ ނިންމުމަށް އަމަލު ނުކުރާތީ، ރިސޯޓްތަކުގެ ބައެއް މުވައްޒަފުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއްގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާ އަކީ އޮފް ޑޭގައި ރިސޯޓުން ބޭރަށް ނުދެވޭ ކަމުގެ ޝަކުވާ އެވެ. ބައެއް ރިސޯޓުތަކުން އޮފް ޑޭގައި ރިސޯޓުން ބޭރަށް ދިއުން އެއްކޮށް މަނާކޮށްފައިވާއިރު ބައެއް ރިސޯޓުތަކުން އޮފް ޑޭ އަށް ދިއުމަށް ހުރަސް ވެސް އަޅަމުންދާ ކަމަށް، މި ނޫހާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނެ އެވެ.

ރިސޯޓް މުވައްޒަފަކު ބުނީ މުވައްޒަފުންނަށް އޮފް ދުވަހު ރިސޯޓުން ބޭރަށް ނުދެވޭނެ ކަން އެ ރިސޯޓްގެ މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އަދި މިހާރު މަދު މުވައްޒަފުންކޮޅެއް އެ ރިސޯޓްގައި ތިބޭތީ، ގިނަ ވަގުތު މަސައްކަތް ކުރުވާ ކަމަށާއި ޗުއްޓީ ދޭން ވެސް ދެކޮޅު ހަދާ ކަމަށް އޭނާ ބުންޏެވެ.

"މެނޭޖްމަންޓުން އަންގައިފައި އޮތީ އޮފްޑޭގައި ނުދެވޭނެއޭ. ވަރަށް ގިނަ ދުވަސް ވެއްޖެ ރަށަށް ނުދެވޭތާ. ދަންޏާ ދާން ޖެހެނީ ޗުއްޓީ ނަގައިގެން. އެކަމަށް ވެސް އެތައް ބަހަނާއެއް ދައްކާ. މަދު ސްޓާފުންނާ އެކު ބުރަކޮށް މަސައްކަތް ކުރުވިޔަސް މައްސަލައެއް ނެތް. އެކަމަކު އޮފް ޑޭ އަށް ރަށަށް ދެވެން ޖެހޭނެ،" ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

ރިސޯޓުތަކުން އޮފް ޑޭ އަށް ނުފޮނުވާ ކަމުގެ ޝަކުވާތައް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އަށް ވެސް ވަނީ ލިބިފަ އެވެ. އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މައުރޫފް (މާއްޓެ) ވިދާޅުވި ގޮތުގައި ރިސޯޓު މުވައްޒަފުންގެ ފަރާތުން އެންމެ ގިނައިން މިހާރު ލިބެނީ އޮފް ޑޭ އަށް ނުފޮނުވާ ކަމުގެ ޝަކުވާތަކެވެ. އަދި މިއީ އެޗްޕީއޭގެ ގަވާއިދާއި ހިލާފުވުން ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އޭނާ ވަނީ ރިސޯޓުތަކަށް ގޮވާލައްވައިފަ އެވެ.

މާއްޓެ ވިދާޅުވީ ހުރިހާ މުވައްޒަފުން ވެކްސިން ހަމަކޮށްފައިވާ ރިސޯޓުތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާ ކަމަށެވެ. އެގޮތުން، ބައެއް ރިސޯޓުތަކުން އޮފް އަށް ފޮނުވި ނަމަވެސް އެނބުރި އައިސް ކަރަންޓީންވާން ޖެހުމާއި ކަަންޓީނުގެ މުއްދަތުގައި ކޮންމެ ދުވަހަކު ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑެތި ރިސޯޓުތަކުން ވެސް އޮފް ދެނީ އޮފަށް ގޮސް އައިސް ކަރަންޓީން ވާން ޖެހޭ ގޮތަށް. ބައެއް ރިސޯޓުތަކުގައި ހަތް ދުވަހު ކަރަންޓީން ވާން ޖެހޭ އިރު އަނެއްބައި ރިސޯޓުތަކުގައި 14 ދުވަސް ހަމަކުރަން ޖެހޭ. ކަރަންޓީންގެ ކޮންމެ ދުވަހަކު ޕީސީއާރު ޓެސްޓު ހަދަން ޖެހޭ. ކަރަންޓީން މުއްދަތު ވެސް ހިމަނަނީ އެނުއަލް ލީވްގެ ތެރޭގައި،" މާއްޓެ ވިދާޅުވި އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓު ނަތީޖާއާ އެކު މިހާރު ދަތުރު ކުރެވޭނެ އެވެ. މިގޮތަށް ނެގެޓިވް ނަތީޖާއާ އެކު ދާނަމަ ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.

ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެއްވެސް މުވައްޒަފަކަށް ޗުއްޓީ ނުލިބޭނެ ކަމަށް އެ ރިސޯޓުގެ މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އަދި އަހަރީ ޗުއްޓީ ވެސް ބައެއް މުވައްޒަފުންނަށް މި އަހަރު ނުދޭ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ ސްޓާފުން މިތިބީ ވެކްސިން ޖަހައިގެން. އެކަމަކު އެއިން ވެސް އަޅުގަނޑުމެންނަށް ވި ފައިދާއެއް ނެތް. އެއް ދުވަހަށް ރަށަށް ގޮސްފައި އަންނަން ވެސް މިތަނުން ދޫނުކުރޭ މިހާ ބުރަކޮށް މަސައްކަތް ކުރާއިރު ވެސް،" އޭނާ ބުންޏެވެ.

ރިސޯޓު މުވައްޒަފުންނާއި ޓީމް އިން އެދެނީ ހުރިހާ ރިސޯޓުތަކުން ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މުވައްޒަފުންނަށް އޮފް ދުވަހާއި ޗުއްޓީ ދިނުމަށެވެ. އަދި މިގޮތަށް އަމަލު ނުކުރާ ރިސޯޓުތަކަށް ޓޫރިޒަމް މިނިސްޓްރީން ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު އެދެ އެވެ.