Roadha Mihaaru
ކޮމިޓީ މަސައްކަތް އަވަސްކުރަން ނަޝީދު އެދިވަޑައިގެންފި

މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް އަވަސްކުރަން ނަޝީދު އެދިވަޑައިގެންފި

25 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް 33 ބިލެެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށާއި އެ ބިލުތަކުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީތަކުން އަވަސްކުރަން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް 33 ބިލެެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށާއި އެ ބިލުތަކުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީތަކުން އަވަސްކުރަން އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް މަޖިލީހަށް ފޮނުވިޔަސް، މިހާރު ހުރި ބިލުތަކުގެ މަސައްކަތް ނުނިމޭ ނަމަ މަޖިލީހުގެ މަސައްކަތްތައް މުޅިން ނިންމަން ދަތިވާނެ ކަަމަށެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ކުރިން ބުނެފައިވާ 32 ބިލުގެ ތެރެއިން ހަަތަރު ބިލެއް ފިޔަވައި އެހެން ބިލުތައް އަދިވެސް ނުލިބޭ ކަމަށް އެމަނިކުފާނު މިދިޔަ ހަފްތާގައި ވިދާޅުވި އެވެ. އެހެން ވިދާޅުވުމުން، ސަރުކާރުން ފޮނުވަން ޖެހޭ ބިލުތައް ނުފޮނުވައިގެން މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތީ ކަމަށް ހީވާ ކަމަށެވެ. އެހެން ނަމަވެސް ކޮޮމިޓީތަކުގައި ގިނަ ބިލުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވެފައިވާ ބިލުތައް އެބަހުރި ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.

ކޮމިޓީ މަރުހަލާގައި ހުރި ބިލުތަކުގެ ތަފްްސީލު ދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ކޮމިޓީގެ މަސައްކަތް އިތުރުކުރުން މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެންނަށް [މަޖިލީހުގެ ތަޅުމުގައި ކުރަން ހުރި] މަސައްކަތް މަދުވީ ނަމަވެސް ކޮމިޓީ ވަގުތުގައި މަސައްކަތް އިތުރުކުރުން ބޭނުންތެރިކަމަށް އަޅުގަނޑަށްް ފެންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ހިނގާ ތިން ވަަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވީ އޮގަސްޓް 16 ގަ އެވެ. އެއީ ގާނޫނީ އަދި ޝަރުއީ ދާއިރާ އާއި ދީނީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުން ހުރި ބިލުތަކެއް ކަމަށް އޭޖީ އޮފީހުން އޭރު ބުންޏެވެ.

އެ ލިސްޓުގައިވާ މުހިއްމު ބިލުތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލާއި ހަކަތައިގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.

މި ދައުރުގައި ސަރުކާރުން މިހާތަނަށް ހުށަހެޅި ހަތަރު ބިލަކީ ހެއްކާ ބެހޭ ބިލާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތުތަކާބެހޭ ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ 19 ވަނަ މަޖިލީހަށް ސަރުކާރުން މިހާތަނަށް ހުށަހެޅި ބިލުތަކުގެ އަދަދަކީ 102 އެވެ. އޭގެ ތެރެއިން 27 ބިލެއް ފިޔަވައި ހުރިހާ ބިލެއްގެ މަސަައްކަތް މަޖިލީހުން ވަނީ ނިންމައިފަ އެވެ.