Roadha Mihaaru
ކަނޑަށް ވެއްޓި ގެއްލުނު ކުއްޖާ ހޯދުން ހުއްޓާލައިފި

ކަނޑަށް ވެއްޓި ގެއްލުނު ކުއްޖާ ހޯދުން ހުއްޓާލައިފި

23 އޮކްޓޯބަރ 2021

މި މަހުގެ 16 ވަނަ ދުވަހު ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދަން ހަފުތާއެއް ވަންދެން މަސައްކަތް ކުރިއިރު ވެސް ނުފެނުމުން، ހޯދުން ހުއްޓާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހުގެ 16 ވަނަ ދުވަހު ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދަން ހަފުތާއެއް ވަންދެން މަސައްކަތް ކުރިއިރު ވެސް ނުފެނުމުން، ހޯދުން ހުއްޓާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ޑްރީމް" ލޯންޗަށް ރާޅެއް އަރައި އޭގައި އިން ކުޑަކުއްޖަކު ގެއްލުނު ހާދިސާއާ ގުޅިގެން ކޯސްޓްގާޑުން މިހާތަނަށް ކަނޑުމަތިންނާއި ވައިގެ މަގުން 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެ ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައި ނުވާތީވެ، އެ މަސައްކަތް "ސަސްޕެންޑް" ކުރެވިފައިވާ ކަމަށެވެ.

މުޅި ރާއްޖެ އަށް ކުރި ގަދަ ވިއްސާރައިގައި ވަރަށް ކަނޑުގަދަ ވެފައި ވަނިކޮށް، މާލެ އިން ފުރައިގެން ވ. ފުލިދޫ އަށް ދަތުރުކުރަމުން ދަނިކޮށް ހިނގި ކަނޑުމަތީގެ ހާދިސާގައި އުމުރުން އެންމެ ހަތަރު އަހަރުގެ ޖުޔަލް ޖިނާހު ގެއްލުނީ ލޯންޗަށް ބޮޑު ރާޅެއް ޖެހުމުން ކަނޑަށް ވެއްޓިިގެންނެވެ. އެ ހާދިސާގައި އެކުއްޖާގެ މަންމަ މަރިޔަމް ނާހިދާ، 33، ވަނީ މަރުވެފަ އެވެ.

އެ ހާދިސާ ހިނގީ އެމްއެންޑީއެފުން އޭރު ބުނެފައިވާ ގޮތުގައި މާލެ އަތޮޅު އޮޅުވެލި ރިސޯޓުގެ އިރުދެކުނުން އެއް ނޯޓިކަލް މޭލު ދުރުގަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ގެއްލުނު ކުއްޖާ ލައިގެން އިނީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށެވެ.

އޭރުން ފެށިގެން ސިފައިން ވަނީ ކުއްޖާ ފެނޭތޯ އެ ސަރަހައްދު ބަލައިފަ އެވެ. އެ ހިސާބުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އަންގަން ވަނީ އެދިފަ އެވެ.