Roadha Mihaaru
ފަރަށް އެރި ފަހުން ވެސް ދޯނީގައި ކައްޕި ހުރި؟

ފަރަށް އެރި ފަހުން ވެސް ދޯނީގައި ކައްޕި ހުރި؟

06 ޖެނުއަރީ 2020

މާލެ އަތޮޅު ކަގި ފަރަށް އިއްޔެ އެރި ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް، ގެއްލިގެން ހޯދާއިރު، އެ ދޯނި ފަރަށް އެރިފަހުން ވެސް ތިން މީހަކު ދޯނީގައި ތިބި ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެ އަތޮޅު ކަގި ފަރަށް އިއްޔެ އެރި ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް، ގެއްލިގެން ހޯދާއިރު، އެ ދޯނި ފަރަށް އެރިފަހުން ވެސް ތިން މީހަކު ދޯނީގައި ތިބި ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

މުދާ އުފުލާ "ޓީޓީއެސް ފާނަ" ދޯނިން ދަތުރުކުރީ ހދ. ކުޅުދުއްފުށި، ހަވީރީނާޒް، މުހައްމަދުގެ އިތުރުން ދެ ބިދޭސީއެކެވެ. ކައްޕި ގެއްލުނު ކަން އެ ދެ މީހުން ސިފައިންނަށް ރިޕޯޓްކުރީ މިއަދު ހެނދުނެވެ. އޭރު ވެސް ދޯނި ފަރަށް އެރިކަން ނާންގާ ކަމަށާއި އެކަން އެނގުނީ މުހައްމަދު ގެއްލުނު ކަމަށް ބުނާ ސަރަހައްދަށް ދިއުމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދޯނި ފަރަށް އެރިތާ މާ ފަހުން ސިފައިންނަށް ރިޕޯޓްކުރުމާއި ކައްޕި ގެއްލުނު ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ މޫދަށް ވެއްޓުނީ ކަމެއް ނުވަތަ އަމިއްލަ އަށް މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނީ ކަމެއް ވެސް ސާފެއް ނުވެ އެވެ. ދޯނި ފަރަށް އެރި ވަގުތެއް ވެސް ނޭނގެ އެވެ. އެއްވެސް މުދަލެއް ފެންނަން ނެތް އެ ދޯނި މާލެއާ ދިމާލަށް މިސްރާބު ހުރީ ކޮން ދިމާލަކުން ފުރައިގެން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ކައްޕި ގެއްލުމާ ގުޅޭ ގޮތުން ސުވާލު އުފެދޭ ކަންކަން "މިހާރު" އިން ރިޕޯޓްކޮށްފައި.

އެކަމަކު، ބޯޓު އުރިފައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ލޯންޗެއްގެ ކައްޕިއަކު ނަން ހާމަނުކުރަން އެދި "މިހާރު"އަށް މިރޭ ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގިކަން މިއަދު ހެނދުނު ބިދޭސީން ރިޕޯޓްކުރި ނަމަވެސް ދޯނީގައި ތިބި މީހުންނާ އިއްޔެ މެންދުރެއްހާ އިރު އޭނާ ވާހަކަ ދެއްކި ކަމަށެވެ. އޭރު އޭގައި ތިން މީހުން ތިބި ކަން އޭނާ ޔަގީންކޮށްދެ އެވެ. ދޯނި އުރިފައި އޮއްވައި އޭނާ ނަގާފައިވާ ފޮޓޯ އިން ވެސް އޭގައި ތިން މީހަކު ތިބި ތަން ފެނެ އެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ދޯނީގެ ކޮޅުފަސްކޮޅުގައި ދެ މީހުން ތިބި އިރު ވީލްހައުސް ކައިރީގައި އެކަކު ހުއްޓެވެ.

އޭނާ ލަފާކުރާ ގޮތުގައި ތިން ވަނަ މީހަކަށް އޭރު ދޯނީގައި ހުރީ ކައްޕި ކަމަށް ވެދާނެ އެވެ.

"ލޯންޗުގައި އަހަރެން ދަނިކޮށް، ފަރަށް އަރާފައި އޮތް ތަން ފެނުނީމަ އެހީއަކަށް ބޭނުންވޭތޯ އެހީ. އޭރު އެންމެންގެ ހާލު ވެސް ރަނގަޅު،" އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު އެހިން ދޯނީގައި އެއްވެސް މީހަކަށް އަނިޔާއެއް ކަމެއް ވެފައި އެބަހުރިހޭ؟ އެއްވެސް އެހީތެރިކަމެއް ބޭނުންހޭ. އެ މީހުން ބުނީ ނޫނެކޭ ރަނގަޅޭ."

އެ ވަގުތު ކޯސްޓުގާޑަށް ނުގުޅީ، އޭނާ ބުނިގޮތުގައި، ދޯނީގައި ތިބި މީހުން ވާހަކަ ދެއްކި ގޮތުންނާއި އެ ސަރަހައްދުގައި އެހެން ދޯންޏެއް އޮތުމާ އެކު އެ މީހުން ގުޅައިގެން އުޅޭ ކަމަށް ބަލައިފަ އެވެ.

މާލެ އަތޮޅު ކަގި ނަމަކަށް ކިޔާ ފަރަށް އިއްޔެ އުރުނު ދޯނީގައި ތިން މީހަކު ތިއްބައި ނަގާފައިވާ ފޮޓޯއެއް.

މާލެ އަތޮޅު ކަގި ނަމަކަށް ކިޔާ ފަރަށް އިއްޔެ އުރުނު ދޯނީގައި ތިން މީހަކު ތިއްބައި ނަގާފައިވާ ފޮޓޯއެއް.

"އަޅުގަނޑު ހީކުރީ އެ މީހުން ގުޅައިގެންނޭ އެ އުޅުނީ. ދޯނީގެ ކައިރިއަށް މިހާރު ކޯސްޓުގާޑު އަންނާނެއޭ، އެހާވެސް ހަމަޖެހިފައި އެ މީހުން ތިބީ،" ކައްޕި ބުންޏެވެ.

މި ހާދިސާއާ ގުޅިގެން "މިހާރު" އިން ވާހަކަ ދެއްކި ބައެއް ކައްޕިން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދަށް ދޯނި އުރުމަކީ ވަރަށް ނުވާނެ ކަމެކެވެ. އާއްމުކޮށް ދަތުރުކުރާ ކައްޕިއެއް ނަމަ ފަރިތަކަމާ އެކު މާލެ އަތޮޅަށް ވަންނާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މުހައްމަދު ހޯދަން ކޯސްޓުގާޑުގެ ޑައިވަރުން އަންނަނީ އެ ސަރަހައްދުގައި ފީނަމުންނެވެ. އެ ތަނުން މިހާތަނަށް ފެނުނީ ބޮކްސާ ވައްތަރުގެ ސޯޓަކާއި މާސްކެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ ކައްޕިގެ އެއްޗެހި ކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ.

މުހައްމަދު ހޯދަން ސިފައިން ޑައިވްކުރަމުން ދިޔައިރު ދެ ބިދޭސީން ތިބީ ދޯނީގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.