Roadha Mihaaru
އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ވެސް ގަބޫލެއްނުކުރާނެ

އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ވެސް ގަބޫލު ނުކުރަން ނިންމައިފި

06 ޑިސެމްބަރ 2016

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވިސާ އަށް ބޭނުންވާ މެޑިކަލް ރިޕޯޓް އެންމެ ގިނަ އަދަދަކަށް ހަދައިދޭ އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ވެސް ގަބޫލުނުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވިސާ އަށް ބޭނުންވާ މެޑިކަލް ރިޕޯޓް އެންމެ ގިނަ އަދަދަކަށް ހަދައިދޭ އޭއެމްޑީސީގެ މެޑިކަލް ރިޕޯޓް ވެސް ގަބޫލުނުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ބިދޭސީންނަށް ހަދައިދޭ މެޑިކަލް ރިޕޯޓް ގަބޫލުނުކުރަން އިމިގްރޭޝަނުން ނިންމިކަން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

އޭއެމްޑީސީގެ ފަރާތުން ވާހަކަދެއްކި މީހަކު މިއަދު ބުނީ އިމިގްރޭޝަންގެ ނިންމުމާ ގުޅިގެން ބިދޭސީންގެ މެޑިކަލް ރިޕޯޓް ހަދައިދިނުން މި ވަގުތު ހުއްޓާލާފައިވާ ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ރިޕޯޓްގެ މައްސަލަ ކުރިމަތިވެގެން މި އުޅެނީ ނުރައްކާތެރި ބަލިތައް ހުރި މީހުންނަށް ނުބައި ރިޕޯޓްތައް ހަދައިދޭކަމުގެ ތުހުމަތުތައް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ. އެކަމަކު އޭޑީކޭ އާއި އޭއެމްޑީސީގެ މެޑިކަލް ރިޕޯޓްތައް ގަބޫލުނުކުރަން ނިންމި ސީދާ ސަބަބެއް އިމިގްރޭޝަނަކުން ނުބުނެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު ރޭ ހަމައެކަނި ވިދާޅުވީ އެގޮތަށް ނިންމީ ބަލަމުން ދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. "މައްސަލައިގެ ތަހުގީގަށް ފަހު ދާއިމީ ނިންމުމަކަށް ވެސް ވެދާނެ،" އަންވަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ބިދޭސީންގެ ވިސާ އަށް އޭޑީކޭ އިން ހަދާ އެއްވެސް މެޑިކަލް ރިޕޯޓެއް މިއަދުން ފެށިގެން އެ ޑިޕާޓްމަންޓުން ގަބޫލުނުކުރާނެ ކަމަށެވެ. އެ ދެންނެވުމުގައި އޭއެމްޑީސީގެ ނަމެއް ނެތެވެ. އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން ހަދާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރާނެކަން އިމިގްރޭޝަނުން އެ ހޮސްޕިޓަލަށް އަންގާފައި ނުވާ ކަމަށެވެ.

އިމިގްރޭޝަނުން ގަބޫލުކުރާ މެޑިކަލް ރިޕޯޓް މާލޭގައި މިވަގުތު ހަދަނީ ފަސް ތަނަކުންނެވެ. އެއީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ އާއި ކްރިސްޓަލް މެޑިކަލް އަދި އެޑްވާންސް މެޑިކަލް ކްލިނިކެވެ.