Roadha Mihaaru
އޭޑީކޭގެ މެޑިކަލް ރިޕޯޓް އަލުން ބަލައިގަންނަން ފަށައިފި

އޭޑީކޭގެ މެޑިކަލް ރިޕޯޓްތަައް އިމިގްރޭޝަނުން އަލުން ބަލައިގަންނަން ފަށައިފި

18 ޑިސެމްބަރ 2016

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލުކުރަން އިމިގްރޭޝަނުން އަލުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލުކުރަން އިމިގްރޭޝަނުން އަލުން ފަށައިފި އެވެ.

ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ އާއި އޭއެމްޑީސީން ހަދާ މެޑިކަލް ރިޕޯޓު ބަލައިގަތުން މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ މެެދުކަނޑާލައިފަ އެވެ. ނަމަވެސް އެ ޑިޕާޓްމަންޓުން މިއަދު އާއްމުކުރި، ބިދޭސީންގެ ވިސާ ހެދުމަށް ހުއްދަ ދޫކޮށްފައިވާ ލިސްޓުގައި އޭޑީކޭގެ ނަން ހިމަނާފައިވާއިރު އޭއެމްޑީސީގެ ނަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވިދާޅުވީ، އޭޑީކޭއިން ދޫކުރާ ބިދޭސީންގެ މެޑިކަލް ރިޕޯޓު ބަލައިގަންނާނެ ކަމަށް އިމިގްރޭޝަނުން އަންގާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލާ ގުޅޭގޮތް ނުވުމުން މިކަމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

އިމިގްރޭޝަނުން ގަބޫލުކުރާ މެޑިކަލް ރިޕޯޓް މާލޭގައި މިވަގުތު ހަދަނީ ހަ ތަނަކުންނެވެ. އެއީ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ އާއި ކްރިސްޓަލް މެޑިކަލް އަދި އެޑްވާންސް މެޑިކަލް ކްލިނިކެވެ. އަދި ބައެއް އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުން ދޫކުރާ މެޑިކަލް ރިޕޯޓު ވެސް އިމިގްރޭޝަނުން ބަލައިގަނެ އެވެ.

އެ ދެ ތަނުން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ފުލުހުންނާ ގުޅިގެން ބަލަމުން އަންނާތީ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.