Roadha Mihaaru
ވިސާ ޖަހަން އޭޑީކޭގެ މެޑިކަލް ރިޕޯޓް ގަބޫލެއް ނުކުރާނެ

ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ އިން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރަން ނިންމައިފި

05 ޑިސެމްބަރ 2016

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ ހޮސްޕިޓަލުން ދޫކުރާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ބިދޭސީންގެ ވިސާ ހެދުމަށް އޭޑީކޭ އިން ހަދާ އެއްވެސް މެޑިކަލް ރިޕޯޓެއް މާދަމާ އިން ފެށިގެން އެ ޑިޕާޓްމަންޓުން ގަބޫލު ނުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އެ ދެންނެވުމުގައި ބުނެފައެއް ނުވެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުން ހަދާ މެޑިކަލް ރިޕޯޓް ގަބޫލު ނުކުރާނެކަން އިމިގްރޭޝަނުން އަންގާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަސްމީކޮށް ތިކަން ހުއްޓާލި ކަމެއް އިމިގްރޭޝަނުން އަންގާފައެއް ނުވޭ. އަޅުގަނޑަށް ވެސް އެކަން އެނގުނީ ސޯޝަލް މީޑިއާ އިން،" އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުން ހަދައިދޭ މެޑިކަލް ރިޕޯޓަކާ ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް އިމިގްރޭޝަނުން ހުށަހަޅާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކުރީއްސުރެ ދެމުން އަންނަ ހިދުމަތެއް އެއީ. ކުއްލިއަކަށް މިކަން ބަދަލުވީ ކީއްވެގެން ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މިރޭ ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ ތަނަކުން ހަދައިދޭ މެޑިކަލް ރިޕޯޓް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ދެ ތަނެއް ކަމެއް އަދި އެ މައްސަލައިގެ ތަފުސީލެއް ވެސް އޭނާ ނުދެއްވަ އެވެ.

"މައްސަލައިގެ ތަހުގީގަށް ފަހު ދާއިމީ ނިންމުމަކަށް ވެސް ވެދާނެ،" އަންވަރު ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މެޑިކަލް ރިޕޯޓް ބަލައި ނުގަތުމަށް ނިންމާފައިވާ ދެވަނަ ތަނަކީ ކޮބައިކަން ސާފުވާ ގޮތެއް އަދި ނުވެ އެވެ.