Roadha Mihaaru
ވޯކް ވިސާގައި އައި ބިދޭސީން 75 ޕަސެންޓް މަދު

ވޯކް ވިސާގައި އަލަށް އައި ބިދޭސީންގެ އަދަދު 75 ޕަސެންޓް މަދު

25 ޖެނުއަރީ 2021

ވޯކް ވީސާގައި މިދިޔަ އަހަރު ރާއްޖެ އައި މީހުންގެ އަދަދު 75 ޕަސެންޓް މަދުވެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ވޯކް ވީސާގައި މިދިޔަ އަހަރު ރާއްޖެ އައި މީހުންގެ އަދަދު 75 ޕަސެންޓް މަދުވެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން އާންމުކުރި އެއާޕޯޓް މޫވްމެންޓްސްއާ ގުޅޭ ތަފާސް ހިސާބުގައިވާ ގޮތުން މިދިޔަ އަހަރު 10،317 ބިދޭސީން ވޯކް ވީސާގައި އަލަށް ރާއްޖެ އެތެރެވެފައިވެ އެވެ. މިއީ 2019 ގައި ވޯކް ވިސާ ހޯދައިގެން ރާއްޖެ އައި މީހުންނަށް ވުރެ 75 ޕަސެންޓު ދަށް އަދަދެކެވެ. އެ އަހަރު 39،868 މީހުން އައި ކަމަށް 2019 ގެ ހިސާބުތަކުން ފެނެ އެވެ.

މި އަދަދު މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުކޮށް އިގްތިސާދީ މަސައްކަތްތައް ހުއްޓިފައި އެތައް މަހެއް ވަންދެން އޮންނަން ޖެހުމާއި އެހެން ގައުމުތަކުގައި ވެސް ބޯޑަރު ބަންދުކޮށް އެހެން ގައުމުތަކަށް މީހުން ދަތުރުކުރުން މަނާކޮށްފައި އޮތުމުން ކަމަށް ބެލެވެ އެވެ. ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ވެސް އެތައް ހާސް ބަޔަކު ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެ މީހުންގެ ގައުމަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 144،000 އަށް ވުރެ ގިނަ ކަމަށް އެންމެ ފަހުން ހާމަކޮށްފައި ހުރި ހިސާބުތަކުން ދައްކަ އެވެ.

އިމިގްރޭޝަނުން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު 611 ބިދޭސީއަކު ވަނީ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލައިފަ އެވެ. އަދި އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 26 މީހަކު ހިފެހެއްޓި ކަމަށް ވެސް އިމިގްރޭޝަންގެ ހިސާބުތަކުގައިވެ އެވެ.

ކޮވިޑް-19 ގެ ފެތުރޭތީ އެތައް މަހަކަށް ދަތުރުތައް ހުއްޓާލުމުންނާއި ރިސޯޓުތައް ހިންގުން ހުއްޓާލުމުން، ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ރާއްޖެ އަށް 2019 ވަނަ އަހަރު 1،702،887 ޓޫރިސްޓުން އައި އިރު، މިދިޔަ އަހަރު އައީ 555،499 ޓޫރިސްޓުންނެވެ. ކޮވިޑުން ރައްކާތެރިވާން އޭޕްރިލް އިން ފެށިގެން ޖުލައި މަހާ ހަމައަށް ބޯޑަރު ބަންދުކުރުމަށް ފަހު، ސަރުކާރުން މަސައްކަތްކުރަމުން ދިޔައީ އަހަރު ނިމުމުގެ ކުރިން މަދުވެގެން 500،000 ޓޫރިސްޓުން ހަމަކުރާށެވެ. އެ އަދަދު ވަނީ ހަމަވެފަ އެވެ.