Roadha Mihaaru
ބިދޭސީންނަށް އިމިގްރޭޝަންގެ އިންޒާރު: ސިޔާސީ ނުވާތި!

ބިދޭސީން ސިޔާސީ ކަންކަމުގައި އުޅޭ ނަމަ ފޮނުވާލާނެކަމުގެ އިންޒާރު ދީފި

08 ސެޕްޓެމްބަރ 2018

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ޓޫރިސްޓު ވިސާގައި އަންނަ މީހުން ރާއްޖޭގެ ސިޔާސީ އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިވާ ނަމަ ވިސާ ކެންސަލް ކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ޓޫރިސްޓު ވިސާގައި އަންނަ މީހުން ރާއްޖޭގެ ސިޔާސީ އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިވާ ނަމަ ވިސާ ކެންސަލް ކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދީފި އެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާގައި އުޅޭ ބިދޭސީނާއި ޓޫރިސްޓުން އެއްވެސް މިންވަރަކަށް ސިޔާސީ ކަމެއްގައި ހަރާތްތެރިވުމަކީ ވިސާ ދިނުމުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފި ފަރާތެއްގެ ވިސާ ކެންސަލްކުރަން ފަސްނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަވަރުކުރަން ނުވަތަ މޮނިޓަކުރަން އަންނަ ބޭރު މީހުންނަށް އަމާޒުކުރި އިންޒާރެއް ކަމެއް ނުވަތަ ރާއްޖޭގައި މިހާރު ވެސް ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންގެ އަމަލް ހުރި ގޮތުން ނެރުނު ބަޔާނެއް ކަމެއް ނޭނގެ އެވެ.

"އަޅުގަނޑުމެން އެދެނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ވެސް އަދި އެ މީހުން ލައްވައި މަސައްކަތްކުރުވާ ފަރާތުން ވެސް ރާއްޖޭގެ ގާނޫނުތަކަށާއި ގަވައިދުތަކަށް އިހުތިރާމްކުރާށެވެ،" އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ ގަވައިދުތަކާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމިގްރޭޝަންގެ އިންޒާރު މި ގޮތަށް އައިއިރު މާލެ އާއި ރަށްރަށުގެ މަގުތަކުގައި ޕީޕީއެމްގެ ދިދަފަތި ދެމުމާއި ކެމްޕޭން ޖަލްސާތައް ބާއްވަން ތަންތަން ތައްޔާރުކުރުން ފަދަ ކަންކަމުގައި ސަރުކާރު ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވެ އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އެތެރެވެ، ސިޔާސީ ބައެއް ހަރަކާތްތައް ކަވަރުކުރަން އުޅުނު ބޭރުގެ ނޫސްވެރިން އަނބުރާ ފޮނުވާލައިފަ އެވެ.