Roadha Mihaaru
އިންތިގާލީއިންސާފުގެ އޮފީހުން 449 މައްސަލައެއް ބަލަނީ

އިންތިގާލީ އިންސާފުގެ އޮފީހުން 449 މައްސަލައެއް ބަލަނީ، ގިނައީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް

18 އޮކްޓޯބަރ 2021

ރާއްޖޭގެ ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތައް ބެލުމަށް ގާނޫނަކުން ބޮޑެތި ބާރުތައްދީ އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް އެ އޮފީހުން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތައް ބެލުމަށް ގާނޫނަކުން ބޮޑެތި ބާރުތައްދީ އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް އެ އޮފީހުން ރޭ ބުނެފި އެވެ.

މައްސަލަ ހުށަހަޅަން ހުޅުވައިލި މުއްދަތުގައި އެ އޮފީހަށް 487 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބޯހިޔާވަހިކަމާ ބުޅޭ މައްސަލަތަކެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، 26 މައްސަލައެއް ނުބަލަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލައެއް ނުބަލަން ނިންމީ އިންތިގާލީ ކޮމިޝަނެއްގައި އެ މައްސަލަ ކުރިއަށް ގެންދާތީ އެވެ. އަދި ނުބަލަން ނިންމި މައްސަލަތަކުގެ ތެރެއިން ހަ މައްސަލައެއްގައި އިތުރު މައުލޫމާތު ހޯދަން ފޮނުވާފައިވާއިރު، އިތުރު ފަސް މައްސަލައެއްގެ ޝަރުއީ މަރުހަލާ ކުރިއަށް ގެންދާތީ އެ މަރުހަލާ ނިމުމުން ހުށަހަޅަން އެންގި ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ އިތުރު މައްސަލަތައް:

– ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލަ.

– މަސައްކަތް ކުރުމުގެ ހައްގާ ގުޅޭ 156 މައްސަލަ.

– ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލަ.

– އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރުމާ ގުޅޭ 26 މައްސަލަ.

– ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ.

– މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލަ.

– އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ ނުވަ މައްސަލަ.

– އިގްތިސާދީ އަދި އިޖުތިމާއީ ހައްގާ ގުޅޭ ގޮތުން ނުވަ މައްސަލަ.

– ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ ހަތް މައްސަލަ.

– މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ ހަ މައްސަލަ

– އުނގެނުމުގެ ހައްގާ ގުޅޭ ހަ މައްސަލަ.

– އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ ހަ މައްސަލަ.

އެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މީޑިއާއާ ހަމަ އަށް ތިލަވި، ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދުމާއި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމުގެ ސަބަބުން ލިބުނު ގެއްލުމާއި އއ. ކުރަމަތިން މީހުން ބަދަލުކުރުމާއި ސަލާމަތީ ބާރުތަކުން ޓީވީއެމަށް ވަނުމާއި ފެބުރުއަރީ 7، 2012 ގައި ވެރިކަން ބަދަލުވުމާ ގުޅޭ އިތުރު މައްސަލަތައް ހިމެނެ އެވެ.

މިދިޔަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.