Roadha Mihaaru
ރޯކޮށްލި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް

ދަނގެތީގައި ރޯކޮށްލި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް

17 އޮކްޓޯބަރ 2021

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މި ރަށަށް ތޮއްޑޫން ބަދަލުވެގެން އުޅުނު ދެ މީހަކަށް ތުހުމަތުކޮށް، ރޯކޮށްލި އެ މީހުންގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.

ނަޖާހް މަސްއޫދު އދ. ދަގަނގެތިން ނަޖާހް މަސްއޫދު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި މި ރަށަށް ތޮއްޑޫން ބަދަލުވެގެން އުޅުނު ދެ މީހަކަށް ތުހުމަތުކޮށް، ރޯކޮށްލި އެ މީހުންގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.

އެ ސައިކަލުގައި ބަޔަކު ރޯކޮށްލީ، އުމުރުން 57 އަހަރުގެ މަހުމޫދުގެ ހަށިގަނޑު އެއްލާލާފައި އޮއްވައި ފެނުމުން، އެ މަރުގެ ތުހުމަތު ފުރަތަމަ އެ ދެ މީހުންގެ ބޮލުގައި އަޅުވައި، ކުރި އަނިޔާތަކާއެކު، މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ދަނގެތީ ޕޮލިސް ސްޓޭޝަނަށް އެ މީހުން ގެންދިޔަ ފަހުންނެވެ. ބެލެވޭ ގޮތުގައި، ދަނގެތީގައި އެ ދެ މީހުން ދުއްވި ސައިކަލުގައި ރޯކޮށްލީ އެ މީހުންނާ މެދު އުފެދުނު ހިތްހަމަނުޖެހުމެއްގެ ތެރެއިންނެވެ.

އެ ސައިކަލު ފުލުހުން ގެންދިޔައީ މަހުމޫދުގެ މަރާ ގުޅޭތީ ކަމެއް ނުވަތަ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަހުގީގަށް ކަމެއް އަދި ނޭނގެ އެވެ. މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް އަދި ނެތެވެ.

ރޯކޮށް އެއްކޮށް ހަލާކު ކޮށްލާފައިވާ އެ ސައިކަލު ދަނގެތީ ޕޮލިސް ސްޓޭޝަނަށް މިރޭ ގެންދިޔައިރު، މަހުމޫދުގެ މަރުގެ މައްސަލައިގެ ތުހުމަތަށް ފުލުހުން އިއްޔެ ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ގޮވައިގެން ފުލުހުން ވަނީ އޭނާ އުޅުނު ގެ އަށް ގޮސް މަހުމޫދު ގެއްލުނު ފަހުން ސާލިމް އުޅުނު ގޮތް ކުޅުވައިފަ އެވެ.

ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ދެ މީހުންނަކީ މި މައްސަލައިގައި ރަށުގެ މީހުންގެ ތުހުމަތު އެންމެ ފުރަތަމަ އަމާޒުވި ދެ މީހުންނެވެ. މި ރަށުގެ މީހުން ދެކޭ ގޮތުގައި އެ ދެ މީހުން ފިޔަވައި އެ ވަރުގެ ކަމެއް ކުރަން ކެރޭނެ ބަޔަކު ނޫޅޭނެ އެވެ. އެ ދެ މީހުންނާއެކު އުޅޭ ތޮއްޑޫގެ އަންހެނަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެހެން އެ މީހުން ބުނަނީ ތޮއްޑޫން ބަދަލުވި ދެ މީހުންގެ ކުށުގެ މާޒީއާ ހެދި އެވެ. އެ ދެ މީހުންނަކީ ޑްރަގާއި މާރާމާރީއާ ގުޅުން ހުރި ކުށްތަކާ ހެދި ތޮއްޑޫން ބަޔަކު އަނިޔާކޮށް ބޭރުކޮށްލި ބައެކެވެ. އޭގެ ތެރެއިން އެކަކުގެ ބައްޕައަކީ ދަނގެތީގެ މީހެކެވެ.

ފުލުހުން އެ ދެ މީހުންނާއި އެ މީހުންނާއެކު އުޅޭ އަންހެން މީހާ ރަށުން ނެރުނީ ވެސް އާންމުންނަށް ނޭނގޭ ގޮތަށް ޕޮލިސް ސްޓޭޝަންގެ "ވަލުދޮރާށިން" ނެރެގެން ހުޅަނގު ފަރާތުނަ ފާލަމަށް އުޅަނދެއް ކައިރިކޮށްގެން ކަމަށް ވަނީ އެނގިފަ އެވެ. މިހާރު އެ މީހުން ތިބީ އެހެން މައްސަލައެއްގެ ތުހުމަތުގައި މަހިބަދޫގައި ހައްޔަރުކޮށްފަ އެވެ.

މަހުމޫދުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ކަމަށް މިހާތަނަށް ފުލުހުން ބުނެފައި ވަނީ ހަމައެކަނި ސާލިމްގެ މައްޗަށެވެ. ނަމަވެސް އޭނާ އަދި އެ ކަމަށް އެއްބަސްވި ކަމެއް ނޭނގެ އެވެ.