Roadha Mihaaru
ދަނގެތީގެ ވިޔަފާރިވެރިއަކު މަރާލާފައި އޮއްވައި ފެނިއްޖެ

ދަނގެތީގައި ވިޔަފާރިވެރިއަކު މަރާލައި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނިއްޖެ

14 އޮކްޓޯބަރ 2021

އދ. ދަނގެތީގައި އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިއަކު މަރާލައި ވަޅަކަށް ވައްޓާލާފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

އދ. ދަނގެތީގައި އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިއަކު މަރާލައި ވަޅަކަށް ވައްޓާލާފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް ދެންމެ ވިދާޅުވީ، އެ ރަށުގައި ހޮޓަލަކާއި ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅޭ، އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު މަރާލާފައި އޮއްވައި ފެނުނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ކަމަށެވެ.

"އޭނާ އަދިވެސް އޮތީ އެ ވަޅުގެ ތެރޭގައި،" މުއާވިޔަތު ވިދާޅުވި އެވެ.

ފުލުހުން ބުނީ، ދަނގެތީގައި ގޯންޏަކަށް ލައި އެއްލައިލާފައި އޮތް މީހަކު ފެނިފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

ދަނގެތީގައި މަހުމޫދު މަރާކައި ވައްޓާލާފައި އޮތް ވަޅު. -- ފޮޓޯ: މިހާރު

ދަނގެތީގައި މަހުމޫދު މަރާކައި ވައްޓާލާފައި އޮތް ވަޅު. -- ފޮޓޯ: މިހާރު

"އެ ސަރަަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވީ، މަހުމޫދަށް ވީނުވީއެއް ނޭނގި ގެއްލުނީ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗު ބަލަން އިނދެފައި ބޭރަށް ނުކުތް ފަހުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އޭނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ކައުންސިލަށް ލިބުނީ މިއަދު ހެނދު 10 ޖެހިއިރު. އޭނާ ފެނުނީ ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް،" ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ވިޔަފާރިވެރިޔާ މަރާލި ކަމުގެ ތުހުމަތުކުރެވޭ ދެ މީހަކު ރަށު ރައްޔިތުން ނުކުމެ މިހާރު ހައްޔަރުކޮށް ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން ދަނގެއްޗަށް ގޮސް އެ ރަށުގައި އުޅޭ ބައެކެވެ.

"އެތަނުން އެކެއްގެ އާއިލާގެ މީހަކު މި ރަށުގައި އުޅޭތީ އެ ދެ މީހުން ވެސް އުޅެމުން އައީ މި ރަށުގައި. މީގެ ކުރިން ވެސް މިރަށުން އެ ދެ މީހުން ގުޅިގެން ބޮޑު ވައްކަމެއް ކޮށްފައިވާ ކަމަށް މިހާރު ތުހުމަތުކުރެވޭ، ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.

ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މަހްމޫދު ގެއްލިގެން ހޯދަމުން ދިޔައިރު ވެސް އޭނާގެ ފޯނަށް ގުޅެ އެވެ. އެކަމަކު ފޯނަށް ގުޅުން ކެނޑުނީ މެންދުރު ފަހު ކަމަށްވެ އެވެ. އެ ފޯނު އަދިވެސް ނުފެނެ އެވެ.

މަރާލި މަހްމޫދުގެ އަންބަކާއި ހަތަރު ދަރިން ތިބޭ ކަމަށް އެނގިފައިވެ އެވެ.