Roadha Mihaaru
"ސްކްއިޑް ގޭމް" ކުރިން ހަދަން އުޅުނީ ފީޗާ ފިލްމަކަށް

"ސްކްއިޑް ގޭމް" ކުރިން ހަދަން އުޅުނީ ފީޗާ ފިލްމަކަށް: ޑައިރެކްޓަރު

18 އޮކްޓޯބަރ 2021

މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ނެޓްފްލިކްސްގެ ސީރީޒް "ސްކްއިޑް ގޭމް" އަކީ އެންމެ ފުރަތަމަ ފީޗާ ފިލްމަކަށް ހަދަން އުޅުނު އެއްޗެއް ކަމަށް އޭގެ ޑައިރެކްޓަރު ވަންގް ޑޮންގް-ހީކް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ނެޓްފްލިކްސްގެ ސީރީޒް "ސްކްއިޑް ގޭމް" އަކީ އެންމެ ފުރަތަމަ ފީޗާ ފިލްމަކަށް ހަދަން އުޅުނު އެއްޗެއް ކަމަށް އޭގެ ޑައިރެކްޓަރު ވަންގް ޑޮންގް-ހީކް ބުނެފި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީޒްގެ ރެކޯޑް ވެސް ހޯދި "ސްކްއިޑް ގޭމް" އާ ބެހޭ ގޮތުން ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު ބުނީ އެންމެ ފުރަތަމަ ހަދަން އުޅުނީ 2008 ގައި ހިސާބުގައި ކަމަށެވެ.

"އޭރު ސްކްރިޕްޓް ހިފައިގެން އެއަށް ފައިނޭންސް ކުރާނެ ބަޔަކު ވޭތޯ އުޅުނީ. އެކަމަކު އެކަން ކާމިޔާބު ނުވީމަ މަސައްކަތް ޖެހުނީ ހުއްޓާލަން." ވަންގް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަވައިވަލް ޑްރާމާއެއްގެ ގޮތުގައި ލިޔުނު "ސްކްއިޑް ގޭމް" ޕްރޮޑިއުސްކޮށް ދޭނެ ބަޔަކު ނުވުމުން ވަރަށް ބޮޑަށް ހިތްހަލާކުވި އެވެ. އަދި އޭގެ ފަހުން ދެން ގިނަ ވަގުތުތައް ހޭދަކުރީ ކޮމިކް ފޮތްތަކަށް ހާއްސަ ކެފޭތަކުގައި ކިޔުންތެރިކަމުގައި ކަމަށް ބުންޏެވެ.

"އެގޮތަށް ދުވަސްތައް ހޭދަކުރުމުގެ ތެރޭގައި އައި ހިޔާލެއް ހަގީގަތުގައި ސްކްއިޑް ގޭމްގައި މިހާރު އެ ގެނެސްދީފައި އޮތް ގޮތަށް ފައިސާ ހޯދަން މީހާގެ ނަފުސު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ވެސް ޖެހިލުން ނުވާ ބަޔަކު ތިބިކަން ދެއްކުމަކީ،" ވަންގް ބުންޏެވެ. "މީގައި އަހަރެންގެ އަމިއްލަ ތަޖުރިބާ ވަރަށް ބޮޑު. އަހަންނަކީ ފައިސާ ނެތިގެން ލެޕްޓޮލް ވެސް ވިއްކާލި މީހެއް. މާލީ ގޮތުން އަހަންނަށް ކުރިމަތިވި ގޮންޖެހުންތަކާއި ދެން ކުރިއަށް ދާން ފައިސާ ހޯދާނެ ގޮތްތަކަކަކީ ކޮބައިތޯ ކުރަމުން ދިޔަ ފިކުރު ތެރޭގައި މިހާރު މިއޮތް ގޮތަށް ސްކްއިޑް ގޭމްގެ ވާހަކަ އެއްކޮށް ބައްޓަން ވެގެން ދިޔައީ."

އޭނާ ބުނި ގޮތުގައި އެ ފީޗާ ފިލްމަކަށް ހަދަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ސްކްރިޕްޓް އަތުގައި އޮންނަތާ 10 ވަރަކަށް އަހަރު ފަހުން، އެ ހަދަން މަގުފަހިވި އިރު، ސްކްރިޕްޓަށް ބަދަލުތަކެއް ގެނައީ 2009 ގަ އެވެ.

"އޭރު ވެސް ހަމަ ބޭނުންވީ ފީޗާ ފިލްމެއް ހަދަން." ވަންގް ބުންޏެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އަށް "ސްކްއިޑް ގޭމް" ގެނައި އިރު މި ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކުރީ ވަންގް އަމިއްލައަށެވެ. އެހެންވެ މިދިޔަ މަހުގެ 17 ގެނެސްދިން ނުވަ އެޕިސޯޑްގެ ސީރީޒް މުޅި ދުނިޔޭގެ ސަމާލުކަން ލިބުމަކީ ކުރިން އުންމީދު ވެސް ނުކުރާ ކަމެއް ކަމަށް ބުންޏެވެ.

"އުފާކުރަން މިހާރު ސްކްއިޑް ގޭމް އެހާ ޝައުގުވެރި ސީރީޒެއްގެ ގޮތުގައި ގެނެސްދެވުނީމަ." އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން ނިންމާފައިވާ ޑައިރެކްޓަރު ބުންޏެވެ.

ވަންގް ބުނި ގޮތުގައި އަދިވެސް "ސްކްއިޑް ގޭމް" ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސް ދިނުމަކީ އޭނާގެ ސިކުނޑި ތެރޭގައި އެނބުރޭ ހިޔާލެކެވެ.