Roadha Mihaaru
އަހުސަންގެ މަރު: ޝަހުމް މަރަން ހުކުމްކޮށްފި

އަހުސަންގެ މަރު: ޝަހުމް މަރަން ހުކުމްކޮށް، ޝިމާޒް 15 އަހަރަށް ޖަލަށް

12 އޮކްޓޯބަރ 2021

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށާއި އެކަމުގައި އެހީތެރިވި މީހާ 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށާއި އެކަމުގައި އެހީތެރިވި މީހާ 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް 2014 ވަނަ އަހަރު ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އަދި އަދަބާ ބެހޭގޮތުން ދެ ފަރާތުން ވަނީ ވާހަކަ ދައްކައި ނިންމައިފަ އެވެ.

މި މައްސަލައަކީ މަރުގެ ތުންފަތް މަތީގައި އޮވެގެން މީހަކު ބުނި ބަސް (ޑައިން ޑިކްލަރޭޝަން) ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ބަލައިގަތް މައްސަލާގަ އެވެ. އަހުސަނަށް ހަމަލާދިނީ ޝަހުމާއި ޝިމާޒް ކަމަށް ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ ބުނެފައިވެ އެވެ. އަދި މިއީ މަރުގެ މައްސަލައެއްގައި ދަށު ކޯޓުން ކުށް ސާބިތުނުވެ، ސަލާމަތްވި މީހަކަށް ހައި ކޯޓުން މަރުގެ އަދަބެއް ކަނޑައެޅި ދެވަނަ މައްސަލަ ވެސް މެ އެވެ.

ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވިއިރު، ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާ އެވެ. ޝަހުމް މިހާރު ވެސް ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އަދަބު ކަނޑައެޅުމަށްޓަކައި ހައި ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އަހުސަން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަހުމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އިސްލާމީ ޝަރީއަތުގެ ދަށުން ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ހުކުމްކުރާ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

އަހުސަން ބަޝީރު

އަހުސަން ބަޝީރު

ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެއްވެސް ހައްގަކާ ނުލައި މީހުން މަރާ މީހުން އެފަދަ އަމަލުތައް ހިންގުމަށްފަހު ދިރިހުރުމުގެ ހައްގު ދެވިގެން ނުވާނެ ކަމަށެވެ. އަދި މީހުން މަރާ މީހުންނަށް އެއްވެސް އިސްތިސްނާއެއް ނެތި ދިރިހުރުމުގެ ހައްގު ލިބިދިނުމަކީ މުޖްތަމައުގައި އެފަދަ ކުށްތައް އާންމު ވެގެންދާނެ ސަބަބެއް ކަމަށް ވެސް ތިން ފަނޑިޔާރުން އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

"ކުށެއް ނެތި، އަނެކާ ގަސްދުގައި މަރާލުމަށްފަހު ތިމާއަށް ދިރިހުރުމުގެ ހައްގު އޮތް ކަމަކަށް ޝަރުއީ އަދި ގާނޫނީ ހަމައަކުން ނުބެލެވޭނެ. އިސްތިސްނާއެއް ނެތި މުތުލަގަށް އެގޮތަށް ދިރިހުރުމުގެ ހައްގު ލިބިދޭންޖެހޭ ކަމަށް ބަލަންވެއްޖެ ނަމަ، މުޖްތަމައުގެ އާންމު ހާލަތު ބިރުވެރިކަމާއި ނާމާންކަމަށް ބަދަލުވެގެންދާނެ." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ޝިމާޒަށް މަރުގެ އަދަބު ދެވޭ މިންވަރަށް ހެއްކެއް ނެތް

ޝިމާޒަކީ ހަމަލާދިން ތަނަށް ޝަހުމް ގޮވައިގެން ސައިކަލު ދިޔަ މީހާ އެވެ. އަދި އެ ހަމަލާއަށްފަހު ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔައީި ވެސް ޝިމާޒެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޝިމާޒްގެ މައްޗަށް ވެސް ކަނޑައެޅޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ބުންޏަސް، އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުގެ ތެރެއިން އޭނާއަށް މަރުގެ އަދަބު ދެވޭނެ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވަނީ އެ ކުށުގައި މެދު މިންވަރަކަށް ބައިވެރިވިކަން ކަމަށާއި އޭނާއަށް ދޭންޖެހޭނީ ޤާނޫނުލް އުގޫބާތުގެ ދަށުން މީހަކު މެރުމުގައި އެހީތެރިވުމުގެ އަދަބު ކަމަށް ޝިމާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ގާނޫނުލް އުގޫބާތު އޮތްގޮތުން ޝިމާޒްގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބެއްގެ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، ކުށްކޮށްފައިވާ ގޮތާއި މީހަކު މެރުމުގައި ބައިވެރިވުމާއި އެ ހަމަލާއަށް ފަހު ފިލައިގެން އުޅެފައިވާތީ އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ކަމަށެވެ. އެގޮތަށް އަދަބު މަތި ކުރުމަށް ފަހު އެ ކުށަށް ގާނޫނުގައި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި އޮންނަ 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި ޝިމާޒްގެ ޖަލު އަދަބު ތަންފީޒު ކުރަން ޖެހޭނީ އެހެން ކުށެއްގެ ހުކުމެއް އޭނާގެ މައްޗަށް އައިސްފައިވާ ނަމަ، އެ ހުކުމްތަކުގެ އަދަބާ ވަކިންނެވެ.

އެކަންކަން ފާހަގަކޮށް، ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޝަހުމާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމާބެހޭ އުސޫލުގެ ތެރެއިން ޝަހުމް މެރުމަށް ހުކުމް ކުރުމާ އެކު، ޝިމާޒް 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ޝަހުމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިއިރު، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެ ހުކުމް ޝަހުމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

ޝަހުމް މިހާރު އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ 2010 ވަނަ އަހަރު ޔޫތު ސެންޓަރު ކައިރީގައިި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލާގަ އެވެ.