Roadha Mihaaru
އަހުސަންގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރުގެ އަދަބު

އަހުސަންގެ މަރު: ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރުގެ އަދަބު

10 އޮކްޓޯބަރ 2021

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ގާތިލުންނަށް މަރުގެ އަދަބު ދޭން ބޭނުންވާ ކަމަށް އަހުސަންގެ ހުރިހާ ވާރިސުން ހައި ކޯޓުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ގާތިލުންނަށް މަރުގެ އަދަބު ދޭން ބޭނުންވާ ކަމަށް އަހުސަންގެ ހުރިހާ ވާރިސުން ހައި ކޯޓުގައި ބުނެފި އެވެ.

މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިިސާބުގައި 2011 ގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރަށް ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014 ގައި ނިންމާފައި ވަނިކޮށް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. ޝަހުމްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އެވެ. ޝަހުމް މިހާރު ވެސް ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މަރުގެ މަތީގައި އޮވެގެން ބުނި ބަސް (ޑައިން ޑިކްލަރޭޝަން) އަށް ރިއާޔަތްކޮށް، ރާއްޖޭގައި މަރުގެ މައްސަލައެއް ފުރަތަމަ ފަހަރަށް ސާބިތުވި އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ކުރިއަށް ދިޔައީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު

ދައުލަތުން ބުނީ އަހުސަންގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހައި ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެހެންވެ، އެ ހާދިސާ ހިނގި ދުވަސްވަރު އަމަލު ކުރަމުންދިޔަ ކުރީގެ ޤާނޫނުލް އުގޫބާތުގެ ދަށުން އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ބުންޏެވެ. މިހާރު އަމަލުކުރާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ބެލިޔަސް، ޝަހުމަށް ދެވޭނީ މަރުގެ އަދަބު ކަމަށް ދައުލަތުން ބުންޏެވެ.

ޝަހުމްގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ އެ ދައުވާކުރީ ކުރީގެ ޤާނޫނުލް އުގޫބާތުގެ ދަށުން ކަމަށްވާތީ އަދަބު ކަނޑައެޅުމުގައި މިހާރު ބަލަން ޖެހޭނީ މިހާރު އަމަލުކުރާ ޤާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ. އަދި މިހާރު އަމަލުކުރާ ޤާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅިޔަސް، ޝަހުމަށް އަންނާނެ އަދަބަކީ މަރުގެ އަދަބު ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަތެވެ.

ޝިމާޒަށް ދެވޭނީ 17 އަހަރުގެ އަދަބެއް

ޝިމާޒްގެ މައްޗަށް ދައުވާކުރީ އަހުސަނަށް ވަޅިން ހަމަލާ ދިނުމުން ޝަހުމް ގޮވައިގެން އެ ސަރަހައްދަށް އައުމާއި އަދި އެ ހަމަލާއަށް ފަހު ސައިކަލެއްގައި ޝަހުމް ގޮވައިގެން އެ ސަރަހައްދުން ގޮސްފައިވާތީ އެވެ.

ހަމަލާގައި މަރުވި އަހުސަން

ހަމަލާގައި މަރުވި އަހުސަން

ދައުލަތުން ބުނީ އެ ހާދިސާ ހިނގިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތު އޮތްގޮތުން ކުށްކުރި މީހާ ފިލަން އެހީތެރިވާ މީހާ ވެސް އަސްލު ކުށްކުރި މީހެކޭ އެއްފަދައިން ކުށްވެރިވާނެ ކަމަށެވެ. އެހެންވެ، ޝަހުމް ފިލުވަން ޝިމާޒް އެހީތެރިވެފައިވާތީ ޝަހުމްއެކޭ އެއްފަދައިން ޝިމާޒް ކުށްވެރިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލަށް ރިއާޔަތް ކުރާއިރު، އަހުސަން މެރުމަށްޓަކައި ޝިމާޒާއި ޝަހުމްއާ ދެމެދު އެއްބަސްވެފައިވާ ކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެހެންވެ، ޝިމާޒްގެ މައްޗަށް ސާބިތުވަނީ މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ކަމަށާއި އެހެން ކަމުން އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ޝިމާޒްގެ މައްޗަށް ނުދެވޭނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

އެހެންވެ، ދައުލަތުން ބުނީ ކުރީގެ ޤާނޫނުލް އުގޫބާތުގެ ދަށުން ޝިމާޒްގެ މައްޗަށް ކަނޑައެޅޭނީ 18 އަހަރަށް ޖަލަށްލުން ކަމަށެވެ. އަދި މިހާރު އަމަލުކުރާ ޤާނޫނުލް އުގޫބާތުގެ ދަށުން ޝިމާޒަށް އަދަބު ކަނޑައެޅިޔަސް، އަދަބުގެ ދަރަޖަ މަތިކުރަން ދައުލަތުން އެދުނެވެ. އެގޮތުން އާންމު ތަނެއްގައި ކުށްކުރުމާއި ކުށްކުރުމަށްފަހު ފިލައިގެން އުޅެފައިވާތީ ޝިމާޒްގެ އަދަބުގެ ތިން ދަރަޖަ މަތިކުރަންޖެހޭ ކަމަށާއި އަދި އެގޮތަށް އަދަބު ކަނޑައެޅުމުން ޝިމާޒަށް ދެވޭނީ 17 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ އަދަބެއް ކަމަށް ދައުލަތުން ބުންޏެވެ.

ޝިމާޒްގެ ވަކީލް ޝިޔާމް ވިދާޅުވީ ދެވެން އޮތް އެންމެ ލުއި އަދަބެއް ޝިމާޒަށް ދޭން އެދޭ ކަމަށެވެ.

ޝަހުމްގެ ފަހު ބަސް: "އިސްލާމީ ޝަރީއަތާ ޚިލާފް ހުކުމަކަށް ބުނާނެ އެއްޗެއް ނެތް"

އަދަބާ ބެހޭގޮތުން ބުނަން ބޭނުންވާ އެއްޗެއް އެބައޮތްތޯ ފަނޑިޔާރުން ބެންޗުން ޝަހުމާ ސުވާލު ކުރުމުން އޭނާ ވާހަކަ ދެއްކީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނިންމުމާ ގުޅިގެންނެވެ. މާފުށީ ޖަލުގައި ހުރެގެން އެ ޝަރީއަތުގައި ބައިވެރިވި ޝަހުމް ބުނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމިއިރު، ރާބޮއެގެން ހުރި މީހެއްގެ ވާހަކަ ހުކުމުގައި ބުނެފައިވާ ކަމަށެވެ. އެފަދަ މީހެއްގެ ބަސް ގަބޫލު ކުރާނީ ކިހިނެއްތޯ ޝަހުުމް ސުވާލުކުރި އެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން ކުރިއަށް ގެންދަނީ

އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން ކުރިއަށް ގެންދަނީ

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށާއި މިއީ ހަމައެކަނި އަދަބާ މެދު ވާހަކަ ދެއްކުމުގެ މަރުހަލާ ކަމަށެވެ. އެހެންވެ، އަދަބާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ޝަހުމް ބުނީ އިސްލާމީ ޝަރީއަތަށް ރިއާޔަތް ނުކޮށް ކުރާ ހުކުމަކާ މެދު ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

އައްޑޫގައި ހުރެގެން ޝަރީއަތުގައި ބައިވެރިވި ޝިމާޒް ބުނީ ވީހާ ވެސް ލުއި އަދަބެއް ދޭން އެދޭ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވީ ޝަހުމް ފިލުވަން އެހީތެރިވުން ކަމަށްވާއިރު، އެފަދަ އެތައް ބަޔަކު ދައުވާ ނުކޮށް ދޫވެފައި ތިބި ކަމަށް ޝިމާޒް ބުންޏެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެހެން މީހުންނަށް ދައުވާ ކުރުމާއި ނުކުރުމަކީ މި މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލިސް ފަހުން ބާއްވާނެ ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ޝަހުމް މިހާރު ވެސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަނީ މަރުގެ މައްސަލައެއްގަ އެވެ. އެއީ 2010 ވަނަ އަހަރު ޔޫތު ސެންޓަރު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލާގަ އެވެ.