Roadha Mihaaru
އިންޖީނު ހިންގެން ނެތުމުން ލުބުނާން ކަނު އަނދިރީގައި

އިންޖީނު ހިންގާނެ ތެޔޮ ނެތުމުން ލުބުނާން ކަނު އަނދިރީގައި

10 އޮކްޓޯބަރ 2021

ލުބުނާންގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އިންޖީނުތައް ހިންގާނެ ތެޔޮ ނެތުމުގެ ސަބަބުން، އިންޖީނުތައް ނުހިންގި، މުޅި ލުބުނާން ކަނު އަނދިރިކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ލުބުނާންގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އިންޖީނުތައް ހިންގާނެ ތެޔޮ ނެތުމުގެ ސަބަބުން، އިންޖީނުތައް ނުހިންގި، މުޅި ލުބުނާން ކަނު އަނދިރިކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ކަރަންޓުގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން ބުނި ގޮތުގައި، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ދެ އިންޖީނުގެ އަށް ބޭނުންވާ ވަރަށް ތެޔޮ ލިބުން ހުއްޓިފައިވާތީ، ހުކުރު ދުވަހުން ފެށިގެން އެ ދެ އިންޖީނުގެ ހުރީ ބަންދުކޮށްފަ އެވެ. އެއީ ދޭރް އައްމާރްގައި ހުންނަ އިންޖީނުގެ އާއި ޒަހްރާނީ ސްޓޭޓްގައި ހުންނަ އިންޖީނުގެ އެވެ.

މިއީ ލުބުނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ދެ އަހަރުގެ ތެރޭގައި، އެ ގައުމުގެ އެންމެ ބޮޑު ދެ އިންޖީނުގެ ބަންދުކުރި ފުރަތަމަ ފަހަރެވެ. އިގްތިސާދު ހީނަރުވެ ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ، ލުބުނާނަށް ބޭނުންވާ ތެލާއި، ބޭހުގެ ސާމާނާއި އެހެނިހެން އިމްޕޯޓް މުދާ އެތެރެކުރުން ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

އެކަށީގެންވާ ވަރަށް ތެޔޮ ނުލިބޭތީ، ލުބުނާންގެ އެންމެ ބޮޑު ދެ އިންޖީނުގެ އިން، މިދިޔަ އަހަރުން ފެށިގެން ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތުތަކެއްގަ އެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބެނީ އެންމެ ގިނަވެގެން ވެސް ދުވާލަކު ހަތަރު ގަޑިއިރަށެވެ. އަދި ބައެއް ސަރަހައްދުތަކަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގަޑިއިރަކަށް ވެސް ކަރަންޓު ނުލިބެ އެވެ.

ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ ސިއްހީ ހިދުމަތް ދިނުމުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން ބައެއް ކަހަލަ އޮޕަރޭޝަންތައް ކުރުމަށް ބައެއް ހޮސްޕިޓަލުން މިހާރު އަންނަނީ ދެކޮޅު ހަދަމުންނެވެ. ސަބަބަކީ، އޮޕަރޭޝަންގެ މެދުތެރެއިން ވެސް ކަރަންޓު ކެނޑިދާނެ ކަމުގެ ބިރު އޮތުމެވެ.

އައްޒަހްރާނީ ސްޓޭޓްގެ ތެޔޮ ރައްކާކުރާ އިދާރާގެ ވެރިޔާ ޒިޔާދުއް ޒައިން ވިދާޅުވި ގޮތުގައި، ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއެކު މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަށް މިވަގުތު އޮތް ހަމައެކަނި ހައްލަކީ، އާންމުންގެ ބޭނުންތަކަށް ބާޒާރަށް ނެރެން ބަހައްޓާފައި ހުރި ތެޔޮ، ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރުމެވެ.

އެކަމަށް ސަރުކާރުން އެއްބަސްނުވާ ނަމަ ދެން އޮންނާނީ، އިރާގުން ތެޔޮ ހިފައިގެން އަންނަ ބޯޓު އޮކްޓޫބަރު 20 ގައި ލުބުނާނަށް އަންނަންދެން އިންތިޒާރު ކުރުމެވެ. ބޭރު ގައުމުތަކުން ލުބުނާނަށް އެތެރެކުރާ ތެލުން، ސަރުކާރުގެ އިންޖީނުގެތައް ހިންގުމަށް، ކޮންމެ މަހަކު ވެސް ލިބެނީ ވަކި މިންވަރަކަށެވެ. އެހެންކަމުން، ހުރިހާ ސަރަހައްދުތަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ނުދެވޭނެ ކަމަށް ކަރަންޓުގެ ހިދުމަތްދޭ އިދާރާ އިން ބުނެ އެވެ.