Roadha Mihaaru
ބިދޭސީ ކުލީ ސިފައިން ލީބިޔާ އިން ފައިބަންޖެހޭ

ބިދޭސީ ކުލީ ސިފައިން ލީބިޔާ އިން ފައިބަންޖެހޭ: ރަޝިޔާ، މިސްރު

05 އޮކްޓޯބަރ 2021

ލީބިޔާގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ބިދޭސީ ހުރިހާ ހަނގުރާމަވެރިން އެ ގައުމުން ފައިބަންޖެހޭ ކަމަށް ރަޝިޔާ އާއި މިސްރުން ބުނެފި އެވެ.

ލީބިޔާގައި މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ ބިދޭސީ ހުރިހާ ހަނގުރާމަވެރިން އެ ގައުމުން ފައިބަންޖެހޭ ކަމަށް ރަޝިޔާ އާއި މިސްރުން ބުނެފި އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އާއި މިސަރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކުރީ ބައްދަލުކުރެއްވުމަށް ފަހު، ދެބޭފުޅުން އެކުގައި ދެއްވި ބަޔާނެއްގައި ވިދާޅުވީ، ލީބިޔާގެ ދާހިލީ ހަނގުރާމައަށް ނިމުމެއް ގެނެވޭނީ، މިހާރު އެ ގައުމުގައި ތިބި ބިދޭސީ ހުރިހާ ހަނގުރާމަވެރިން އެ ގައުމުން ފައިބައިގެން ކަމަށެވެ.

ލަވްރޯވް އާއި ސާމިހް ޝުކުރީގެ މި ބައްދަލުކުރެއްވުމަކީ، ދެ ގައުމުގެ ގުޅުމާއި ދެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މިހާރު ކުރަންޖެހިފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމުގެ ބައްދަލުވުމެކެވެ. ލަވްރޯވް ވިދާޅުވި ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވަން ހަމަޖައްސާފައި އޮތް ލީބިޔާގެ އާންމު އިންތިހާބާއި ރިއާސީ އިންތިހާބަކީ، އެ ގައުމުގައި މަދަނީ ސަރުކާރެއް އެކުލަވައިލުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި އެކަމަށް ރަޝިޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ލީބިޔާގެ ދައުލަތުގެ މުއައްސަސާތައް އަލުން އެކުލަވައިލުމަށާއި، ވަކިވަކި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބަދަލުގައި، ސަރުކާރު ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވޭ ދިފާއީ ބާރުތަކެއް ގާއިމުކުރުމުގައި ވެސް ރަޝިޔާގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް، ހުޅަނގުގެ މަދަދާ އެކު 2011 ވަނަ އަހަރު ފެށި، މުޒާހަރާތަކުގައި ގައްޒާފީގެ ވެރިކަން ވެއްޓުމަށް ފަހު، މިއަދާ ހަމައަށް ވެސް އެގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. އެ ގައުމުގެ ސިފައިން ދެ ބަޔަކަށް ބެހި ހަނގުރާމަވެރި ވަރުގަދަ ދެ ލަޝްކަރު އުފެދިފައިވާއިރު، ބޭރު ގައުމުތަކުން ވެސް ދެ ފަރާތުގެ ހަނގުރާމަވެރިންނަށް ތާއީދުކުރެ އެވެ.

ނަމަވެސް ލީބިޔާގެ ވާދަވެރި ސިޔާސީ ޖަމާއަތްތަކާއި ހަނގުރާމަވެރި ދެ ލަޝްކަރުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، އެ ހުރިހާ އެންމެން ވެސް މިހާރު އެއްބަސްވެފައި ވަނީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެ ގައުމުގައި އިންތިހާބު ބާއްވައި މަދަނީ ސަރުކާރެއް އެކުލަވައިލުމަށެވެ.

"އަހަރެމެން ދެ ގައުމު، މިސްރާއި ރަޝިޔާ ވެސް ގަބޫލުކުރަނީ، ލީބިޔާގައި ތިބި ބިދޭސީ ހަނގުރާމަވެރިން، އިންތިޒާމީ ގޮތެއްގައި މަޑުމަޑުން އެ ގައުމުން ފައިބައިގެން ދާންޖެހޭނެ ކަމަށް،" މިސްރުގެ ހާރިޖީ ވަޒީރާ އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ލަވްރޯވް ވިދާޅުވި އެވެ.

"މިސްރު ވެސް ބޭނުންވަނީ، ބިދޭސީ ހަނގުރާމަވެރިން ލީބިޔާ އިން ފައިބަން. އެ ގައުމުގައި ހާލި ހަދައިގެން ތިބި ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރިންނަކީ، އެ ގައުމަށާއި އެ ގައުމުގެ އަވައްޓެރިންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް. އެ ހުރިހާ އެންމެން ލީބިޔާ އިން ފައިބަން ޖެހޭނެ،" މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކްރީ ވިދާޅުވި އެވެ.

މިސްރާއި ރަޝިޔާ އިން މި މޭރުމުން ވާހަކަ ދެއްކި އިރު، އެ ދެ ގައުމުން ވެސް ތާއީދު ކުރަމުން ދަނީ، ލީބިޔާގެ އިރުމަތީ ސަރަހައްދުގައި އޮތް، ކުރީގެ ޖެނެރަލް ޚަލީފާ ހަފްތަރުގެ ހަނގުރާމަވެރިންނަށެވެ. އެ ދެ ގައުމުގެ ސިފައިން ވެސް ޖެނެރަލްގެ ލަޝްކަރަށް މަދަދު ދިނުމުގައި ބައިވެރިވެ އެވެ.

އެއާ ޚިލާފަށް ވެރިރަށް ޓްރިޕޮލީގައި އޮތް، ވަގުތީ ސަރުކާރަށް ނިސްބަތްވާ ހަނގުރާމަވެރިންނަށް މަދަދު ފޯރުވަމުން ދަނީ ތުރުކީ ވިލާތުގެ ސިފައިންނާއި، ތުރުކީ ވިލާތުގެ އެހީގައި ގެނެސްފައި ތިބި ސީރިޔާގެ ހަނގުރާމަވެރިންނެވެ.