Roadha Mihaaru
ޓެރަރިސްޓް ލިސްޓަށް ބަދަލެއް ނެތް، ސީރިއާއަށް ނުދެވޭނެ

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އަލުން ކަނޑައަޅައިފި، ސީރިއާއަށް ދިއުން އަދިވެސް މަނާ

04 އޮކްޓޯބަރ 2021

ޓެރަރިސްޓް ޖަމާއަތްތައް އަނެއްކާވެސް ކަނޑައަޅައި، އަދި ސީރިއާ އަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން އަނެއްކާ ވެސް ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިސްޓް ޖަމާއަތްތައް އަނެއްކާވެސް ކަނޑައަޅައި، އަދި ސީރިއާ އަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން އަނެއްކާ ވެސް ދަމަހައްޓައިފި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވަން ޖެހޭނެ އެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާ އެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާ ކުރަމުން ގެންދަން ޖެހޭނެ އެވެ.

އެ ލިސްޓް މުރާޖާކޮށް، އިއްޔެ ނެރުނުއިރު ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ކުރިއެކޭ ވެސް އެއްގޮތަށް އެ ލިސްޓުގައި އޮތީ 19 ޖަމާއަތެކެވެ. އޭގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަލްގައިދާ ފަދަ ޖަމާއަތްތައް ހިމެނެ އެވެ.

މީގެ އިތުރުން މިފަހަރުގެ ލިސްޓުގައި ވެސް، ދިވެހިން ދަތުރުކުރުން މަނާކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާ ހިމަނާފައިވެ އެވެ. އެހެންވުމުން އެއްވެސް ބޭނުމެެއްގައި ސީރިއާ އަށް ދިވެހިން ދަތުރު ކުރުން މަނާވާނެ އެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެހީތެރިވުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކޮށްފި ނަމަ، އެއީ ވެސް ޖަލު ހުކުމް އަންނަ ކުށެކެވެ.