Roadha Mihaaru
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އޮތްގޮތަށް ދަމަހައްޓަނީ

ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުގެ ލިސްޓަށް ބަދަލު ނުގެނެސް، ދަމަހައްޓަން ނިންމައިފި

05 ޖެނުއަރީ 2021

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި އަދި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާ ކަނޑައަޅާފައި އޮތްއޮތުން ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި އަދި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާ ކަނޑައަޅާފައި އޮތްއޮތުން ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް ރައީސް ކަނޑައެޅުމަށް ފަހު ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާ ކުރަން ޖެހޭނެ އެވެ. ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އެ ލިސްޓުގައި އޮތީ ސީރިއާ އެކަންޏެވެ. އެކަމަކު ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވެ އެވެ.

ރައީސް އޮފީހުން ބުނީ އެ ލިސްޓު މުރާޖާ ކުރުމަށް ފަހު އެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެންނަން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ. އެހެންވެ، ކުރިން ވެސް އިއުލާން ކޮށްފައިވާ ލިސްޓު އޮތްގޮތަށް ދެމެހެއްޓުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު އޮންނަ ގޮތުން ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް ކަނޑައަޅާ ތަނަކަށް ދިވެއްސަކު ދިއުމަކީ ވެސް ވަކި ކުށެކެވެ. އެހެންވެ، ހަނގުރާމައެއްގައި ބައިވެރިި ނުވިޔަސް، ސީރިއާގެ ސަރަހައްދަކަށް ގޮސްފި ނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އާއި ތާލިބާން ޖަމާއަތާއި ޖަބްހަތު ނުސްރާގެ އިތުރުން ލަޝްކަރޭ ތައިބާ ފަދަ ޖަމާއަތްތައް ހިމެނެ އެވެ. މިއިން ޖަމާއަތަކަށް އެހީތެރިވުން ނުވަތަ ހިތްވަރު ދިނުމާއި ތާއީދު ކުރާކަން ހާމަ ކުރުމަކީ ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށެކެވެ.