Roadha Mihaaru
ގައުމީ ޓޫރިޒަމް ދުވަހަކަށް އޮކްޓޯބަރު 3 ކަނޑައަޅައިފި

ފުރަތަމަ ރިސޯޓާ ގުޅުވައި ގައުމީ ޓޫރިޒަމް ދުވަހަކަށް އޮކްޓޯބަރު 3

03 އޮކްޓޯބަރ 2021

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓު ހުޅުވި ދުވަހާ ގުޅުވައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 3 ވަނަ ދުވަހަކީ ގައުމީ ޓޫރިޒަމްގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި މުޅި ރާއްޖެއަށް ޓޫރިޒަމް އިތުރަށް ފަތުރާލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓު ހުޅުވި ދުވަހާ ގުޅުވައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 3 ވަނަ ދުވަހަކީ ގައުމީ ޓޫރިޒަމްގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި މުޅި ރާއްޖެއަށް ޓޫރިޒަމް އިތުރަށް ފަތުރާލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓޫރިޒަމް ދުވަހެއް ކަނޑައަޅުއްވައި އެކަން ރައީސް އިއުލާން މި ކުރެއްވީ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓަކީ ކުރުނބާ ވިލެޖެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ފާހަގަކުރި ނަމަވެސް މިއަދުން ފެށިގެން ދިވެހި ގައުމީ ޓޫރިޒަމް ދުވަހަކީ އޮކްޓޯބަރު 3 ކަމަށެވެ. ރާއްޖެއަކީ ޓޫރިޒަމަށް ފުރުސަތު ހަނި ތަނެއް ކަަމަށް ކުރިން ގަބޫލުކުރެވުނަސް ގިނަ ބައެއްގެ ހިތްވަރާ އެކު ގޮންޖެހުންތަކުން އަރައިގަނެ މި ދާއިރާގައި ކުރެވުނު މަސައްކަތްތައް ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް. އެހެންކަމުން އަޅުގަނޑުމެން މި ނިންމަނީ ކުރުނބާ ވިލެޖުގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަސް، އާދެ 3 އޮކްޓޯބަރު ކޮންމެ އަހަރަކުވެސް ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް މިހާރު އޮތް ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެވެ. މި ދާއިރާ ކުރިއަރުވަން އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަމާޒަކީ މުޅި ރާއްޖެ އަށް ޓޫރިޒަމް ފަތުރާލުމުގެ ހުރިހާ ކަމެއް ކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކައުންޓްޑައުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކައުންޓްޑައުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމާއި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުތައް ހުރުމާއި ޒަމާނީ މުވާސަލާތީ ހިދުމަތްތައް ލިބެން ޖެހޭނެ އެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއެރުވުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ ކޮންމެ މަޝްރޫއެއްގައި ތިމާވެއްޓާ އެއްކީލު ސިޔާސަތުތައް އެންމެ ކުރީގައި ހިމަނަން ޖެހޭ. އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރަން އެބަޖެހޭ. ޕްލާސްޓިކާ މުޅިން ދުރަށްދާން އެބަޖެހޭ. ފަޅުތަކާއި ފަރުތަކާއި ގޮނޑުދޮށްތައް ހިމާޔަތް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

"މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކަށް. ރާއްޖެއަކީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލަށްވާއިރު ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭން ކުރާ ކޮންމެ ކަމަކީ ދިވެހި ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށްވާނެ."

ރައީސް މިރޭ ވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ދާއިރާގެ އިސް ބޭފުޅުންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މުވައްޒަފުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަންހެނުންނާއި ޒުވާނުން ދާއިރާގައި ގިނަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް ވަނީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ތީމް ލަވަ، "ނަލަ ނަލަ ރާއްޖެ" ލޯންޗުކޮށްދެއްވައިފަ އެވެ. މި ލަވަ ތައްޔާރުކުރީ ދެޓިއުން ބޭންޑުންނެވެ.

ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ހިންގާނެ އެވެ.